ބ. އަތޮޅަށް އަމާޒުކޮށްގެން ބޭއްވި ބެޑްމިންޓަން ކޯޗިން ކޯސް ނިންމާލައިފި

ބ. އަތޮޅަށް އަމާޒުކޮށްގެން ބޭއްވި ބެޑްމިންޓަން ކޯޗިން ކޯސް ފުރިހަމަކުރި ބައިވެރިން: ޖުމްލަ 13 ބައިވެރިޔަކު އެ ކޯސް ފުރިހަމަކޮށްފައިވޭ --- ފޮޓޯ: ބެޑްމިންޓަން އެސޯސިއޭޝަން

ބ. އަތޮޅު ކައުންސިލްގެ އިދާރާ އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ނޭޝަނަލް އިންސިޓިއުޓް އޮފް ސްޕޯރޓްސް އަދި އޭދަފުށި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމެޓީ ގުޅިގެން ބ. އަތޮޅަށް އަމާޒުކޮށްގެން ބޭއްވި ބެޑްމިންޓަން ކޯޗިން ކޯސް ނިންމާލައި، ބައިވެރިންނަށް ކޯސް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ހަވާލުކޮށްފި އެވެ.

ބ. އަތޮޅު ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އިއްޔެ ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި ބައިވެރިންނަށް ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ބ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދިލް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބ. އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ، އެފަދަ ކޯހެއް އެ އަތޮޅުގައި ހިންގުމުގެ ފުރުސަތު ލިބުނުކަމީ އަތޮޅުގައި ބެޑްމިންޓަން އިތުރަށް ކުރިއެރުވުމަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި އެކަން މަގުފަހިކޮށްދެއްވި ކަމަށް ޓަކައި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް އަށާއި ޔޫތު މިނިސްޓަރަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރާ ކަމަށެވެ. އަދި ބެޑްމިންޓަން ތަރައްގީ ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ބައިވެރިންގެ ކިބައިން ރައީސް އެދިލެއްވި އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވީ، އެ ކުޅިވަރު އަތޮޅުތަކުގައި ކުރިއެރުވުމަށް ޓަކައި އަތޮޅު ކައުންސިލްތަކުގެ ދައުރު ފުޅާކޮށްދެއްވުމަށް އެދޭ ކަމަށެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ އެ ކޯހުގައި ކިޔަވައިދެއްވި ޓިއުޓާއިން ފާހަގަ ކުރިގޮތުގައި އެ ކޯހުން ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިޔުއެފް) ލެވެލް 1ގެ ކެޓެގަރީއަށް ފާސްވާ ކޮންމެ މީހަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނާނެ ކޯޗެއް ކަމަށާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) ލެވެލް 1ގެ ކެޓެގަރީއަށް ފާސްވާ ކޮންމެ މީހަކީ ދިވެހިރާއްޖޭގެ ފެންވަރުގައި ބަލައިގަނެވޭނެ ކޯޗެއްކަމަށް ވެސް ކަމަށެވެ.

ރަސްމިއްޔާތު ނިމުމުގެކުރިން ބައިވެރިންގެ ޝުއޫރު ފާޅުކުރުމަށް ހުޅުވާލި ފުރުސަތުގައި، ކޯހުގެ ބައިވެރިޔަކު ފާހަގަ ކުރިގޮތުގައި މިކޯހުގެ ސަބަބުން ކުރިން ނޭނގިހުރި ބައިވަރު މައުލޫމާތު ލިބިގެންދިޔަ އެވެ. އަދި އެ ކުޅިވަރު ކުރިއެރުވުމަށް ޓަކައި މަސައްކަތްކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ބައިވެރިންގެ ފަރާތުން ދިނެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދޭގޮތުގައި، އެ ކޯސް ފުރިހަމަކުރި 13 ބައިވެރިންނަށް ކޯހުގެ ނަތީޖާ އަދި ފާސްވިކަމުގެ ސެޓްފިކެޓް ލިބޭނީ ބީޑަބްލިޔުއެފް އާއި އެމްއެންއައިއެސް އިން ބެލުމަށް ފަހު އެވެ.

comment ކޮމެންޓް