ޓޫރިޒަމަށް ލިބޭ އެހީތައް އަމާނާތްތެރިކަމާއެކު ބަލަހައްޓަން ހެދި 'ޓްރަސްޓް ފަންޑް'ގެ ގަވައިދު އާންމުކޮށްފި

ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް: ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ އެހީތައް އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށް 'ޓޫރިޒަމް ޓްރަސްޓް ފަންޑެއް' އުފައްދައިފި --- ފޮޓޯ/ މިނިސްޓްރީ

ފަތުރުވެރިކަމުގެ ދާއިރާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އެފަދަ އެހީތައް ޒިންމާދާރުގޮތެއްގައި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން "ޓޫރިޒަމް ޓްރަސްޓް ފަންޑު"ގެ ގަވާއިދު އެކުލަވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމް ޓްރަސްޓް ފަންޑެއް އެކުލަވައިލުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދަމަހައްޓައި، އެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނިވި ގޮތުގައި ލިބޭނޭ ގޮތް މަގުފަހިކުރުމަށް ސަރުކާރުން އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އެ ފަންޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ފަތުރުވެރިކަމުގެ ދާއިރާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އެފަދަ އެހީތައް ޒިންމާދާރުގޮތެއްގައި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރުމެވެ. އަދި ފަންޑުގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިސާ ޚަރަދުކުރާނެ ގޮތާއި، އެހެނިހެން ކަންކަމުގައި ފައިސާއާމެދު އަމަލުކުރާނެ ގޮތް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ނިންމުމެވެ.

ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ރައުސްމާލު އެކުލެވިގެންވާ ބައިތަކަކީ:

  • ޓޫރިޒަމް މިނިސްޓްރީން ހިންގާ ފަތުރުވެރިކަމުގެ ހަރަކާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ ސްޕޮންސަޝިޕް ފައިސާއާއި އެ ނޫންވެސް ފައިސާ.
  • ޓޫރިޒަމް ދާއިރާގައިވާ ހަރަކާތްތެރިވާ ފަރާތްތަކުން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ގޮތުގައި ފަންޑަށް ދައްކާ ފައިސާ.
  • ފަންޑުން ގާއިމުކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާ.
  • އާންމުކޮށް އިއުލާނުކޮށްގެން ހުޅުވައިލާ ބިޑްތަކުގައި ޓްރެއިނިންއަށް ނަގާ ފައިސާ.

ފަތުރުވެރިންތަކެއް ރާއްޖޭގައި -- ފޮޓޯ/ އެކްސްޕްލޯ މޯލްޑިވްސް

މިނިސްޓްރީން ގެޒެޓުކުރި ގަވައިދު ބުނާގޮތުން މި ފަންޑު ހިންގާނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް، ޓްރަސްޓް ފަންޑު ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީންނެވެ. އަދި ފަންޑު ހިންގަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ކަމާބެހޭ އެހެނިހެން ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެހެނިހެން ފަންޑުތަކާ ވަކިން ކަމަށް އެ ގަވައިދުގައި ވަނީ ބުނެފައެވެ.

އަދި ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީއެއް އެކުލަވައިލަން ޖެހޭނީ މިނިސްޓްރީންނެވެ. އެ ކޮމިޓީގައި ހިމެނޭނީ މިނިސްޓަރު ކަނޑައަޅައި، އައްޔަނުކުރާ ހަތް މެންބަރެކެވެ. އެ ހަތް މެންބަރުން ހިމެނޭ ދާއިރާތަކަކީ:

  • ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
  • ޓޫރިޒަމް މިނިސްޓްރީ
  • ފިނޭންސް މިނިސްޓްރީ
  • އިކޮނޮމިކް މިނިސްޓްރީ
  • ބަންޑާރަނައިބުގެ އޮފީސް
  • ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ
  • މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މި ހަތް އިދާރާއިން ކޮންމެ އިދާރާއަކުން މެންބަރަކު އައްޔަނުކުރަންޖެހޭނެއެވެ. އަދި ކޮމިޓީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރާނީ ޓޫރިޒަމް މިނިސްޓަރު ކަމަށާއި، ކޮމިޓީގެ އިދާރީ މަސައްކަތަށް މިނިސްޓްރީގެ ފަރާތުން ސެކްރެޓޭރިއަޓެއް ބަހައްޓަންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ކޮމިޓީއަށް މެންބަރުން އައްޔަނުކުރެވޭނީ ފަސް އަހަރުދުވަހުގެ މުއްދަތަކަށެވެ.

މޯލްޑިވިއަންއިން ޝަންހާއީއަށް ކުރި ފުރަތަމަ ސީދާ ދަތުރުން އައި ޗައިނާގެ ފަތުރުވެރިން -- ފޮޓޯ/ މޯލްޑިވިއަން

މި ފަންޑަށް ޖަމާކުރާ ފައިސާ ޚަރަދުކުރަންޖެހޭ ކަންކަން:

  • ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ހިންގާ ހަރަކާތްތަކަށް.
  • ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށްޓަކައި އިންވެސްޓުކުރުމަށް.
  • ޓޫރިޒަމްގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް.
  • އާންމު އިޖުތިމާއީ ފައިދާ ލިބިދެނިވި ހަރަކާތްތައް ހިންގުމަށް.
  • ޓޫރިޒަމް ޓްރަސްޓް ފަންޑު ބޭނުންކުރެވޭނީ ފަންޑު ސްޓޭޓްމަންޓާ އެއްގޮތްވާ ގޮތުގެ މަތިން.

ހަމައެއާއެކު ކޮންމެ އަހަރެއް ނިމުމާއެކު އެ އަހަރަކު ފަންޑު ހިންގި ގޮތުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބު ތައްޔާރުކޮށް، އެ އަހަރެއް ނިމޭތާ ތިން މަސްދުވަހުގެ ތެރޭގައި ރައީސުލްޖުމްޙޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، އޮޑިޓާ ޖެނަރަލްގެ އިތުރުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ހިންގާ ހަރަކާތްތަކަށް ސަރުކާރުން ބޮޑު ޚަރަދެއް ކުރެއެވެ.

https://www.sun.mv/208626

އެގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ނުވަތަ ކުރީގެ ނަމުން ނަމަ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން މިހާތަނަށް ވަނީ ވަރަށް ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެ ކުންފުނިން މިހާރު އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަނީ, ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލު އެފްސީގެ ސްޕޮންސާޝިޕަށެވެ. އެގޮތުން މި އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުން ފެށިގެން, 2028 ވަނަ އަހަރުގެ މެއި 31ގެ ނިޔަލަށް އެ ކެމްޕެއިން ކުރިއަށް ގެންދާއިރު އެކަމަށް އެމްއެމްޕީއާރުސީން މި އަހަރު 20.6 މިލިއަން ރުފިޔާ ޚަރަދު ކުރަން ހިމަނާފައިވެއެވެ.

ނަމަވެސް އެ ކުންފުންޏަކީ މި ފަހުން ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުވާ ކުންފުންޏެވެ. ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު އިސްކޮށް ހުންނަވައިގެން, އެ ސަރުކާރުގެ ވެރިންނާއި ވެރިކަން ކުރި ޕީޕީއެމްގެ އިސް ބޭފުޅުން ހިމެނޭގޮތަށް ހިންގި ކަމަށް ތުހުމަތު ކުރެވޭ އެ ކޮރަޕްޝަނުން ދައުލަތަށް 1.4 ބިލިއަން ރުފިޔާގެ ގެއްލުމެއްވި ކަމަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެއެވެ.

ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ އެ ކުންފުންޏަށް ހަތަރު އަހަރު ފަހުން، މިދިޔަ އަހަރު 27.5 މިލިއަން ރުފިޔާގެ ފައިދާވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

comment ކޮމެންޓް