ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތައް ނިގުޅައިގެންފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް ދޮޅު ލައްކަ ބިދޭސީ މަސައްކަތްތެރީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރުގެ މެއި މަހު، ރައީސްގެ އިރުޝާދުގެ ދަށުން ސަރުކާރުން ވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަން 'ކުރަނގި'ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.
މިއަދު ފާހަގަކުރާ މަސައްކަތްތެރީންގެ ދުވަހާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއަދަކީ ސަރުކާރަށް ކާމިޔާބީގެ އާބޮޅެއް އިތުރުވި ދުވަހެއް ކަމަށެވެ. ސަބަބަކީ 150،000 ބިދޭސީ މަސައްކަތްތެރިންގެ 10 އިނގިލީގެ ނިޝާނާއި ފޭޝަލް ރެކޮގްނިޝަންއަށް ބޭނުންވާ ފޮޓޯ ނަގައި، ޑޭޓާބޭސް އަދާހަމަކުރެވުން ކަމަށް އެ މަނިކުފާނު ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މަސައްކަތްތެރީންގެ ދުވަސް ފާހަގަކުރާއިރު ރާއްޖޭގެ މަސައްކަތްތެރިންގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރާ ބިދޭސީންގެ ހާލަތާމެދު ވިސްނާލަން ޖެހޭ ކަމަށެވެ.
ގަވާއިދާ ޚިލާފަށް އުޅެމުން މަސައްކަތް ކުރުވުމުގެ ނަތީޖާއެއްގެ ގޮތުން އެ މީހުންގެ އަސާސީ އިންސާނީ ހައްގުތައް ވެސް ވަނީ ނިގުޅައިގަނެވިފަރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
އެ މަނިކުފާނު ވިދާޅުވީ އެ މިމައްސަލައަށް ދާއިމީ ހައްލެއް ގެނައުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށާއި އެ ކަމަށްޓަކައި ކުރާ އެންމެ މުހިންމު މަސައްކަތަކީ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަކީ ވެސް ކާކުކަން ބަޔޯމެޓްރިކަލީ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ.
ހޯމް މިނިސްޓްރީއިން ވަނީ އޮޕަރޭޝަން ކުރަނގިގެ މަސައްކަތް ނިމުމާއެކު ބޭރު މީހުން ގެނައުމުގައި މިހާރު އޮތް ދަތިކަން ހައްލުވާނެ ކަމަށް ބުނެފައެވެ.
އޮޕަރޭޝަން ކުރަނގިގެ ތެރެއިން، ބިދޭސީން ވަޒީފާ އަދާކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ޔަގީން ކުރެއެވެ. މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގެ ބޭނުމަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަކީ ވެސް ގަވާއިދުގެ ތެރޭގައި މަސައްކަތް ކުރާ ބަޔަކަށް ހެދުމެވެ.
ރާއްޖޭގައި އެންމެ ފަހުން ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި، ގައުމުގެ އާބާދީ ފަސް ލައްކައަށް އަރާއިރު އޭގެ ތެރޭގައި 132,371 ބިދޭސީން ހިމެނެއެވެ.