އެމޭޒަން ޕްރައިމްގެ މަގުބޫލު ވެބް ސީރީސް "ދަ ފެމިލީ މޭން 3"ގެ ވަރަށް ހާއްސަ ރޯލަކުން ފެނުނު އެކްޓަރު ރޯހިތު ބާސްފޯ މަރުވެއްޖެއެވެ.
ރޯހިތު މަރުވެފައި އޮތްވާ ފެނުނީ އުތުރު އިންޑިއާގެ ބޯޑަރު ކައިރީ އޮންނަ ގަރުބާންގާ ފޮރެސްޓްގެ ވޯޓާ ފޯލްއެއް ކައިރިންނެވެ. އިންޑިއާގެ ކަމާބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ ރޯހިތު މަރުވެފައި އޮތްވާ ފެނުނުއިރު އޭނާގެ ހަށިގަނޑުގައި ޒަޚަމްތަކެއްގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ.

ވެބް ސީރީސް 'ދަ ފެމިލީ މޭން 3'ގެ އެކްޓަރު ޖައިދީޕް ރޯހިތުއާ އެކު--ފޮޓޯ/އިންޑިއާޓީވީ
ރޯހިތުގެ މަރާ ވިދިގެން އާއިލާއިން ތުހުމަތުކޮށްފައި ވަނީ ބަޔަކު މީހުން ރޯހިތު މަރާލާފައިވާ ކަމަށެވެ. އަދި އެކަމުގެ ފަހަތުގައިވާ ޝައްކުކުރެވޭ ބައެއް މީހުންގެ މައުލޫމާތު ވެސް ކަމާގުޅޭ އިދާރާތަކާ އާއިލާއިން ހިއްސާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ވެބް ސީރީސް "ދަ ފެމިލާ މޭން 3"އަށް ފަހު ކުޑަ ދުވަސްކޮޅެއްގެތެރޭ ބެލުންތެރިންގެ މަގުބޫލުކަން ހޯދި 28 އަހަރުގެ ޒުވާނާ އަކީ އިންޑިއާގެ ގުވަހަޓީއަށް ނިސްބަތްވާ މީހެކެވެ. އިންޑިއާގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ އައްސާމްގެ ގުވަހަޓީގައި އެއް މަސް ދުވަސްވަންދެން އުޅުމަށްފަހު ރޯހިތު އެނބުރި މުމްބާއީއަށް އައިސްފައި ވަނީ މީގެ އެއް މަސް ކުރިންނެވެ.
މިދިޔަ އާދީއްތަ ދުވަހު ރޯހިތު މެންދުރުގެ ވަގުތެއްގައި ނުވަ މީހުން ހިމެނޭ ރަހްމަތްތެރިންގެ ގްރޫޕަކާ އެކު ޕިކްނިކް ދަތުރަކަށް ނުކުތް ކަމަށާއި އާއިލާއިން ރޯހިތުގެ ޚަބަރެއް ނުވުމުން އެކަމާ ކަންބޮޑުވެ ކަމާބެހޭ އިދާރާއަށް މައްސަލަ ހުށަހެޅި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރޯހިތުގެ މަރުގެ މައްސަލައާ ގުޅިގެން ޝައްކުކުރެވޭ ކަމަށް ބެލެވޭ މީހުން މިހާރު ފިލާފައިވާ ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް މުމްބާއީގެ ފުލުހުން ކުރަމުން އަންނަ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ކާރު ޕާކު ކުރުމުގެ މައްސަލައަކާ ގުޅިގެން ތިން މީހަކާ އެކު ރޯހިތު ވަނީ ދެ ބަސްވުމެއް ހިންގާފައި ކަމަށާއި މި ދެބަސްވުމުގެ ތެރޭގައި ރޯހިތު މަރާލާނެ ކަމުގެ އިންޒާރު އެ މީހުން ދިން ކަމަށެވެ.