ޕަރުވީންއާ ގުޅޭގޮތުން ކުރިން ނޭނގޭ ވާހަކައެއް

ކުރީގެ ފިލްމީ ތަރި ޕަރުވީން ބާބީ--ފޮޓޯ/އެންޑީޓީވީ

އިންޑިއާގެ ހިންދީ ސިނަމާގެ އެންމެ ވިދުންގަދަ ތަރިންގެ ތެރޭ ހިމެނޭ ޕަރުވީން ބާބީއާ ގުޅޭގޮތުން މީގެ ކުރިން ނޭނގޭ ވާހަކަތަކެއް ފިލްމު ޑައިރެކްޓަރު މަހޭޝް ބަޓް ކިޔައިދީފިއެވެ.

ޕަރުވީންއާ އެކު ލޯބީގެ ގުޅުމެއް ބޭއްވި ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ބުނެފައިވަނީ ޕަރުވީން ކައިވެންޏެއް ކޮށްފައިވާކަން މާފަހުން އެނގުނު ކަމަށެވެ. ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ އެކްޓަރުންނާ އެކު ވެސް ލޯބީގެ ގުޅުމެއް ބޭއްވި ޕަރުވީން މިހާތަނަށް ކައިވެންޏެއް ކޮށްފައިނުވާ ކަމަށް މީގެ ކުރިންވެ ސް މީޑިއާތަކުން ވަނީ ބުނެފައެވެ.

ބީބީސީ ނިއުސް ހިންދީއަށް ދިން އިންޓަވިއުއްގައި ކުރީގެ ބަތަލާ ޕަރުވީން ބާބީއާ އެކު ލޯބީގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަމުން މަހޭޝް ބުނެފައިވަނީ، ޕަރުވީން ކައިވެންޏެއް ކުރިކަން އެނގުނީ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ކަމަށެވެ.

ޕަރުވީން އަދި މަހޭޝް ބަޓް--ފޮޓޯ/އިންޑިއާފޯރަމް

އެކަން އެނގުނީ ޕަރުވީންގެ މަންމަގެ ފަރާތުން ކަމަށާއި ޕަރުވީން ކައިވެނިކުރި މީހާ ފަހުން ޕާކިސްތާނަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކަމަށް އެނގުނު ކަމަށް މަހޭޝް ވަނީ ބުނެފައެވެ. މަހޭޝް ބުނި ގޮތުގައި އޭނާ ޕާކިސްތާނަށް ކުރި ދަތުރެއްގައި ޕަރުވީން ކައިވެނި ކުރި ފިރިހެން މީހާ މަހޭޝާ ބައްދަލުކުރަން ބޭނުންވިކަން އެނގުނެވެ.

ނަމަވެސް، ކޮންމެ ވެސް ސަބަބުތަކަކާ ހެދި އޭރު އެކަން ނުވި ކަމަށާއި ފަހުން ވެސް އެ މީހާ ބޭނުންވި ނަމަ މަހޭޝާ ބައްދަލުވުމުގެ ފުރުސަތު އޮތް ކަމަށެވެ. އޭގެ ފަހުން އެ މީހެއްގެ ޚަބަރެއްނުވާ ކަމަށް މަހޭޝް ވަނީ މި އިންޓަވިއުގައި ބުނެފައެވެ.

ބަތަލާ އާލިއާ ބަޓް އަދި ޕޫޖާ ބަޓްގެ ބައްޕަ މަހޭޝާއި ޕަރުވީންގެ ލޯބީގެ ގުޅުން ފެށުނީ 1977ވަނަ އަހަރެވެ. އޭރު ޕަރުވީނަކީ ހިންދީ ސިނަމާގެ އެންމެ ޑިމާންޑު ބޮޑު އެއް ބަތަލާއެވެ.

ޕަރުވީންއާ އެކު މަހޭޝް ލޯބީގެ ގުޅުން ކުރިއަށް ގެންދިޔައިރު މަހޭޝް ހުރީ ބަތަލާ ޕޫޖާ ބަޓްގެ މަންމަ ކިރަން ބަޓްއާ ކައިވެނިކޮށްގެންނެވެ. ކައިވެނީގެ ބޭރުން ޕަރުވީންއާ އެކު މަހޭޝް ބޭއްވި ގުޅުމަށް ނިމުން އައީ ބަތަލާއަށް ދިމާވި ނަފުސާނީ ބަލިކަށިކަމާ ގުޅިގެން މާބޮޑަށް ހާލަތު ގޯސްވެ ސިކުނޑީގެ މައްސަލަތަކެއް ދިމާވުމާ ގުޅިގެންނެވެ.

ފަހުން ޕެރަނޮއިޑް ޝިޒޮފްރޭނިއާ ކިޔާ ސިކުނޑީގެ ބައްޔެއް ޕަރްވީންއަށް ޖެހިފައިވާކަން ޑޮކްޓަރުން ޔަގީންކަން ދިނެވެ. މި ބަލީގައި ވަރަށް ގިނަ ދުވަސްތަކަކު އުޅުމަށް ފަހު ޕަރްވީން މަރުވެފައި އޮއްވާ ފެނުނީ 2005 ގެ ޖެނުއަރީ 20 ވަނަ ދުވަހެވެ.

އޭނާ މަރުވެގެން ވެއްޓިފައި އޮތީ ދިރިއުޅުނު ގޭގެ ޓެރަސް މަތީގައެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އޭނާ މަރުވީ އެތެރެހަށީގެ ގުނަވަންތައް ފެއިލްވުމުގެ ސަބަބުންނެވެ.

comment ކޮމެންޓް