ދިރިއުޅުމުގެ މައިދާނުގައި ވެސް ކުރިއެރުން ހޯދޭނީ ކުޅިވަރުގެ މައިދާނުގައި ދައްކާ އަޚްލާާގާއި ފެއާ ޕްލޭގެ އުސޫލު އިސްކޮށްގެންކަމަށް ސަން ސިޔާމް ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއާމަން އަދި މެނޭޖިންގް ޑިރެކްޓަރު، އަދި މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު މިރޭ ވިދާޅުވެއްޖެއެވެ.
ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓުބޯލް ޗެމްޕިއަންޝިޕް ނިންމާލުމުގެ ގޮތުން މިރޭ އޮތް ހަފްލާގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ކުޅިވަރު ކުޅުމުގެ ތެރެއިން ފެންނަ ކެތްތެރިިކަމާއި ހިތްވަރަކީ އާންމު ދިރިއުޅުމުގައި ވެސް ފެންނަން ޖެހޭނެ ސިފަތައް ކަމަށެވެ.
އާންމު ދިރިއުޅުމުގައި ވެސް ކުރިއަށް ދެވޭނީ ރަނގަޅު އަޚްލާގާއި، "ފެއާ ޕްލޭ"ގެ އުސޫލުގައި ހިފައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ތިމާއަށް ދިރިއުޅުމުގައި ވެސް ކާމިޔާބު ލިބޭނީ އަޅުގަނޑުމެންގެ މި ފުޓުބޯޅަ ދަނޑުން މި ފެންނަ ކުޅުމާއި، ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އަޅުގަނޑުމެންނަށް ގާއިމްކުރެވިގެން،" ސިޔާމް ވިދާޅުވިއެވެ.
ހަމައެއާއެކު ސިޔާމް ވިދާޅުވީ މުޖުތަމައުގެ މެދުގައި ބައިބައިވުން އުފެދިއްޖެނަމަ ކުރިއެރުން ނުލިބޭނެ ކަމަށެވެ. އަދި ކުރިއެރުން ހޯދާނަމަ އެ ތަނެއްގައި ލޯތްބާއި، އެކުވެރިކަމާއި އެއްބާރުލުން އާލާކުރަން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.
މިރޭ ކެނދިކުޅުދޫގައި ނިންމައިލި "ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025" އަކީ ސިޔާމްގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ފުޓުބޯޅަ މުބާރާތެކެވެ.
ސިޔާމް ވިދާޅުވީ މި މުބާރާތް އިންތިޒާމު ކުރުމުގައި ކެނދިކުޅުދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ކުރި މަސައްކަތަކީ ހުރިހާ ދިވެހީން ފަހުރުވެރިވާން ޖެހޭ މަސައްކަތެއް ކަމަށެވެ.
އަދި މި މުބާރާތުގެ ތެރެއިން ފެނުނީ ރާއްޖޭގައި މިވަގުތު ތިބި އެންމެ މޮޅެތި ކުޅުންތެރިން ކަމަށާއި، މިފަދަ މުބާރާތްތަކުން ގައުމަށް ބޭނުންވާނެ މޮޅު ކުޅުންތެރިން އުފެދުމަކީ އެ މަނިކުފާނު ކުރައްވާ އުންމީދު ކަމަށް ވެސް ވިދާޅުވިއެވެ.
"އެ ކުޅުންތެރިންނަކީ ކުޅިވަރުގެ އެމްބެސެޑަރުންނަށް ވެގެންދާން ޖެހޭނެ، ސަަބަބަކީ އެ ބޭފުޅުންނަކީ ވަރަށް ވެސް ފުރިހަމަ ކުޅުމެއް ކުޅެމުން ދާ ބައެއް،" ސިޔާމް ވިދާޅުވިއެވެ.
މިރޭ އޮތް ހަފުލާގައި ވަނީ އަންނަ އަހަރު ބާއްވާ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ސަންސިޔާމް ގްރޫޕާއެކު އެއްބަސްވުމެއްގައި ވެސް ސޮއި ކޮށްފައެވެ.
މި ހަފްލާގެ ތެރެއިން ސިޔާމް ވަނީ ކެނދިކުޅުދޫ ރައްޔިތުންގެ އެދުމުގެ މަތީން ވަރަށް އަވަހަށް އެ ރަށުގެ ބަނދަރު ސަރަހައްދުގައި މިސްކިތެއް އަޅުއްވައިދެއްވަން މަސައްކަތް ފައްޓަވާނެކަމަށް ވެސް ވިދާޅުވެފައެެވެ.