މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެރެނަލްގެ މަގާމުން ވަކިކުރި މަރްޔަމް ޒީނިޔާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފައިވާ މައްސަލަ ބަލައި ނިމެންދެން، އެ މަގާމަށް އެހެން މީހަކު އައްޔަންކުރުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދޭން ޓްރައިބިއުނަލުން ދެކޮޅުހަދައިފިއެވެ.
މިދިޔަ މަހުގެ 25ގައި ޒީނިޔާ އެސްޖީގެ މަގާމުން ވަކިކުރީ ބްރޯޑްކޮމްގެ ގާނޫނުން ލާޒިމްކުރާ ޒިންމާ އަދާ ކުރުމުގައިއާއި ކޮމިޝަން ހިންގުމުގައި އިހުމާލުވެ، ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތަކަށް އިޙުތިރާމު ކުޑަކުރާ ކަމަށް ބުނެއެވެ.
މަގާމުން ވަކިކުރުމުގެ ކުރިން މިދިޔަ މަހުގެ 20ގައި ބްރޯޑްކޮމްއިން އޭނާ ތިން ދުވަހަށް ސަސްޕެންޑު ކުރިއެވެ. އެއާއެކު އެކަމާ ގުޅިގެން އިހުތިޖާޖު ކުރުމުގެ ގޮތުން ކޮމިޝަންގެ ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލުމަށް ފަހު, ގެއަށް ގޮސްފައިވެއެވެ.
އޭގެ ކުރިން، ބްރޯޑްކޮމްގެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް، އެ ތަނުގެ ރައީސާއި މެންބަރުން ހައްދެއް ނެތި ހުރަސް އަޅަމުންދާ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިދިޔަ މަހުގެ 18ވަނަ ދުވަހު ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ.
ނަމަވެސް، ޕެޓިޝަނެއް ހުށަހެޅިއިރު, އެ ކަންބޮޑުވުންތައް ކޮމިޝަންގެ މެންބަރުންނާ ހަމައަށް ގެނެސްފައި ނުވާ ކަމަށް, ކޮމިޝަންގެ ރައީސް ޞަފާ ޝަފީގް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އެއަށްފަހު، މި މަހުގެ ފަހެއްގައި ބްރޯޑްކޮމްއިންވަނީ އެސްޖީގެ މާގަމަށް ކުރިލަތިލާން ހުޅުވާލައިފައެވެ.
ޒީނިޔާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، އޭނާ ސަސްޕެންޑުކުރުމަށާއި ވަކިކުރަން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައި، އެ މަގާމަށް އޭނާ އަނބުރާ ހަމަޖެއްސުމަށް އަމުރު ކުރުމަށެވެ. އަދި އޭނާ ވަކިކުރި ދުވަހުން ފެށިގެން އަނބުރާ ހަމަޖެއްސުމާ ހަމައަށް ހިނގާ މުއްދަތަކީ ޒީނިޔާ ވަޒީފާގައި ހުރި މުއްދަތެއް ކަމަށް ކަނޑައަޅައި، އެ މުއްދަތުގައި ލިބެން ޖެހޭ މުސާރައާއި އިނާޔަތްތައް އެއް ފަހަރާ ދިނުމަށް ބްރޯޑްކޮމްއަށް އަމުރުކޮށްދިނުމަށް އެދިފައިވެއެވެ.
އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރެދިނުމަށް އޭނާ އެދިފައިވަނީ، އެ މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ބްރޯޑްކޮމްއިން އެސްޖީގެ މަގާމަށް ދާއިމީ މުވައްޒަފަކު ނަގައިފި ނަމަ، ޒީނިޔާއަށް ވަޒީފާ އަނބުރާ ދިނުމަށް ނިންމާ ހާލަތެއްގައި އެ ނިންމުން ތަންފީޒު ކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމަށް ބުނެއެވެ. އޭގެ ސަބަބުން އޭނާއަށް އިޔާދަނުކުރެވޭނެ ގެއްލުން ލިބޭނެ ކަމަށް ޒީނިޔާ ބުނެފައިވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް ޞަފާ ޝަފީޤް -- ފޮޓޯ: ބްރޯޑްކޮމް
މީގެ އިތުރުން، ބްރޯޑްކޮމްއިން އެސްޖީގެ މަގާމަށް މީހަކު އައްޔަންނުކުރަން އަންގައި ވަގުތީ އަމުރެއް ނެރޭ ހާލަތުގައި އެ ކޮމިޝަނަށް ލިބިދާނެ ގެއްލުމާއި ގެއްލިދާނެ މަސްލަހަތަށްވުރެ، ވަގުތީ އަމުރު ނުނެރޭނަމަ ޒީނިޔާއަށް ލިބިދާނެ ގެއްލުމާއި ގެއްލިދާނެ މަސްލަހަތު ބޮޑު ކަމަށް އޭނާ ހުށަހެޅި މައްސަލައިގައިވެއެވެ.
އެ ވަގުތީ އަމުރު ނެރުމާ ގުޅޭ ގޮތުން ބްރޯޑްކޮމްއިން ޖަވާބުދާރީވާން އެންގުމުން އެ ކޮމިޝަނުން ބުނީ، އެ މައްސަލައިގައި ގޮތެއް ނުނިންމަނީސް ވަގުތީ އަމުރެއް ނެރެފި ނަމަ ބްރޯޑްކޮމްއަށް ވެސް ފޫނުބެއްދޭވަރުގެ ގެއްލުން ލިބޭނެ ކަމަށެވެ. އެ ކޮމިޝަނުން ފާހަގަކުރި ބައެއް ކަންތައްތަކުގެ ތެރޭގައި:
- ކޮމިޝަން ހިންގުމުގައި އެސްޖީގެ ލަފާގެ މަތިން، ކޮމިޝަނުން ކުރަން ޖެހޭ ކަންކަން ކުރުމަށް އެކަށޭނަ މުވައްޒަފުން ހިމެނޭ އިދާރާއެއް ގާއިމުކުރުމަށް ގާނޫނުގައިވާއިރު، އެ ގާނޫނަށް އަމަލުކުރުމަށް ހުރަސްއެޅި، އިދާރީ ގޮތުން މަސައްކަތްތައް ނުކުރެވުން
- ބްރޯޑްކޮމް ހިންގާ އިމާރާތަކީ މުވައްޒަފުންނަށް ރައްކާތެރި ތަނަކަށް ނުވެ، އަސާސީ ޚިދުމަތްތަކަށް ބުރޫ އަރާތީ، އެހެން އިމާރާތަކަށް ބަދަލުވުމުގެ މަސައްކަތް ކުރަން ޖެހޭ ނަމަވެސް، އެ މަސައްކަތާ ގުޅުންހުރި އިދާރީ ކަންކަމުގައި އެންމެ އިސް މީހަކީ އެސްޖީއަށް ވާން ޖެހޭ. ނަމަވެސް މަގާމު ހުސްވެފައި ވުމުން އެ މަސައްކަތް ވެސް ހުއްޓިފައިވުން
- ވަގުތީ ގޮތުން އެސްޖީގެ މަގާމު އަދާކުރެވޭނެ މީހެއް ކޮމިޝަންގައި ނެތުން
ވަގުތީ އަމުރު ނެރުމާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ޓްރައިބިނަލުން ފާހަގަކޮށްފައި އޮތީ، އެފަދަ އަމުރެއް ނުނެރޭ ހާލަތުގައި ޒީނިޔާއަށް ލިބިދާނެ ކަމަށް ބުނެފައިވާ ގެއްލުމަކީ އިއާދަނުކުރެވޭ ފަދަ ގެއްލުމެއްތޯ ބަލާއިރު، އޭނާއާ އެއްކޮޅަށް މައްސަލަ ނިމޭ ހާލަތުގައި ގެއްލުމުގެ ބަދަލު ދިނުމަށް އަމުރުކުރެވިދާނެ ކަމަށެވެ. އެހެންވެ، އޭނާއަށް އިއާދަނުކުރެވޭ ގެއްލުމެއް ލިބޭނެ ކަމަށް ބުރަނުވެވޭ ކަމަށް ޓްރައިބިއުނަލުން ކަނޑައެޅިއެވެ.
މީގެ އިތުރުން އެސްޖީއަކީ ބްރޯޑްކޮމްގެ މުހިންމު ޒިންމާތަކެއް ހަވާލުވެފައިވާ މަގާމެއްކަން އެނގެން އޮތްއިރު، އެ މަގާމަށް މީހަކު ނެގުން ހުއްޓުވުމަކީ ކޮމިޝަންގެ އިދާރީ ހިންގުމަށް ނޭދެވޭ އަސަރުކޮށް، ގާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރަމަށާއި އިދާރީ ހިންގުމަށް ބުރޫ އަރާނެ ކަމެއް ކަމަށް ޓްރައިބިއުނަލުން ބުނެފައިވެއެވެ.
"ވަގުތީ އަމުރު ނެރެދީފިނަމަ މި މައްސަލައިގައި މައްސަލަ ރައްދުވި ފަރާތަށް (ބްރޯޑްކޮމްއަށް) ކުރިމަތިވާނެ ގެއްލުން ބޮޑު ކަމަށް ބުރަވެވޭ ސަބަބަށްޓަކައި، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ފަދަ ވަގުތީ އަމުރެއް މި މައްސަލައިގައި ނެރެދެވެން ނެތް ކަމަށް ކަނޑައަޅަން ޖެހޭ ކަމުގައި ދެކެމެވެ." ޓްރައިބިއުނަލްގެ ނިންމުމުގައިވެއެވެ.
ބްރޯޑްކޮމްއަށް އެސްޖީއަކު ހޯދާއިރު، އެ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އެގޮތުން، އިސްލާމިކް މިނިސްޓްރީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމުގައި ހުންނެވި ޒަމްއަތު އަހްމަދު ވަހީދަށް މިދިޔަ ހޯމަ ދުވަހު މަޖިލީހުން ވަނީ ރުހުން ދީފައެވެ.