ކޮޕްސް ބޭންޑުގެ "އަމަރު" ނެތުމުން މުޅި ބޭންޑަށް ހިތާމަވެރިކަން!

ކޮޕްސް ބޭންޑުގެ ބައެއް މެމްބަރުންނާއި އެކު މަރްހޫމް މޭޖާ އަހްމަދު އާތިފް(ކ)--ފޮޓޯ/ ފޭސްބުކް

" އަމަރު، އަކްބަރު، އެންތޮނީ" އަކީ ބޮލީވުޑްގެ ފިލްމް ތަކުގެ ތެރެއިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދި ފިލްމެކެވެ. ތިން ރަހުމަތްތެރީންގެ ބަދަހި ގުޅުން ދައްކުވައިދޭ އެ ފިލްމް ވެގެން ގޮސްފައި ވަނީ، ރަހްމަތްތެރިކަމުގައި ތިން މީހަކު ވަރަށް ގާތްކޮށް އެކުގައި އުޅޭނަމަ އެ ތިން މީހުންނަށް މިސާލު ޖެހުމުގެ ގޮތުން ބޭނުން ކޮށް އުޅޭ "މިސާލު ބަހަކަށެވެ".

ރާއްޖޭގައިވެސް މި ފިލްމްގެ ފޯރި، ނަވާރަ ސަތޭކާއިގެ އަހަރު ތަކުގެ ތެރޭގައި ހިފާފައި އޮތް ދުވަސްވަރު، އޭރު ތިން ރަހުމަތްތެރިން އެކުގައި އުޅޭ ނަމަ އެ ތިން މީހުންނާ މެދު " އަމަރު، އަކްބަރު، އެންތޮނީ"ގެ ނަމުން މުހާތަބު ކުރެވެއެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ނުވަ ވަނަ އަހަރު އޭރުގެ ނެޝަނަލް ސެކުއިރިޓީ ސާވިސަސް (އެންއެސްއެސް)ގެ ތެރޭގައި އޮންނަ މިއުޒިކް ބޭންޑްގެ ތެރެއިން އުފެދިގެން އައި މަޝްހޫރު "ކޮޕްސް" ބޭންޑަކީވެސް މިފަދަ ތިން ރަހުމަތްތެރިންގެ ތެރެއިން އުފެދިގެން އައި ބޭންޑެކެވެ. އޭރު ސިފައިންގެ ތެރޭގައި މި ބޭންޑް އުފައްދަން މަސައްކަތް ކުރި ތިން މީހުންނަށް، އެމީހުންގެ ގާތް އެކުވެރީން " އަމަރު، އަކްބަރު، އެންތޮނީ"ގެ ނަމުން މުހާތަބުކޮށް ހެދިއެވެ.

ކޮޕްސް ބޭންޑް ވުޖޫދަށް ގެންނަން މަސައްކަތް ކުރި ތިން މީހުންނަކީ އޭރު ސިފައިންގޭގައި އުޅުނު ވަރަށް ޒުވާން ތިން ސިފައިންނެވެ. އެ ބޭންޑު ވުޖޫދަށް ގެނުވީ އަލްމަރުހޫމް މޭޖާ އަހްމަދު އާތިފް (ޕާޕާ އާތިފް)، މުހައްމަދު ޝުހެއިލް (ޝުހޭ) އަދި އެ ބޭންޑުގެ ލީޑު ގިޓަރިސްޓް އަބްދުﷲ ޝާމާލް އެވެ.

މީގެ ތެރެއިން އޭރު ސިފައިންގޭގެ ތެރޭގައި މުހާތަބު ކުރި ގޮތަށް އަމަރު އަކީ އާތިފްއެވެ. އަކްބަރޭ ކިޔާ ޝަމާލްއާ މުހާތަބު ކުރިއިރު އެ ތިންމީހުންގެ ތެރެއިން އެންމެ ދިގުކޮށް ހުންނަ ޝުހޭއަށް އެންތޮނީއޭ ކިޔާ މުހާތަބު ކުރެވުނެވެ. މިއީ ކޮޕްސް ބޭންޑް ނަގައި ކޮޅަށް ޖަހަން މި ތިން ފަންނާނުން ކުރި މަސައްކަތަށް އޭރު ލިބެމުންދިޔަ ހިތްވަރެއްކަމަށް ޝުހޭ އަދި ޝަމާލްވެސް ބުންޏެވެ.

ނަމަވެސް މިއަދު އެ "ތިން ބެއިން"ގެ ތެރެއިން އެންމެ އިސް އާރުކާޓި ކަމަށްވާ މޭޖާ އާތިފް ވަނީ މި ދުނިޔެއާ އަލްވަދާއު ކިޔައިފައެވެ. ކޮޕްސް ބޭންޑުގެ އަމަރު ތާއަބަދަށް އަކްބަރު އަދި އެންތޮނީއާ ވަކިވެފައިވާއިރު އޭނާ ނެތުން އެއީ ޝުހޭއަށްވެސް އަދި ޝަމާލަށް ވެސް ލިބިގެން ދިޔަ ފޫނުބެއްދޭ ވަރުގެ ހިތާމައެކެވެ.

"މިއަދު އޮފީހަށްވެސް ނުދަން. ވަކިވެގެން އެދިޔައީ އެއްބަނޑު އެއްބަފާ މީހެއް ފަދަ މީހެއް. ނެތިގެން އެދިޔައީ ރާއްޖެ ދުށް މޮޅު މިއުޒީޝަނެއް. އާތިފް އަކީ ކޮޕްސްގެ އެއް ތަނބު،" ކޮޕްސް ބޭންޑު އެފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޝާމާލް ސަން އަށް ދިން ހާއްސަ އިންޓަވިއު ފެށީ މިގޮތަށެވެ.

މަރްހޫމް މޭޖާ އަހްމަދު އާތިފް(ކ) އަބްދުﷲ ޝަމާލް(ވ)--ފޮޓޯ/ ފޭސްބުކް

އާތިފް އަކީ ޝަމާލުގެ ނަޒަރުގައި ހިތްހެޔޮ އަދި ތަފާތު މިއުޒިޝަނެއް

މެދު ނުކެނޑި 30 އަހަރު ސިފައިންގޭގައި ހިދުމަތް ކުރި، 3 ނޮވެމްބަރުގެ ބަޠަލް މޭޖާ އާތިފް އަކީ ހިތްހެޔޮ އެންމެންނާ ވެސް ގުޅޭ މީހެއް ކަމަށް ޝަމާލް ބުންޏެވެ. އޭނާ ބުނީ އާތިފް އަކީ އޭނާގެ ލަވަ ކިޔުމުގެ ދިގު ކެރިއަރުގައި ދުވަހަކުވެސް ގޯހެއް ނުހަދައި، އެއް ފެންވަރެއްގައި ލަވަ ކިޔުން ދެމެހެއްޓި މަދު ފަންނާނުންގެ ތެރެއިން ފަންނާނެއް ކަމަށެވެ. އަދި އާތިފްގެ ހަޔާތުން ޒުވާން މިއުޒިޝަނުންނަށް އެތަކެއް އިބުރަތްތެރި ފިލާވަޅުތަކެއް ލިބިގެންދާ ކަމަށް އޭނާ ބުންޏެވެ.

" އެއް ފަހަރު ވީ ގޮތަކީ 'ވާށޭ މަށާއެކީ' މި ލަވަ ވަރަށް މަޝްހޫރު ވެއްޖެ. ދެން ޖެހިގެން އައި އަހަރު ޖެހިއްޖެ އަނެއްކާވެސް ސިފައިންގެ ޑްރާމާއަށް ހަމަ އެކަހަލަ މޮޅު ލަވައެއް ހަދަން. ދެން އެކަންވީ ޗެލެންޖަކަށް. ނަމަވެސް އެކަން ފުރިހަމަކޮށް 'ދޭނަން ހިތާޖާނާ' ވުޖޫދަށް ގެނައީ އާތިފް. އެއީ އޭނާގެ މޮޅު ހުނަރު،" ކުރީގެ ހަނދާންތައް ތާޒާކޮށްދެމުން ޝަމާލް ކިޔައިދިނެވެ.

ޝަމާލްއާ ދިމާއަށް އެންމެ ފަހުން އާތިފް ބުނީ މިއީ ހަނިމާދޫ އަށްދާ ފަހު ފަހަރު ކަމަށް

ކޮޕްސް ބޭނޑުގެ މެމްބަރުންގެ ތެރެއިން މަރްހޫމް އާތިފް އެންމެ ފަހުން އެންމެ ބޮޑަށް ގުޅުން ބޭއްވީ ޝަމާލްއާއެވެ. އެގޮތުން އެ ދެމީހުން ވަނީ ވަރަށް ފަހުންވެސް މާފުށީގައި ހުންނަ ޝަމާލްގެ ގެސްޓް ހައުސް އިން ބައްދަލުވެފައެވެ. ޝަމާލްގެ ދައުވަތަކަށް އާތިފް އެ ރަށަށްދިޔައިރު އެ ދެ ރަހުމަތްތެރިންވަނީ ވަރަށް ގިނަ ވަގުތު އެކުގައި ހޭދަކޮށްފައެވެ.

" އެންމެ ފަހުން އާތިފް ބުނީ އަޅުގަނޑު ގާތު މިފަހަރު ހަނިމާދުއަށް މިދަނީ އެންމެ ފަހު ފަހަރުއޭ. އަދި ވަރަށް އަވަހަށް އަންނާނަމޭވެސް ބުނި،" ފޯނުން ދެއްކި އެންމެ ފަހު މުއާ މަލާތުގެ ވާހަކަ ހިއްސާ ކުރަމުން ޝަމާލް ބުންޏެވެ.

އާތިފް އަވަހާރަވީ ކުއްލި ގޮތަކަށް ހދ. ހަނިމާދޫގައެވެ. އޭރު އޭނާ ހުންނެވީ ނޮދަން އޭރީއާގެ އިސްވެރިއާގެ މަގާމްގައެވެ.

ކޮޕްސް ބޭންޑުގެ ބައެއް މެމްބަރުން މަރްހޫމް މޭޖާ އަހްމަދު އާތިފް އާއި އެކު--ފޮޓޯ/ ފޭސްބުކް

ޝުހޭލަށް އާތިފަކީ އެއްބަނޑު އެއްބަފާ ބޭބެއެއް ފަދަ މީހެއް

މަރުހޫމް އާތިފްއާ އެެއްކޮށް ކޮޕްސް ބޭންޑު އުފެއްދުމުގައި އުުޅުނު އެންމެ އިސް ދެވަނަ ފަރާތަކީ އެ ބޭންޑުގެ ޑްރަމަރު އަދި މަޝްހޫރު ލަވަކިޔުންތެރިއާ ޝުހޭލްއެވެ. މިވަގުތު ރިސޯޓެއްގެ ހިއުމަން ރިސޯސް މެނޭޖަރެއްގެ ވަޒީފާ އަދާކުރާ ޝުހޭލް ބުނީ އާތިފަކީ އެއްބަނޑު އެއްބަފާ ބޭބެއެއް ފަދަ މީހެއް ކަމަށާއި އޭނާ ނެތުމަކީ އާއިލާގެ މެމްބަރަކު ނެތުންފަދަ ކަމެއް ކަމަށެވެ. އަދި އާތިފް ނެތްކަން ގަބޫލު ކުރަން އަދިވެސް ބޭނުން ނުވާކަމަށް ބުންޏެވެ.

" އެއީ ބޭބެއެއް. އެންމެ ގާތް އެކަކު އެއީ. އާތިފް އަވަހާރަވި ވާހަކަ އެނގުމުން ގަބޫލުވެސް ނުކުރެވުނު. ގެއްލިގެން އެ ދިޔައީ ހަރުދަނާ ޝަހުސިއްޔަތެއް. ހުނަރުވެރި މިއުޒިޝަނެއް،" އަސަރާއި އެކު ޝުހޭލް ކިޔައިދިނެވެ.

އޯގަސްޓް 20، 2017: މަޝްހޫރު ލަވަ ކިޔުންތެރިޔާ މޭޖާ އަހްމަދު އާތިފްގެ ޖަނާޒާ އާ ސަހަރާގައި ބޭއްވުން: އޭނާގެ މޫނު ބެލުމަށް ދައުލަތުގެ ވެރިންނާއި ބައެއް ވަޒީރުންނާއި ގިނަ އަދަދެއްގެ ސިފައިންގެ އިތުރުން އާންމުން ބައިވެރިވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާތިފް އަކީ ކޮޕްސް ބޭންޑުގެ ޒުވާން ފަންނާނުންގެ " ބައްޕަ"

ޝުހޭލްއާ ޝަމާލް ސިފައިންގެ ވަޒީފާ ދޫކޮށް ދިޔަ ހިސާބުންވެސް ކޮޕްސް ބޭންޑުގެ ޒުވާން ކުދިންނަށް މަގު ދައްކައިދީ އެކުދިންނަށް "މިއުޒިކް" އުނގަންނައިދިން މުދައްރިބަކީ އާތިފްއެވެ. މި ޒަމާނަށް އައި އިރު ކޮޕްސް ބޭންޑު ނެގެހެއްޓުމުގައި އެންމެ އިސްކޮށް އުޅުނު އަހްމަދު އަބްދުﷲ ހިލްމީ (އަންމަޑޭ) ކިޔައިދިން ގޮތުގައި ގެއްލިގެން އެދިޔައީ ކޮޕްސް ބޭންޑުގެ " ބައްޕަ" އެވެ.

" އާތިފް އަކީ އަހަރަމެންގެ ބައްޕަ. ކޮޕްސް އުފެއްދި ތިން މީހުންގެ ތެރެއިން ފަހުން އެހީވާން ހުރީ އާތިފް. އޭނާ ނެތުމަކީ ފޫ ނުބެއްދޭނެ ގެއްލުމެއް. ކޮޕްސްގެ ތިން ތަނބުގެ ތެރެއިން އެއް ތަނބު ނެތިގެން ދިޔައިރު އަނެއް ދެ ތަނބު މި ވަގުތަކު ސިފައިންގެ އަކު ނެތް. ކޮޕްސް ގެ ހަގީގީ އުފެދުން ބިމާ ފަސްލެވިގެން އެދިޔައީ،" އަންމަޑޭ ބުންޏެވެ.

comment ކޮމެންޓް