ފަސީގެ ''ރޮކް'' އަލްބަމް ތަފާތު: ރޮކް ލަވަތަކަށް ލޯބިކުރާ މީހުންނަށް ސަޅިވާނެ

(ފަސީ)ގެ މުޅިން އާ އަލްބަމެއް ކަމަށްވާ "ރޮކް" ނެރުމުގެ ތެރެއިން -- ފޮޓޯ/ ބައިސްކޯފު

ދިވެހި ޒުވާނުންގެ މެދުގައި "ހެވީ މެޓަލް" އަދި "ރޮކް މިއުޒިކް" މަޝްހޫރު ކޮށްދިން، އަހްމަދު ފަސީހު (ފަސީ)ގެ މުޅިން އާ އަލްބަމެއް ކަމަށްވާ "ރޮކް" ނެރެފިއެވެ.

މި އަލްބަމަކީ ބައިސްކޯފުން މިހާރު ސްޓްރީމް ކުރަމުންދާ "ފަސީލައިވް" ގެ ޕްރޮޑަކްޝަނެކެވެ. މި އަލްބަމްގައި ފަސީލައިވްގެ ޑްރަމާ އަހްމަދު ދާނިޝް (ދާއީ) އަދި ބޭސް ގިޓަރިސްޓް އިނާން އާދިލްގެ އިތުރުންވެސް އެހެނިހެން މީހުންގެ ހިތްގައިމު މަސައްކަތް ވަނީ ފެނިފައެވެ.

"ރޮކް" އަލްބަމްގައި 11 ލަވަ ހިމެނޭ އިރު މި ލަވަތަކަކީ 2004 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ދެމެދުގެ، އެކި އިރާ ތަކުގެ ލަވަތަކެކެވެ.

"ރޮކް" އަލްބަމްގައި ލިމެނޭ ލަވަތައް:

  1. ރޮކް އިޒް ހޫ އައި އޭމް
  2. ކުއީން ރައިޑާ
  3. ބޮމްބޮމްބޮމް
  4. ރަން އަ ވޭ
  5. ޓީއެސްއެސްޓީ
  6. ފަނާވީ
  7. މައުވަންތަ
  8. ޑާންސިން ލޭޑީ
  9. ޓެމްޓޭޝަން
  10. އަލް ޝިފާ
  11. ބީން އަ ލޯންގް ޓައިމް

އަލްބަމްއާ ގުޅޭގޮތުން 'ސަން' އަށް ދިން އިންޓަވިއުއެއްގައި ފަސީ ބުނީ އަލްބަމްގެ މަސައްކަތް އެންމެ ފުރަތަމަ ކުރަން ފެށުނީ 2019 ވަނަ އަހަރުގެ ކުރީކޮޅު މާޗު މަސްތެރޭ ކަމަށެވެ.

ފަސީ ބުނި ގޮތުގައި އަލްބަމްގައި ހިމެނޭ އެންމެ 'އޯލްޑް' ލަވަ އަކީ "ބީން އަ ލޯންގް ޓައިމް"އެވެ.

އޭނާ ބުނީ މިފަދަ އަލްބަމެއް އުފެއްދުމުގެ ޚިޔާލު ފުރަތަމަ އައީ ބޭންޑުގައި އޭރު ތިބި މީހުންނާ އެކު ރަނގަޅު ޕްރޮޑަކްޓެއް ނެރެން ހިތަށްއެރުމުން ކަމަށެވެ. އެއަށްފަހު އެ އައިޑިއާ އާއެކު އެ މަސައްކަތް ފަށައިގެން ފާއިތުވީ ތިން އަހަރުތެރޭ ވަރަށް ރަނގަޅު ޕްރޮޑަކްޓެއް ނެރެވުނު ކަމަށް ފަސީ ބުންޏެވެ.

"މި އަލްބަމްގެ ވޯކް އިމޭޖިން ކުރި ގޮތަށް އެންމެ ފަހު ވަގުތު ޓާން އައުޓް ވީ. ބޭނުންވި ވަރަށް ބައިވަރު މީހުންގެ ބައިވެރިވުމާ ލައިވް އެންވަޔަރަމަންޓެއްގެ ތެރޭ ވަރަށް މިއުޒިކަލް ޖާނީއެއްގެ ތެރެއިން ގޮސް މުޅި ވޯކް އެއްކޮށް ނިންމަން. އެހެންވީމަ މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހެއޭ ބުނެލަން އޮތީ" އަހްމަދު ފަސީހު

(ފަސީ)ގެ މުޅިން އާ އަލްބަމެއް ކަމަށްވާ "ރޮކް" ނެރުމުގެ ތެރެއިން -- ފޮޓޯ/ ބައިސްކޯފު

'ރޮކް' އަލްބަމްގެ މަސައްކަތް ފަސީލައިވް އިން އެންމެ ބޭނުންވި ގޮތަށް ކުރުމަށް މަގުފަހި ކޮށްދިން ބަޔަކީ ބައިސްކޯފެވެ.

"މީތި އެންމެންނާއެކު އެއް ވަގުތެއްގަ ކުޅެފަ ލައިވްކޮށް ނެރެން ބޭނުންވަނީ. މީ ރޮކް އަލްބަމްއެކޭ، ރޮކް މިއުޒިކް ނީޑްސް ޓު ބީ ޕްލޭޑް ލައިވް. އެ އެނާޖީގަ ކެޕްޗާ ކުރަން ބޭނުންވީ. ސޯ ބައިސްކޯފުން މިކަން ކުރުމަށް މަގުފަހިކޮށްދީ، މިކަމަށް ބޭނުންވާ ތަނާ ސްޓޫޑިއޯ އަދި ސައުންޑް ކޮންޓްރޯލާ މި ހުރިހާ އެއްޗެއް ލައިގެން ތަނެއް ކްރިއޭޓް ކޮށްދިނީމަ މިކަން މިވީ،" އަހްމަދު ފަސީހު

އަލްބަމްގެ މުޅި މަސައްކަތަކީ ކާމިޔާބު މަސައްކަތެއްކަން ފާހަގަކޮށް ފަސީ ބުނީ އޭނާއަށް އެންމެ ކަމުދިޔަ ލަވަޔަކީ "ފަނާވީ" ކަމަށެވެ. ސަބަބަކީ ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ މޯލްޑިވިއަން އައިޑޮލްގެ އެއްވަނަ ހޯދާފައިވާ ލައިޝާއާއެކު ކުޅުނު ލަވައަކަށް ވީތީކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އަލްބަމްގެ ކޮންމެ ލަވައެއް ވެސް ވަރަށް ޚާއްސަވެފައި ތަފާތު މެމޮރީއެއް، ތަފާތު ރޯލެއް، އަދާކުރާނެ ކަމަށް ފަސީ ބުންޏެވެ.

މިފަދަ އަލްބަމެއްގެ މަސައްކަތް އެހާ ގިނަ ދުވަސްތެރޭ ފުރިހަމަކަމާއެކު ނިންމާލެވުމުން ފަސީ ބުނީ އޭނާގެ އަސްލު ބޭނުމަކީ މިކަމަށް ޝައުގުވެރިކަން ހުރި ކުދިންނަށް މިކަމުން އިންސްޕިރޭޝަނެއް ލިބުން ކަމަށެވެ.

"ބޭންޑަކާ އެކުގަ މަސައްކަތް ކުރުން، އެކަކު އަނެކަކާ ގުޅިގެން ސަކަރާތްޖެހުމާ މަޖާކުރުމާވެސް އެކީ ސީރިއަސް ވަގުތުތައް ވެސް ހިމަނައިގެން މެމޮރީސް ކްރިއޭޓްކޮށްގެން. އެގޮތަށް ބޭންޑެއްގެ ތެރޭގަ މަސައްކަތްކޮށްގެން ބޮޑަށް ކޮލަބޮރޭޓް މަސައްކަތެއް ކުރުން. އެކަކު އައިޑިއާ ތެރެއަށް އަނެކެއްގެ އައިޑިއާ ލައިގެން އެ މާ ފްރުޓްފުލް އައިޑިއާތައް ވެސް،" އަހްމަދު ފަސީހު

ފަސީ ބުނިހެން މި އަލްބަމްގައި ވެސް މިހުރިހާ ކަމެއް ވަނީ ފެނިފައެވެ. ގިނަ ބަޔަކު ގުޅިގެން ކުރި ބުރަ މަސައްކަތެއްގެ ނަތީޖާއިން ބޭނުންވި ކަހަލަ ފުރިހަމަ ޕްރޮޑަކްޓެއް ވަނީ ނެރެފައެވެ.

"ދިސް އިސް ދަ އަލްބަމް އޮފް އަ ލޮޓް އޮފް ޕީޕަލް!" ފަސީ ބުންޏެވެ.

comment ކޮމެންޓް