ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބޭއްވި ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހައްވާ ރާޝިދާ އާއި ފާތިމަތު ޒީނިޔާ މޫސާ ހޯދައިފި އެވެ.
އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހައްވަ އާއި ޒީނިޔާގެ ޕެއާ ހޯދީ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި އައިޝަތު މާޖިދާ އާއި އާމިނަތު އަރީޝާގެ ޕެއާ ބަލިކޮށްގެންނެވެ.
އެ މުބާރާތުގެ ރަނަރަޕްކަން މާޖިދާ އާއި އަރީޝާގެ ޕެއާ ހޯދި އިރު، ދެ ވަނަ ރަނަރަޕްކަން ހޯދީ ޝަފްނާ އިބްރާހިމް އާއި ޝާނިޔާ އަހްމަދުގެ ޕެއާ އެވެ.
ފައިނަލް މެޗުގެ ކުރިން ސެމީ ފައިނަލުގައި ވެސް ހައްވަ އާއި ޒީނިޔާގެ ޕެއާ އަދި މާޖިދާ އާއި އަރީޝާގެ ޕެއާ ބައްދަލު ކޮށްފައިވެ އެވެ. ފައިނަލް މެޗާ ހިލާފަށް އެ މެޗު ކާމިޔާބުކޮށް، ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ މާޖިދާ އާއި އަރީޝާގެ ޕެއާ އެވެ.
ސެމީގެ ފުރަތަމަ މެޗުގައި މާޖިދާ އާއި އަރީޝާގެ ޕެއާ އަތުން ބަލިވުމުން ހައްވަ އާއި ޒީނިޔާގެ ޕެއާ ދެން ވާދަކުރަން ޖެހުނީ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގަ އެވެ. ފައިނަލްގެ ޖާގައެއް ހައްވަ އާއި ޒީނިޔާގެ ޕެއާ ހޯދީ އެ މެޗުގައި ޝަފްނާ އާއި ޝާނިޔާ ބަލިކޮށްގެންނެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި މިއަހަރު ޖުމްލަ 14 ޓީމެއް ވާދަކުރި އެވެ.