ބަތަލާ ސްވަރާ ބާސްކަރު ބަލިވެއިންކަން ހާމަކޮށްފި

ބޮލީވުޑްގެ ބަތަލާ ސްވަރާ ބާސްކަރު ބަލިވެއިންކަން ހާމަކޮށްފިއެވެ. ދާދިފަހުން ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ލީޑަރު ފަހަދު އަހްމަދާ ބަތަލާ ކައިވެނިކޮށްފައިވާއިރު ބަނޑުބޮނޑުވެފައިވާކަން ހާމަކުރީ ދެމަފިރިން އެކުގައި ނަގާފައިވާ ތަސްވީރުތަކަކާއެކުއެވެ.

ސިޔާސީ ލީޑަރު ފަހަދުއާއި ސްވަރާގެ ކައިވެނިކުރެވުނީ އެކަމަށް ހާއްސަ ކޯޓުގައި ވަރަށް އާދައިގެގޮތަކަށް މިއަހަރުގެ ފެބްރުއަރީ މަހުތެރޭއެވެ. ކައިވެންޏަށްފަހު އާއިލާގެ މެމްބަރުންނާއި ގާތް ރަޙުމަތްތެރިންނާއެކު ކައިވެންޏާ ގުޅިގެން އަންނަ ބައެއް ހަފްލާތައް ދެ މީހުން އެކީގައިވަނީ ފާހަގަކޮށްފައެވެ.

ބަލިވެއިންކަން އިއުލާނުކޮށްފައިވާ ތަސްވީރުތަކާއެކު ސްވަރާ ބުނެފައިވަނީ، ދިރިއުޅުމުގައި ދެކޭ ހުވަފެންތައް ހަޤީޤަތަކަށްވުމަކީ ދުނިޔެމަތިން ލިބޭނެ އެންމެބޮޑު އުފާކަމަށެވެ. އަދި މަންމައަކަށްވުމަށް ކުރި އުއްމީދާއެކު ކުރިޔަށްއޮތް ދުވަސްތަކުގައި ސްވަރާގެ ދިރިއުޅުމުގައި ތަފާތު އާ ބާބެއް ފެށޭނެކަމަށެވެ. ސްވަރާގެ ދިރިއުޅުމުގެ މިއުފާވެރި ޚަބަރާއެކު ފިލްމު އިންޑަސްޓްރީގެ ގިނަ ތަރިންގެ އިތުރުން ފިރިމީހާ ފަހަދުގެ ރަޙުމަތްތެރިންވެސްވަނީ ދެމަފިރިންނަށާއި ލިބެން އުޅޭ ދަރިފުޅަށް ހެޔޮ ދުޢާގެ މެސެޖުތައް ފޮނުވާފައެވެ.

ބަތަލާ ސްވާރާ ބާސްކަރު މިހާތަނަށް ގިނަ ފިލްމުތަކުގައި ކުޅެފައިވަނީ ގިނައިން ސަޕޯޓިންގް ރޯލްތަކެވެ.

ވަރަށް މިނިވަންކަމާއެކު ފިލްމުތަކުގައި ލިބޭ ރޯލްތައް ކުޅެން ޝައުޤުހުންނަ ބަތަލާއަށް ފިލްމު "ތަނޫ ވެޑްސް މަނޫ"ގައި ކުޅުނު ރޯލަށް އެއަހަރުގެ ފިލްމު ފެއަރ އެވޯޑްވެސްވަނީ ލިބިފައެވެ. ސްވަރާ މުހިއްމު ރޯލް ކުޅެފައިވާ ފިލްމުތަކުގެތެރޭގައި، ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ގުޒާރިޝް"، ޑައިރެކްޓަރު ސޫރަޖު ބަރްޖަތްޔާގެ "ޕްރޭމް ރަތަން ދަން ޕާޔޯ" އަދި ފިލްމު "ވީރޭ ދި ވެޑިންގް" ހިމެނެއެވެ. މިދިޔަ އަހަރު ރިލީޒްވި ފިލްމު "ޖަހާން ޗާރު ޔާރު"ނަމަކަށް ކިޔާ ފިލްމަކުން ބަތަލާ ފެނިފައިވާއިރު ސްވަރާވަނީ މިއަހަރު އިތުރު ފިލްމެއްގެ މަސައްކަތް ފަށާފައެވެ.

comment ކޮމެންޓް