މާލެ ވަށައި 24 ގަޑިއިރު ވަންދެން ދުވުމަށްފަހު ކޮންމެ ކަމަކީ ވެސް ހާސިލްކުރެވޭނެ ކަމެއްކަން ސާބިތު ކޮށްދިން އަހުމަދު އާތިފް (އާތި) އިނގިރޭސި ވިލާތުގެ އެންމެ އުދަނގޫ ދުވުމުގެ ރޭހެއް ކާމިޔާބު ކަމާއެކު ފުރިހަމަކޮށްފި އެވެ.
ތިރީސް ގަޑިއިރުގެ ތެރޭގައި 103 މޭލު ނުވަތަ 166 ކިލޯމީޓަރު ފުރިހަމަ ކުރަންޖެހޭ އިނގިރޭސި ވިލާތުގައި ކޮންމެ އަހަރަކު ބާއްވާ ނޯތު ޑައުންސް ވޭގައި މިދިޔަ ހޮނިހިރު ދުވަހު ފެށި ސެންޗޫރިއަން އަލްޓުރާ މެރަތަންގެ ޗެލެންޖު އާތިފް ކާމިޔާބު ކުރީ 29 ގަޑިއިރާ 46 މިނެޓު ތެރޭގަ އެވެ. އެއީ މާލެ ވަށައި ގާތްގަނޑަކަށް 32 ބުރެވެ.
އިނގިރޭސި ވިލާތުގައި ހުރެ "ސަން" އާ މިއަދު ވާހަކަދައްކަމުން އާތިފް ބުނީ، މިއީ ގަބޫލުކުރަން ދަތި ތަޖުރިބާއެއް ކަމަށާއި ދުވުން ނިމެންދެން ވެސް އެއީ "އަނިޔާވެރި" ދުވުމެއް ކަމަށެވެ.
"ދުވަން ޖެހުނީ މަގުކަހަލަ ތަނެއްގަ އެއް ނޫން. ދުވުމުގެ ގާތްގަނޑަކަށް 80 ޕަސެންޓަކީ ހިލް އެއްގެ މައްޗަށް އެރުމާއި ފޭބުމާއި ނުވަތަ ހިލްއެއްގެ ކައިރީގައި ދުވުން. ދުވުމުގެ ތެރޭގައި ގާތްގަނޑަކަށް ފަސް ވަރަކަށް ފަހަރު ނުބައި ރޫޓް އަކުން ދެވިގެން މަގު އޮޅިގެން ދެ ގަޑިއިރު ގެއްލުނު. އެހެންކަމުން އިތުރަށް 8.6 ކިލޯމީޓަރު ދުވަން ޖެހުނު. ނަމަވެސް 30 ގަޑިއިރުގެ ތެރޭގައި ނިންމަން ކަނޑައެޅި އަމާޒު ހާސިލްވި،" އާތިފް ބުންޏެވެ.
އާތިފް އެ ރޭހަށް ހޮވުނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމާ ގުޅިގެން މާލޭގައި އޭނާ ދުވި އަލްޓްރާ މެރަތަންގެ ސަބަބުންނެވެ.
އާތިފް ދުވުމުގެ މައުލޫމާތު ފޭސްބުކް ޕޭޖުގައި ހިއްސާކުރަމުންދިޔަ އިރު، އުދަނގޫ މަގުތަކާއި ޖަންގަލިތަކުގެ އިތުރުން ފަރުބަތައް ހުރަސްކޮށް އާތި ދުވުން ނިންމުމަށްފަހު ވަނީ ރާއްޖޭގެ ގައުމީ ދިދަ ވިހުރުވާލާފަ އެވެ. އަދި އޭނާ ވަނީ ދުވުމުގައި ބައިވެރިވި 300 ބަައިވެރިންގެ ތެރެއިން ދުވުން ނިންމި 153 މީހުންގެ ތެރޭގައި ހިމެނިފަ އެވެ.
އެއްވެސް ކަމެއް އެއީ ނުކުރެވޭނެ ކަމެއްކަމަށް ގަބޫލުނުކުރާ އާތިފް މިވަނީ އަނެއްކާ ވެސް ކަށިން ހިއްވަރު ނަގާ ގަދަ ހިތްވަރު ދައްކާފަ އެވެ. ކުރިއަށް އޮތީ ވެސް އޭނާއަށް ވަރުގަދަ ޗެލެންޖެކެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހު ހުއްޓުމެއްނެތި ފަލި ޖަހައިގެން ރާއްޖެ ވަށައި ބުރެއް ޖެހުމަށެވެ.
އެކަމަށް ނުކުތުމުގެ ކުރިން ހަދަންޖެހޭ ފަލި ޖެހުމުގެ ތަމްރީންތަކުގައި ބޭނުންކުރާނެ އާލާތްތައް ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި ތަމްރީންތައް ފަށާނީ މިމަހުގެ ފަހުކޮޅު ކަމަށް އޭނާ ބުނެއެވެ.