އިމާރާތްކުރުމުގެ އަގު 13.53 އިންސައްތަ އުފުލިއްޖެ

އިމާރާތެއްގެ ބިންގާ އަޅަނީ: އިމާރާތްކުރުމުގެ އަގުތައް ވަނީ 13.3 އިންސައްތަ އުފުލިފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މިދިޔަ އަހަރުގެ މާރިޗު މަހާ އަޅައިބަލާއިރު މި އަހަރުގެ މާރިޗު މަހު އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިިކަމުގެ އަގުގެ މިންގަނޑު ނުވަތަ ޕްރޮޑިއުސާ ޕްރައިސް އިންޑެކްސް (ޕީޕީއައި) 13.53 އިންސައްތަ މައްޗަށް ގޮސްފައިވާކަން ހާމަވެއްޖެއެވެ.

އިމާރާތްކުރުމުގެ އަގުތައް މިހާ ބޮޑަށް މައްޗަށް ގޮސްފައިވަނީ މަސައްކަތްތެރިންގެ އުޖޫރައާއި އިމާރާތްކުރަން ބޭނުންވާ ތަކެތީގެ އަގުތައް މަތިވުމުގެ ސަބަބުންނެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިދިޔަ މަހު 29ގައި އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޕީޕީއައިއިން އެނގޭ ގޮތުގައި ކޮންމެ މަހަކު ވެސް އިމާރާތްކުރުމުގެ ދާއިރާގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ. އެ ގޮތުން، ޖަނަވަރީ މަހު 0.14 އިންސައްތަ، ފެބްރުއަރީ މަހު 0.01 އިންސައްތަ އަދި މާރިޗު މަހު 0.01 އިންސައްތައިން މައްޗަށް ގޮސްފައިވެއެވެ.

އަހަރުން އަހަރަށް، ޖަނަވަރީ މަހު 13.82 އިންސައްތަ، ފެބްރުއަރީ މަހު 13.68 އިންސައްތަ އަދި މާރިޗު މަހު 13.53 އިންސައްތައިން ވަނީ އިތުރުވެފައެވެ. މިއީ އިމާރާތްކުރުމުގެ ދާއިރާގެ އަގުތަކަށް އައި ބޮޑު ބަދަލެކެވެ.

ޕީޕީއައިއަކީ އުފެއްދުންތެރިންގެ އަގުތަކަށް އަންނަ ބަދަލު ދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ.

https://sun.mv/207219

އިމާރާތްކުރުމުގެ ދާއިރާގެ އުފެއްދުންތެރިކަމުގެ އަގުގެ މިންގަނޑު އެކުލެވިގެންވަނީ އިމާރާތްކުރުމުގެ މަސައްކަތްތަކާއި މަގު ހެދުމުގެ މަސައްކަތްތަކުގެ އަގުތަކުގެ މައްޗަށް ބިނާކޮށެވެ. މީގެ ތެރެއިން އިމާރާތްކުރުމުގެ މަސައްކަތްތަކަށް 75 އިންސައްތައިގެ ބަރުދަނެއް ދެވިފައިވާއިރު، މަގު ހެދުމުގެ މަސައްކަތްތަކަށް 25 އިންސައްތައިގެ ބަރުދަނެއް ދެވިފައިވެއެވެ.

އިމާރާތްކުރުމުގެ ދާއިރާގެ އަގުތައް އުފުލުނުއިރު ރާއްޖޭގެ ދަރަނި ބޮޑުވެ، މާލީ ހާލަތާ މެދު ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ގޮތުން، މި މަހު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން ވެސް ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީ'ގައި ދަމަހައްޓައިފައެވެ. އެއީ، ދަރަނި ބޮޑުވެ، އެ ނުދެއްކުމުގެ ބިރު ބޮޑުވުމުންދޭ ރޭޓިންއެކެވެ. އެކަމަކު، ސަރުކާރުން ވަނީ ދަރަނި އަދައިކުރެވޭނެކަމުގެ ޔަގީންކަން ދީފައެވެ.

ރާއްޖެއިން މި އަހަރު 688 މިލިއަން ޑޮލަރު ދަރަންޏަށް ދައްކަން ޖެހެއެވެ. އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ.

comment ކޮމެންޓް