އިސްރާއީލުން ހުޅަނގު އައްސޭރީގައި އަޅާފައިވާ 45 ގެއެއްގައި ރޯވެއްޖެ

އިސްރާއީލުގެ ހައިފާގައި ރޯވެފައިވާ އަލިފާންގަނޑު -- ފޮޓޯ: އޭޕީ

އަލް ގުދުސް (ނޮވެމްބަރު 26): އިސްރާއީލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިފާފައިވާ ސަރަހައްދުތަކަށް އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގައި ހުރި 45 ގެއެއްގައި ރޯވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި ހުޅަނގު އައްސޭރީގައި ޔަހޫދީން ދިރިއުޅޭ ހަލާމިޝް ސެޓުލްމެންޓުގައި ރޯވި ބައެއް ގެތަކަށް ގެއްލުންވެފައިވާ އިރު އެހެން ގެތައް ވަނީ އަނދާ ހުލިވެފައެވެ. އަދި އެސަރަހައްދުން ގާތްގަނޑަކަށް 1000 މީހުން ސަލާމަތީ ސަރަހައްދުތަކަށް ބަދަލުކޮށްފައިވެ އެވެ.

އިސްރާއީލުގެ އުތުރާއި މެދުތެރޭގެ 13 ސަރަހައްދެއްގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ފަލަސްތީނުން ވަނީ އިސްރާއީލުގެ ހައިފާއަށް ފަޔާފައިޓަރުންނާއި ފަޔާ ޓްރަކްތައް ފޮނުވާފައެވެ. އެ އަލިފާންގަނޑުގެ ސަބަބުން ހައިފާއިން އެކަނިވެސް 200 އާއިލާ ވަނީ ގެދޮރު ނެތިފައެވެ.

ފަލަސްތީނުގެ އިތުރުން އިސްރާއީލަށް އެހީތެރިކަން ފޯރުކޮށް ދެމުންދާ ގައުމުތަކުގެ ތެރޭގައި ރަޝިޔާ، ތުރުކީ، މިސްރު، އުރުދުން، ގްރީސް، އިޓަލީ، ކްރޮވޭޝިޔާ އަދި ސައިފްރަސް ހިމެނެ އެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ފަޔާފައިޓިން އެއާކްރާފްޓް ކަމަށް ބެލެވޭ އެމެރިކާގެ ސުޕަޓޭންކަރު މިއަދުން ފެށިގެން އިސްރާއީލުގައި އަލިފާން ނިންވުމުގައި ބޭނުން ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިސްރާއީލުގެ ފުލުހުން މިއަދު ބުނި ގޮތުގައި އެމީހުން ވަނީ އެގައުމުގައި ފެތުރެމުންދާ އަލިފާންގަނޑާ ގުޅިގެން ގަސްތުގައި ރޯކުރުމާއި، އިހުމާލުވުމުގެ ތުހުމަތުގައި 14 މީހަކު ހައްޔަރުކޮށްފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބައެއް ސަރަހައްދުތަކުގައި އަލިފާން ރޯކޮށްފައި ވަނީ ގަސްތުގައި ކަން "އެއްވެސް ޝައްކެއް ނެތި" ޔަގީންވާ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ކުށް ކުރާ ފަރާތްތަކަށް އަދަބު އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުގެ ސަރުކާރުން ވަނީ އެގައުމުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކާ އިސްރާއިލާ ފަލަސްތީނުގެ ދެމެދުގައި އޮތް ދެބަސްވުންތަކާ ގުޅުމެއް އޮވެދާނެ ކަމަށް ބުނެފައެވެ.

ނަމަވެސް އިސްރާއީލުގެ އާބާދީގެ 17.5 ޕަސެންޓް ހިއްސާ ކުރާ އަރަބް އިސްރާއިލީ ރައްޔިތުން ވަނީ އަލިފާނުގެ ސަބަބުން އެގައުމުގެ ޔަހޫދީންނަށް ލިބުނު ގެއްލުމާ އެއްވަރަށް އެމީހުންނަށްވެސް ގެއްލުން ލިބިފައިވާ ކަން ފާހަގަކޮށްފައެވެ. (އޭއެފްޕީ)

comment ކޮމެންޓް