ސޫރަޖުގެ ފިލްމު 'ކޭސަރީ ވީރު' ޓްރެއިލާ ރިލީޒްކޮށްފި

ފިލްމު "ހީރޯ"އިން 2015 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި ސޫރަޖް ޕަންޗޯޅީގެ ފިލްމު "ކޭސަރީ ވީރު"ގެ ޓްރެއިލާ އާއްމުކޮށްފިއެވެ.

މި ފިލްމަކީ ސޫރަޖުގެ 2021 ވަނަ އަހަރުގެ ފިލްމު "ޓައިމް ޓު ޑާންސް"އަށްފަހު އޭނާ ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. އިންޑިއާގެ ތާރީޚީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގެ ކާސްޓުންގެތެރޭ ސޫރަޖުގެ އިތުރުން ސުނިލް ޝެޓީ، ވިވެކް އޮބްރޯއި އަދި ބަތަލާ އަކަންކްޝާ ޝަރުމާ ހިމެނެއެވެ.

މި ފިލްމުގައި ސޫރަޖު ކުޅެފައިވާ ރޯލަށް ބެލުންތެރިންގެ ފަރާތުންނާއި ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ލިބިނު ތަރުހީބާ އެކު ޓްރެއިލާ ލޯންޗުކުރި ހަފްލާގައި ސޫރަޖު ޖަޒުބާތުގައި ޖެހުނު ވަގުތުކޮޅެއް ވެސް އައެވެ.

ފިލްމު "ކޭސަރީ ވީރު"ގައި ސޫރަޖް ދައްކުވައިދިން ހުނަރަށް ތައުރީފު ކުރަމުން ސުނިލް ޝެޓީ ބުނެފައި ވަނީ، ފިލްމުގައި ސޫރަޖު ކުޅުނު ރޯލަށް އޭނާ ވަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްފައި ކަމަށާއި އެ މަންޒަރުން ވަރަށް ގާތުން ސުނިލްއަށް ފެނިފައިވާ ކަމަށެވެ.

ސޫރަޖް އަދި އަތިޔާ ފިލްމީތަރި ސަލްމާން ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ

ސޫރަޖަކީ ސުނިލްގެ ދަރިފުޅު އަހާން ޝެޓީ ފަދަ މީހެއް ކަމަށާއި އަމިއްލަ ދަރިއެއްގެ ގޮތުގައި ސޫރަޖާ މެދު ދެކޭ ކަމަށް ސުނިލް ވަނީ ބުނެފައެވެ.

ފިލްމު "ހީރޯ"އިން ސޫރަޖް ފިލްމު އިންޑަސްޓްރީއަށް ތަޢާރަފްކުރީ ސަލްމާން ޚާންއެވެ. ސަލްމާން ޚާންގެ ފިލްމު ކުންފުނިން ގެނެސްދިން "ހީރޯ"އިން ސުނިލް ޝެޓީގެ ދަރިފުޅު އަތިޔާ ޝެޓީ ވެސް އެ އަހަރު ފިލްމު އިންޑަސްޓްރީއާ ގުޅުނެވެ.

ނަމަވެސް މި ދެ ޒުވާނުންނަށް ވެސް ފިލްމު އިންޑަސްޓްރީގައި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ހާއްސަކޮށް ސޫރަޖް ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކުރީގެ ބަތަލާ ޖިއާ ޚާން މަރުވި ހާދިސާއާ ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ޖިއާގެ އާއިލާއިން ސޫރަޖުގެ މައްޗަށް ކުރުމާއެކު އޭނާގެ ކެރިއަރަށް ވެސް އެކަމުގެ ހިޔަނި އެޅުނެވެ.

ކުރީގެ އެކްޓަރު އަދިތިޔަ ޕަންޗޯޅީގެ ދަރިފުޅު ސޫރަޖަށް ދިމާވި ޤާނޫނީ މައްސަލަތަކުގައި ސަލްމާން ޚާންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބި ސޫރަޖް ވަނީ ޖިއާގެ މަރުގެ މައްސަލައިން ސަލާމަތްވެފައެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރި ހަފްލާގައި ސޫރަޖް ވަނީ ސަލްމާނަށް އަދި ސުނިލް ޝެޓީއަށް ޝުކުރު އަދާކޮށްފައެވެ.

ސޫރަޖް ފިލްމު އިންޑަސްޓްރީއިން ގެއްލެން މެދުވެރި ސަބަބު އެއްވެސް ބަޔަކަށް އޮޅިފައި ނުވާނެ ކަމަށާއި، ނަމަވެސް އެނބުރި ފިލްމު އިންޑަސްޓްރީއަށް އަންނަން ފިލްމު "ކޭސަރީ ވީރު"އަށް ވުރެ ރަނގަޅު ފިލްމެއް ނުލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް ސޫރަޖް ވަނީ ބުނެފައެވެ.

comment ކޮމެންޓް