އިސްރާއީލުގެ އުތުރާއި މެދުތެރޭގެ 13 ސަރަހައްދެއްގައި އަނދަމުންދާ ބޮޑެތި އަލިފާންގަނޑުތައް ނިއްވާލުމުގައި އިސްރާއީލުގެ "ބާރުގަދަ" ސިފައިންނާއި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަންނީ ބާރުތައް ނުކުޅެދުމާގުޅިގެން އަލިފާން ނިއްވުމުގައި އެގައުމަށް މައިގަނޑު 6 ގައުމަކުން އެހީތެރިވަމުންގެންދާއިރު މީގެތެރޭގައި ފަލަސްތީނުވެސް ހިމެނެއެވެ.
އެއީ ރަޝިޔާ، ތުރުކީ، މިސްރު، އުރުދުން، ގްރީސް، އިޓަލީ، ކްރޮވޭޝިޔާ އަދި ސައިފްރަސް އެވެ. މީގެތެރެއިން ތުރުކީ އާއި މިސްރާއި އުރުދުންއަކީ އިސްލާމީ ތިންގައުމެވެ. އަނެއްކޮޅުން އިސްރާއީލުގައި އަނދަމުންދާ އަލިފާން ގަނޑު ނިއްވުމުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ސަރުކާރުންވެސް ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
އައްބާސްގެ ސަރުކާރުންވަނީ އަލިފާން ނިއްވާ ފަންނީ މީހުންނާއެކު އަލިފާން ނިއްވާ ޒަމާނީ 8 ލޮރީއެއް އިސްރާއީލުގައި އަނދަމުންދާ ސަރަހައްދުތަކަށް ފޮނުވާފައެވެ. އިސްރާއީލު ހާލުގައި ޖެހުނުދުވަހު އެގައުމަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ ގައުމުތަކުގެ ތެރޭގައި ފަލަސްތީނުގެ އިތުރުން އިސްލާމީ މަދު ގައުމެއް ނަމަވެސް މިވަނީ ހިމެނިފައެވެ. އެއްވެސް ބަޔަކު ޙާލުގައި ޖެހުމުން އަދި ޚާއްސަކޮށް އަލިފާނުގެ ކާރިސާފަދަ ކާރިސާއެއްގައި ގައުމުގެ ބޮޑުބައެއް ހަލާކުވަމުން ދިޔުމުން އެކަމަށް އިންސާނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއީ ދުޝްމަނުން ކަމަށްވިޔަސް ރިވެތި އަޚްލާގުގެ ތެރޭގައި ހިމެނޭކަމެކެވެ.

ނަމަވެސް އިސްރާއީލަކީ އާދައިގެ ދުޝްމަނެއްނޫނެވެ. އެއީ މުސްލިމުންނާ ދެކޮޅަށް (އިސްލާމީ ހުރިހާ ގައުމެއްވެސް ހިމެނޭގޮތަށް މުޅި އިސްލާމީ އުންމަތާ ދެކޮޅަށް) އެކިއެކި ރޭވުންތައް ރާވައިގެން މުސްލިމުންނާ ހަނގުރާމަކުރަމުން ގެންދާ ވަރަށް ލާއިންސާނީ ނާޒީ ސްޓައިލްގެ އަނިޔާވެރި ގައުމެކެވެ. މުސްލިމުންގެ މުގައްދަސް ރަށެއްކަމަށްވާ އަލްގުދްސަށާއި އެރަށުގައިވާ މާތްވެގެންވާ މަސްޖިދުލްއަގްސާ އަށް ގަދަބާރުން ވެރިވެ ގަނެ އެތަންތަނުގެހުރްމަތް ކަނޑަމުންގެންދާ ދުޝްމަނެކެވެ. އަދި ފަލަސްތީނުގެ ހުރިހާ ބިންތަކެއް (އަލްގުދްސު ހިމެނޭގޮތަށް) ގަދަބާރުން ހިފައި އެބިންތަކުން ފަލަސްތީނުގެ ރައްޔިތުން ބޭރުކޮށް ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އެތަށް ގަތްލު އާންމުތަކެއް ހިންގާފައިވާ އަނިޔާވެރި ގައުމެކެވެ.
އިސްރާއީލު ގެންދަނީ ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމަށްޓަކައި ހިންގަމުން ގެންދާ ކޮންމެ ހަރަކާތެއް ހުއްޓުވުމަށްޓަކައި ބާރުގެ ބޭނުންކޮށް ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނާއި މުސްކުޅިން ތަފާތު ކުރުމެއްނެތި ޝަހީދު ކުރަމުންނެވެ. މީގެއިތުރުން އިސްލާމީ އެތަށް ގައުމަކަށް އިސްރާއީލުން ބޮން އަޅައި އުދުވާން ހިންގާފައިވެއެވެ. މިހާރުވެސް ސޫރިޔާ އާއި އަރަބި އެތަށް ގައުމެއްގައި ހިނގަމުންދާ ހަނގުރާމަތަކުގެ ފަހަތުގައިވެސް ނުސީދާ ގޮތެއްގައި އިސްރާއީލު އޮތްކަމީ ހަގީގަތެކެވެ.
އެހެންކަމުން އިސްރާއީލަކީ ހަމައެކަނި ކާފަރު ގައުމަކަށްވުރެ އިތުރުން އެއީ ހަނގުރާމައިގެ މައިދާނުގައި މުސްލިމުންނާ ހަނގުރާމަކޮށް މުސްލިމުންނަށް ގެއްލުންދިނުމަށް ރެޔާދުވާލު މަސައްކަތްކުރަމުންގެންދާ އާދަޔާ ޚިލާފު ދުޝްމަނެކެވެ. އިސްރާއީލުގައި އަނދަމުންދާ އަލިފާންތައް ނިއްވާލުމުގައި އެހީތެރިވެދޭ މައިގަނޑު ފަސްގައުމުގެ ތެރެއިން ތުރުކީ ފިޔަވައި އެހެން އެއްވެސް ގައުމަކީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް 2014 ވަނަ އަހަރު ކުރި އުދުވާނީ ހަނގުރާމަ ހުއްޓުވުމަށް މަސައްކަތް ކުރި ގައުމުތަކެއް ނޫނެވެ. ތުރުކީވެސް ފަހުން މިވަނީ ކޮޅު ބަދަލުކޮށް އިސްރާއީލާ އަލުން ގުޅުންތައް ގާއިމްކޮށް ފަލަސްތީނުގެ ދިފާއުގައި ކުރިން ކުރި މަސައްކަތްތައް ހުއްޓާލާފައެވެ.
ހަނގުރާމައިގެ ހާލަތުގައި ނޫންގޮތަށް މުސްލިމުންނާ ސުލްހަވެރިގޮތުގައި ތިބޭ ކާފަރު ގައުމުތަކަށް އެހީތެރިވާންޖެހިއްޖެ ހާލަތެއްގައި އިންސާނީ ގޮތުން އެހީތެރިވުމަކީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އިސްރާއީލުގެ ހާލަތު މިއާ ވަރަށް ބޮޑަށް ތަފާތެވެ. އިސްރާއީލަކީ އެގައުމު އުފުދެނީންސުރެ އިސްލާމީ އުންމަތާ ހަނގުރާމައިގެ ހާލަތުގައިވާ ގައުމެކެވެ. ޚާއްސަކޮށް އަލިފާން ނިއްވުމުގައި ފަލަސްތީނުން އިސްރާއީލަށް އެހީތެރިވަމުންދާ މައްސަލާގައި ފަލަސްތީނުގެ އެތެރޭގައި ވަނީ ވަރަށްބޮޑެތި ދެބަސްވުންތަކެއް އުފެދިފައެވެ. ރައީސް މަހްމޫދު އައްބާސްގެ ސަރުކާރުންވަނީ މިއީ އިންސާނީ އެހީއާގުޅޭ ޑިޕްލޮމެޓިކް ކަމެއްކަމަށް ސިފަކޮށް މިކަން ދިފާއުކޮށްފައެވެ. ނަމަވެސް ފަލަސްތީނުގެ އާންމުންނާއި މުޖާހިދުންގެ ޖަމާއަތްތަކުން މިކަން ގަބޫލެއް ނުކުރެއެވެ.

އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ މިއަލިފާންގަނޑުތަކުގެ ސަބަބުން ބައެއްމީހުން މަރުވެ އެތައް ސަތޭކަ ގެއެއް އަދައި އެތައް ސަތޭކަ އެކަރެއްގެ ދަނޑު ބިންތައްވަނީ ހަލާކުވެފަ އެވެ. ލިބުނު ގެއްލުންތައް ޚާއްސަކޮށް މަރުވި މީހުންގެ ފުރިހަމަ އަދަދު ހަމަނުކުރާކަމުގެ ތުހުމަތު އިސްރާއީލުގެ މައްޗަށް ކުރެވިފައިވެއެވެ. އިސްރާއީލުގައި އަނދަމުންދާ އަލިފާން ގަނޑުތަކުގެ ފަހަތުގައި ވަނީ ފަލަސްތީނު މީހުންކަމަށް އެގައުމުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ ތުހުމަތު ކުރައްވާފައެވެ.
އިސްރާއީލުގެ ނޫސްތަކުން ވަނީ މިއީ ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް ފަލަސްތީނު މީހުން ފެށި އަލިފާނުގެ އިންތިފާޟާ އެއްތޯ ސުވާލުކޮށްފައެވެ. ނަމަވެސް އިސްރައީލުގައި އަނދަމުންދާ އަލިފާން ތަކުގެ މަސްދަރަކީ ކޮބައިކަން އަދި އެއްގޮތަކަށްވެސް ސާފެއް ނުވެއެވެ. ފުރަތަމަ އިސްރާއީލުން ބުނީ މިއީ ހޫނުވައެއްގެ ސަބަބުން ދިމާވި ގުދްރަސީ ކާރިސާއެއްކަމުގައެވެ. އެއަށްފަހު ނަތަންޔާހޫ ގެ ސަރުކާރުންވަނީ އަލިފާން ރޯކުރާ ކަމުގެ ތުހުމަތު ފަލަސްތީނު މީހުންގެ މައްޗަށްކޮށްފައެވެ. ނަމަވެސް މިއީ އިސްރާއީލަށް ގަދަ ފިނި މޫސުމެވެ. ހޫނު މޫސުމުގައި ޖެހޭ ފަދަ ހޫނުވައެއް ފިނި މޫސުމުގައި ނުޖެހޭނެއެވެ. ފަލަސްތީނުގެ ބައެއް ސަރަހައްދުތަކަށް ފިނި މޫސުމުގެ ވާރޭވެސް އެބަވެހެއެވެ. އަނެއްކޮޅުން އަލިފާން ރޯކުރަނީ ފަލަސްތީނު މީހުންކަމެއްވެސް އިސްރާއީލަކަށް ކަށަވަރެއް ނުކުރެވެއެވެ.
ރިޕޯޓްތައް ބުނާގޮތުން އަލިފާންގަނޑު ތަކުގެ ސަބަބުން ބައެއްމީހުން މަރުވެ އެތައް ސަތޭކަ ގެއެއް އަދައި އެތައް ސަތޭކަ އޭކަރެއްގެ ދަނޑު ބިންތައް ހަލާކުވެފައިވާއިރު އެތައް ހާސްބަޔަކު ރައްކާތެރި ތަންތަނަށް ގެންދިޔުމުގެ މަސައްކަތް އިސްރާއީލުގެ ސިފައިން ގެންދަނީ ކުރަމުންނެވެ.
ދެހާސް ދިހަ ވަނަ އަހަރު އިސްރާއީލުގައި ހިނގި އަލިފާނުގެ ޙާދިސާތަކެއްގައި 42 މީހުން މަރުވެ އެތައް މިލިޔަން ޑޮލަރެއްގެ މާއްދީ ގެއްލުންތަކެއް އެގައުމަށް ލިބިފައިވެ އެވެ. އެފަހަރު ވެސް އިސްރާއީލުގެ ސިފައިންނާއި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަންނީ ބާރުތައް ވަނީ އަލިފާންގަނޑުތައް ނިއްވާލުމަށް ނުކުޅެދިފަ އެވެ.