ގްލޯބަލް ޕާޓްނަރުން މެދުވެރިކޮށް ފަތުރުވެރިކަން ޕްރޮމޯޓުކުރަން ބީއެމްއެލްއާ އެކު އެއްބަސްވުމެއް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރާ ކެމްޕޭނެއް ހިންގުމަށް ބީއެމްއެލް އާއި އެމްއެމްޕީއާރްސީ އިން އެއްބަސްވުމެއްގައި ސޮއިކޮށްފައި: މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އޭޓީއެމް 2025ގެ ހަވާސާގެ ތެރެއިން -- ފޮޓޯ/ އެމްއެމްޕީއާރްސީ

ބޭންކުގެ ގްލޯބަލް ޕާޓްނާ ނެޓްވޯކްތައް މެދުވެރިކޮށް، ދުނިޔޭގެ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބީއެމްއެލްއާއި އެމްއެމްޕީއާރްސީން މި އެއްބަސްވުމުގައި ސޮއިކުރީ މިހާރު ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް)ގައެވެ.

މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، އެ ބޭންކުގެ އެކްސްކްލޫސިވް އިންޓަނޭޝަނަލް ކާޑު ޕާޓްނަޝިޕްތަކާ އެކު އޮންނަ ބަދަހި ގުޅުމުގެ ސަބަބުން ދުނިޔޭގެ އެކި މާކެޓުތަކުގައި ރާއްޖެ ޕްރޮމޯޓުކުރާ މިންވަރު އިތުރުވާނެ ކަމަށެވެ. އެގޮތުން، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްތައް ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކީ ވެސް ކޮންމެ ވެސް ކަހަލަ ކާޑެއް، މާސްޓާ ކާޑު، ވިސާ ކާޑު، އެމެރިކަން އެކްސްޕްރެސް ނޫނީ ޔޫނިއަން ޕޭ ދެއްތޯ؟ މިއިން ކޮންމެ ވެސް ކާޑެއް މެދުވެރިކޮށް ބުކިން ހަދައިގެން އައިސް މި ކާޑުތައް ބޭނުންކުރެވޭ ފަރާތެއް. އެ ފަރާތްތަކުން [ކާޑު] ކުރިން ބޭނުންކޮށްފައި ހުރި ގޮތުގެ ޑޭޓާ ވެސް ހުންނާނެ،ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް

ޝަރީފް ވިދާޅުވީ، ރާއްޖެއަށް އައުން އެންމެ އެކަށީގެންވާ، އަދި އެންމެ ބޭނުންވާ މާކެޓުތަކަށް ޓާގެޓުކޮށް، ސީދާ މުއާމަލާތުކުރެވޭނެ ކަމަށެވެ. އަދި، އެންމެ ބޮޑު ފައިދާއަކީ އެ ފަރާތްތަކުން ރާއްޖެ ދަތުރުކުރާއިރު ރާއްޖެއަށް އެކި ކަހަލަ އޮފާތައް ނުވަތަ އިންވެސްޓްމަންޓްތައް ލިބުން ކަމަށާއި އޭރުން ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރާ ކެމްޕޭނެއް ހިންގުމަށް ބީއެމްއެލް އާއި އެމްއެމްޕީއާރްސީ އިން އެއްބަސްވުމެއްގައި ސޮއިކޮށްފައި: މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އޭޓީއެމް 2025ގެ ހަވާސާގެ ތެރެއިން -- ފޮޓޯ/ އެމްއެމްޕީއާރްސީ

މިހާރު ވެސް ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުގެ ތަރުހީބު އެ ކަމަށް ލިބޭ ކަމަށާއި އުންމީދަކީ ކާމިޔާބުވުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި، ކައިރި މުސްތަގުބަލެއްގައި އަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލް ސީއީއޯގެ ވާހަކައަށް ބާރުދެއްވައި އެ ކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްއެމްޕީއާރްސީގެ އެމްޑީ ޝިއުރީ ވިދާޅުވީ، ބީއެމްއެލްގެ ކާޑު ނެޓްވޯކާ އެކު އެކަމަކީ ޑެސްޓިނޭޝަން މާކެޓަށް ނުވަތަ ފަތުރުވެރިކަމަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށެވެ.

އެ ބޭފުޅުންގެ ހުންނާނެ ހުރިހާ ހައި އެންޑް ކަސްޓަމާ ބޭސިސްއެއް. އެހެންވީމާ އަޅުގަނޑުމެން ގުޅިގެން ރާއްޖޭގައި އެކިއެކި ކެމްޕެއިންތައް ކުރިއަށް ގެންދެވޭނެ. އެކިއެކި އެކްސްޕީރިއަންސްތައް އަޅުގަނޑުމެންނަށް ޕްރޮމޯޓްކުރެވޭނެ. އެފަދަ އެހީތެރިކަން އެކިއެކި ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ބީއެމްއެލްއަށް ލިބެމުންދަނީ،އެމްއެމްޕީއާރްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ

އޭޓީއެމް 2025ގެ ހަވާސާގެ ތެރެއިން އެމްއެމްޕީއާރްސީން ވަނީ އެކިއެކި އެއާލައިންތަކާ އެކު ވެސް ސޮއިކޮށްފައެވެ. އެގޮތުން، އެމިރޭޓްސް އަދި ގަތަރު އެއާވޭސްއާ އެކު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް