ވިންގްސް ފޯ ލައިފް ވޯލްޑް ރަންގައި ވާދަކޮށް، ރާއްޖޭގެ އަހްމަދު އާތިފް އާއި ހަސަން ފައިހަތު ގުދުރަތުﷲ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި އެވެ.
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ސިޓީއެއް ކަމަށްވާ ދުބާއީގައި އިއްޔެ ކުރިއަށްދިޔަ ވޯލްޑް ރަންގެ ދުވުމުގައި ފައިހަތު ވަނީ އޭނާ ވާދަކުރި އުމުރުފުރާގެ އެންމެ ކުރިން ނިންމާލައިފަ އެވެ. އަދި އާތިފް އެ ރޭސް ނިންމާލީ އޭނާ ވާދަކުރި އުމުރުފުރާގެ ހަ ވަނައިގައެވެ.
އެ ރޭސް ކުރިއަށްދިޔައީ ކެޗާ ކާރު އައިސް ހަމަކުރުމުން، އެ ދުވުންތެރިޔަކު ރޭހުން ވަކިވާ ގޮތަށެވެ. އެ ކާރު ދަތުރުކުރަން ފަށަނީ ދުވުން ފެށޭތާ 30 މިނެޓް ފަހުންނެވެ. އެގޮތަށް އެ ކާރު އައިސް އާތިފްއާ އަރާ ހަމަކުރިއިރު، އޭނާ ވަނީ 27 ކިލޯމީޓަރަށް ދުވެފަ އެވެ. އަދި ފައިހަތު ވަނީ 16 ކިލޯމީޓަރަށް ދުވެފަ އެވެ.
ރޭހުގައި 18 އަހަރާއި 25 އަހަރާ ދެމެދު އުމުރުފުރާގައި ފައިހަތު ދުވިއިރު، އާތިފް ދުވެފައިވަނީ 30 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރާގައެވެ.
ދުބާއީގެ ރޭހުގައި ވާދަކުރި އާތިފްއަކީ ރަނާސް މޯލްޑިވްސްގެ ފަރާތުން ބޭއްވި އަލްޓްރާ ރަން މެރަތަންގައި ހުއްޓުމެއްނަތި 24 ގަޑިއިރު ދުވި އެތުލީޓެވެ. އާތިފް ވަނީ 24 ގަޑިއިރުގު ދުވުން ފުރިހަމަކޮށް މާލެ ވަށައި 27 ބުރު ޖަހައި 146 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތު ކޮށްފައެވެ. އޭނާ މިހާރު ތައްޔާރުވަމުންދަނީ ރާއްޖެ ވަށައި ފަލި ޖެހުމުގެ ހަރަކާތަކަށެވެ.
ފައިހަތު އަކީ ރާއްޖޭގައި ރެޑްބުލްއިން އިންތިޒާމްކޮށްގެން 2014 ވަނަ އަހަރު ބޭއްވި 'ކެޗް ދަ ފެރީ'ގެ ޗެމްޕިއަންކަން ހޯދައި، އިނގިރޭސިވިލާތުގައި އެ އަހަރު ބޭއްވި 'ރެޑްބުލް ސްޓީޕަލް ޗޭސް'ގައި ވާދަކުރި އެތުލީޓެވެ. އޭނާއަކީ އަމިއްލަ ރަށް، ގދ. ތިނަދޫގައި އަމިއްލަ މަސައްކަތުން ޓްރެއިނިން ހަދާފައި، ރާއްޖޭގެ އެންމެ މަތީ ފަންތީގައި ވާދަކުރާ އެތުލީޓެކެވެ.
'ސަން'އަށް މައުލޫމާތުދެމުން ރާއްޖޭގެ ޒުވާން އެތުލީޓު ފައިހަތު ބުނީ، ހޫނުމިން 40 ޑިގްރީގައި 16 ކިލޯމީޓަރު ދުވެވުނީމަ ވަރަށް ހިތްހަމަޖެހޭ ކަމަށާއި އެންމެ ބޮޑަށް ކުރިމަތިވި އުނދަގުލަކީ ހޫނު ގަދަވުން ކަމަށެވެ. އަދި އޭނާ ވަނީ އާތިފްގެ ހިތްވަރަށް ވެސް ބޮޑު ތައުރީފެއް ކޮށް، އާތިފަކީ މިސާލެއްގެ ގޮތުގައި ދެކޭނެ އެތުލީޓެއް ކަމަށް ބުނެފަ އެވެ.
އާތިފް އާއި ފައިހަތުގެ އިތުރުން ދެން ދުބާއީގެ ރޭހުގައި ވާދަކުރި ދިވެހި އެތުލީޓަކީ ރާއްޖޭގެ އެއްވަނަ ވޮލީބޯޅަ ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. އޭނާގެ ރޭސް ނިންމާލަން ޖެހުނު އިރު، 10 ކިލޯމީޓަރަށް ދުވެފައިވެ އެވެ.

ވޯލްޑް ރަންގެ ދުބާއީ ރޭހުގައި ވާދަކުރި ރާއްޖޭގެ ފައިހަތު(ކ)، އާތިފް(މ) އަދި އިސްމާއިލް ސާޖިދު(ވ) --- ފޮޓޯ: ފޭސްބުކް
ޔޫއޭއީގެ އިތުރުން އެހެން ގައުމުތަކެއްގައި ވެސް ވޯލްޑް ރަން ކުރިއަށް ގެންގޮސްފައިވެ އެވެ. ޖުމްލަ 33 ގައުމެއްގެ 34 ސިޓީއެއްގައި ވޯލްޑް ރަން ކުރިއަށްގެންދިޔަ އެވެ.
ވޯލްޑް ރަން ކުރިއަށްގެންދިޔަ ގައުމުތަކަކީ ޑެންމާކް، އިންޑިއާ، ބްރެޒިލް، ސްލޮވާކިއާ، ނެދަލޭންޑްސް، އިނގިރޭސިވިލާތް، ޔޫއޭއީ، އަޔަލޭންޑް، މެކްސިކޯ، ބެލްޖިއަމް، ތުރުކީ، ޖޯޖިއާ، ސްވިޑަން، މޮސްކޯ، ސްލޮވޭނިއާ، ޕެރޫ، އޮސްޓްރޭލިއާ، އިޓަލީ، ޖަރުމަން، ކެނެޑާ، ސްވިޒަލެންޑް، ޕޯޗުގަލް، ޕޮލެންޑް، ސައުތު އެފްރިކާ، ފްރާންސް، އެމެރިކާ، ޗިލީ، ނޯވޭ، ޖަޕާން، ސްޕެއިން، އޮސްޓްރިއާ، ޓައިވާން އަދި ކްރޮއޭޝިއާގައެވެ. އޭގެ ތެރެއިން އެމެރިކާގެ ދެ ސިޓީއެއްގައި ދުވުން ކުރިއަށްގެންދިޔަ އެވެ.
ވޯލްޑް ރަންގެ ދުނިޔޭގެ އެއްވަނަ ފިރިހެން އެތުލީޓަކަށް އިޓަލީގެ ރޭހުގެ ޗެމްޕިއަން ޖޯޖިއާ ކަލްކަޓެރާ ހޯދި އިރު، އަންހެން އެއްވަނަ އެތުލީޓަކަށް ހޮވުނީ ޖަޕާނުގެ ރޭހުގައި ދުވި ކައޮރީ ޔޮޝީޑާ އެވެ.