'ހައުސްފުލް 5'ގެ ކާސްޓުންގެ ލިސްޓަށް ނިމުމެއް ނެތް

ބޮޑު ކާސްޓަކާ އެކު މި އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "ހައުސްފުލް 5"ގެ ޓީޒާ ދައްކާލައިފިއެވެ.

މި ފިލްމަކީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ މަޝްހޫރު ކޮމެޑީ ފްރެންޗައިސް "ހައުސްފުލް"ގެ ދަށުން ގެނެސްދޭ އެ ފްރެންޗައިސްގެ ފަސްވަނަ ބައެވެ.

ފިލްމު "ހައުސްފުލް 5"ގެ ޓީޒާ ރިލީޒްކޮށްފައިވަނީ މި ފްރެންޗައިސްގެ ފުރަތަމަ ފިލްމު ރިލީޒްކުރިތާ 15 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ. ފަސްދޮޅަސް ސިކުންތަށް ދެމިގެންދިޔަ ކުރު ޓީޒާގައި މުޅިން ވެސް ދައްކައިލީ ފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިންގެ ތައާރަފެވެ.

ނަމަވެސް, ބެލުންތެރިންނަށް ހައިރާންކަން ލިބުނީ ފިލްމު "ހައުސްފުލް 5"ގެ ޓީޒާއިން ވެސް މި ފިލްމުގެ ކާސްޓުންގެ ލިސްޓު އަދިވެސް އޮތީ ކުރިއަށްކަން އެނގުމުންނެވެ.

ފިލްމު "ހައުސްފުލް 5"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

މި އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހު ސިނަމާތަކަށް ގެންނަ "ހައުސްފުލް 5"ގެ މައިގަނޑު ޕްލޮޓަކީ ބޮޑު ފިލްމީ ކާސްޓެއްގެ ތެރޭ ހިނގާ ގަތުލު އާއްމާ ގުޅިގެން ގާތިލު ހޯދުމަށް ކުރާ މަސައްކަތްތަކެވެ.

ކްރޫޒް ލައިނާއެއްގައި ހިންގާ މި ގަތުލު އާއްމުތަކުގެ ފަހަތުގައި ހުރީ ކާކުކަން ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ދިމާވާ ހެއްވާ މަޖާ ހާދިސާތައް މި ފިލްމުން ބެލުންތެރިންނަށް ފެންނާނެއެވެ.

މި ފިލްމުގެ ކާސްޓުންގެތެރޭ ކުރީގެ ބައިތަކުން ފެނިފައިވާ ފިލްމީ ތަރިން ކަމަށްވާ އަކްޝޭ ކުމާރު، ރިތޭޝް ދޭޝްމުކް ހިމެނެއެވެ. މީގެއިތުރުން އަބީޝެކް ބައްޗަން، ޝްރެޔާސް ތަލްޕަޅޭ، ފަރުދީން ޚާން، ސަންޖޭ ދަތު، ޑިނޯ މޯރިއާ، ނާނާ ޕަޓޭކަރު، ޗަންކީ ޕާންޑޭ، ޖެކީ ޝްރޮފް، ނިކިތިން ދީރު، ޖެކްލީން ފެނާންޑެޒް، ސޯނަމް ބަޖްވާ، ޗިތުރަންގްދާ ސިންގް އަދި ނަރުގިސް ފަޚުރީ ހިމެނެއެވެ.

comment ކޮމެންޓް