ރާއްޖޭގެ ކަނޑުތަކާއި ކަނޑުއަޑީގެ ދިރުންތަކާއި، އެ ދިރުންތަކަށް ޕްލާސްޓިކް ކުނީގެ ސަބަބުން ދިމާވާ ގެއްލުންތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން ހަތަރު އަންހެނުންގެ ޓީމަކުން ބ. އަތޮޅުގައި ސްޓޭންޑްއަޕް ޕެޑަލް ދަތުރެއް ކުރުމަށް ތައްޔާރުވެއްޖެ އެވެ.
ކޮކޯ ކަލެކްޝަންގެ އެހީގައި ކުރާ މި ދަތުރުގެ ނަމަކީ "ސްޓޭންޑް އަޕް ފޮ އަވާ ސީސް އެކްސްޕެޑިޝަން"އެވެ.
މި ދަތުރުގައި ބައިވެރިވަނީ "ޕެޑަލް އެގެއިންސްޓް ޕްލާސްޓިކް"ގެ ނަމުގައި ކެމްޕޭން ހިންގާ އިނގިރޭސި އެކްޓިވިސްޓް އަދި ވެޓެރިނޭރިއަން ކެލް މޭޖާއާއި، ރާއްޖޭގައި ހިންގާ އޮލިވް ރިޑްލީ ޕްރޮޖެކްޓުގައި މަސައްކަތްކުރާ ވެޓެރިނޭރިއަން ކްލެއާ ޕެޓްރޮސްގެ އިތުރުން ދިވެހި ސާފިންގް އިންސްޓްރަކްޓަރުން ދަފީނާ ހަސަން އިބްރާހީމް (ދަފީ)އާއި ޝާޒިޔާ ސައީދު (ޝާޒު)އެވެ.

ސްޓޭންޑް އަޕް ފޯރ އަވާ ސީސް އެކްސްޕެޑިޝަންގެ ބައިވެރިވް (ކ-ވ) ކްލެއާ ޕެޓްރޮސް، ދަފީނާ ހަސަން، ޝާޒިޔާ ސައީދު، ކެލް މޭޖަރ ---
ސްޓޭންޑްއަޕް ޕެޑަލްކޮށް ކުރާ މި ދަތުރަކީ 100 ކިލޯ މީޓަރުގެ ދިގު ދަތުރެކެވެ. މި ދަތުރުގައި ހަތަރު ބައިވެރިންގެ ޓީމުން ބ. އަތޮޅުގެ އެކި ރަށްރަށާއި ރިސޯޓުތަކަށް މަޑުކޮށް، ރައްޔިތުންނާއި ފަތުރުވެރިންނާއި ސްކޫލު ދަރިވަރުންނާ ވާހަކަދައްކައި، ރާއްޖޭގެ ކަނޑުތަކާއި އަދި ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ހޭލުންތެރިކުރުވާނެ އެވެ.
އަދި ރިސޯޓުތަކާއި ރަށްރަށުން ތިމާވެށި ރައްކާތެރިކުރުމަށް ފަށާފައިވާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ސްކޫލު ކުދިންނަށާއި ފަތުރުވެރިންގެ އިތުރުން އާންމުންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ބ. އަތޮޅުގައި ހިންގާ ސްޓޭންޑް އަޕް ޕެޑަލްކުރުމުގެ ހަރަކާތަށް ޓީމުގެ ތިން ބައިވެރިން ޓްރެއިންކުރަނީ -- ފޮޓޯ/ ކޮކޯ ކަލެކްޝަން
ހަތް ދުވަހަށް ދެމިގެންދާ މި ޕެޑަލް ބޯޑު ދަތުރު ފަށާނީ 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހު އެވެ. އަދި ދަތުރު ނިންމާނީ ފެބްރުއަރީ 28 ވާ ބުރާސްފަތި ދުވަހު، ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުންނެވެ.
ބ. އަތޮޅަކީ ޔުނެސްކޯ އިން ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކަނޑައާޅަފައިވާ ސަރަހައްދެކެވެ. އަދި ހިމާޔަތްކުރެވިފައިވާ ގުދުރަތީ ސަރަހައްދުތައް ގިނަ އަތޮޅެކެވެ.