މާލެ ވަށައި 24 ގަޑި އިރު ހުއްޓުމެއް ނެތި ދުވުމަށް ފަހު، އުޅަނދެއްގައި 24 ގަޑި އިރު ހުއްޓުމެއް ނެތި ދަތުރުކޮށްގެން މަސްދުވަހުގެ ތެރޭގައި ރާއްޖެ ވަށައި ބުރެއް ޖަހަން ދުވުންތެރިޔާ އަހުމަދު އާތިފު ނިންމައިފިއެވެ.
އެއްމަސް ދުވަސް ތެރޭގައި ފުރިހަމަ ކުރާ ގޮތަށް ނިންމާފައިވާ އެ ދަތުރު، ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ފެބްރުއަރީ 17 ވަނަ ދުވަހުއެވެ. މާލެއިން ފަށާ އެ ދަތުރު ނިންމުމަށްވެސް ހަމަޖެހިފައިވަނީ މާލެއަށެވެ.
ސަން އާ ވާހަކަ ދައްކަމުން އާތިފު ބުނީ، އޭނާ ރާއްޖެ ވަށައި ބުރެއް ޖަހަން ނިންމާފައިވަނީ ފަލި ޖަހައިގެން ކަމަށެވެ. އަދި އެ ދަތުރުގައި އޭނާއާ އެކު ރަހުމަތްތެރިއަކުވެސް ބައިވެރިވާނެ ކަމަށްވެސް އާތިފު ބުންޏެވެ.
"ކަނޑުގައި ފަލި ޖަހަން ހަދާފައި ހުންނަ އެކަމަށް ހާއްސަ ރޯވިންގު ބޯޓެއްގައި...އަޅުގަނޑާ އިތުރު މީހަކާ ވެގެން ފަލި ޖަހާނީ. ކަނޑުމަތީ ވަރަށް ތަޖުރިބާ ހުރި ސަފާރީ ބޯޓެއްގެ ކެޕްޓަނެއް...އަބަދުވެސް ކޮންމެވެސް މީހަކު ފަލި ޖެހުމުގައި ހަރަކާތްތެރިވާއިރު އަނެކަކަކު ރެސްޓު ކުރާ ގޮތަށް ހަމަޖެހިފަ އޮތީ..."، އާތިފް ބުންޏެވެ.
އާތިފު ބުނީ، އޭނާގެ ދަތުރު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ތިމާވެށީގެ ކެމްޕެއިން ތަކަކާއެކު ރަށްރަށަށް ވެސް މަޑު ކުރާ ގޮތަށް ކަމަށެވެ.
"ކޮންމެ އަތޮޅަކުންވެސް އެއް ރަށުގަ މަޑުކުރާ ގޮތަށް ވާހަކަ ދެކެވެނީ. އެންވަޔަރަންމަންޓަލް ކެމްޕެއިނަކާ އެއްކޮށްވީމަ...ކޮންމެވެސް އެއާ ގުޅުން ހުރި އެކްޓިވިޓީއެއް އެ މަޑު ކުރާ ރަށެއްގަ ޖައްސާ ގޮތަށް ވާހަކަ ދެކެވެނީ،" އާތިފު ބުންޏެވެ.
އާތިފުގެ ދަތުރުގައި 2100 ކިލޯ މީޓަރު ކަނޑައްތު ކުރާނެ ކަމަށް ބެލެވެއެވެ. އޭނާގެ ދަތުރު ސްޕޮންސާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.