ވަސީލަތްތައް ކައުންސިލްތަކަށް ދީގެން ބާރުވެރިކުރުމުގެ މަސައްކަތް ފަށައިފިން: ހޯމް މިނިސްޓަރު

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު-- ސަން ފޮޓޯ/

އެ ސަރަހައްދެއްގެ ވަސީލަތްތައް ކައުންސިލްތަކަށް ދީގެން ކައުންސިލްތައް ބާރުވެރިކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ހިދުމަތްތެރިންނަށް އެވޯޑް ދިނުމަށް ބޭއްވި ރަންނާ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަޒްލީން ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުމަކީ ރައްޔިތުންނަށް ތަރައްގީ ފޯރުކޮށްދެވޭ އުސޫލުކަމަށް ސަރުކާރުން ގަބޫލް ކުރާ ކަމަށާއި އެގޮތުން ވަސީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

"އެތަންތަނުގެ މަންފާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ލިބޭގޮތަށް އެ މަސައްކަތް އަޅުގަނޑުމެން މިދަނީ ބައްޓަން ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

ކައުންސިލްތައް ބާރުވެރިކުރުމަށް މިއަހަރު 13 މަޝްރޫއެއް ފަށާފައިވާއިރު ތަފާތު ހިލޭ އެހީތައް ފޯރުކޮށްދެމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ހަ މިލިއަން ރުފިޔާ ހަަރަދުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލަކަށް އެހީވާނެ ކަމަށްވެސް މިނިސްޓަރު އަޒުލީން ވިދާޅުވިއެވެ.

"ހުރިހާ އަތޮޅުކައުންސިލަކަށް އެހީވުމަށް ވަނީ އަމާޒު ހިފާފައި. އަންނަ އަހަރުގެ މެދެއްހާހިސާބަށް ގިނަ ކައުންސިލްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ކައުންސިލްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް