ދެހާހަށްވުރެ ގިނަ ފަތުރުވެރިންނާއެކު ސީޒަންގެ ފުރަތަމަ ކްރޫޒްލައިން، މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އިންޑިއާގެ ކޮޗިނުން ނައްޓާލައިގެން ރާއްޖެ އައި "ކޯޑެލިއާ އެމްޕްރެސް" ނަމަކަށް ކިޔާ މި ބޯޓުގައި 1500 އަށްވުރެ ގިނަ ފަސިންޖަރުންނާއި ކްރޫ ހިމެނޭހެން ޖުމްލަ 2100 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ރާއްޖޭގައި އެއް ދުވަހު ބަނދަރުކުރުމަށްފަހު، މި ބޯޓު ދެން މިސްރާބު ޖަހާނީ ސްރީލަންކާގެ ކޮލަންބޯއަށެވެ. މި ކްރޫޒްލައިން ސީޒަނުގައި، ރާއްޖެއަށް އިތުރު 14 ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ.
ކޯޑެލިއާ އެމްޕްރެސްގެ މި ދަތުރު ނިންމާލުމަށްފަހު މާދަމާގެ ވަގުތެއްގައި ފުރުމަށް ހަމަޖެހިފައިވާއިރު، އެއަށްފަހު އެންމެ އަވަހަށް ކްރޫޒްލައިނާއެއް ރާއްޖެ އަންނަން ތާވަލުކޮށްފައިވަނީ އަންނަ ހަފްތާގެ ހޯމަދުވަހުއެވެ. އެއީ، "މެއިން ޝިފް 6" ނަމަކަށް ކިޔާ ބޯޓެކެވެ.
ދިވެހިރާއްޖެއަށް މި މަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކްރޫޒް ލައިނާތަކުގެ 34 ދަތުރު ކުރާ ގޮތަށް ހަމަޖައްސާފައިވެއެވެ.
ކުރޫޒު ލައިނާތަކުގެ ޖަމިއްޔާ "މާޔާ" އިން "ސަން" އާ ހިއްސާ ކޮށްފައިވާ ތާވަލުގައިވާ ގޮތުން، މި ސީޒަނުގެ ދަތުރުތައް މިއަދުން ފެށިގެން ގޮސް، އަންނަ އަހަރުގެ ޖޫން މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.
ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް ރާއްޖެ އަންނައިރު، އެއިން އަންނަ ފަތުރުވެރިން މާލެއަށް ފައިބައި، މާލޭގެ ބިނާތަކާއި ބާޒާރުމަތީގެ ސަރަޙައްދުތަކަށް ޒިޔާރާތްކޮށް ހަދައެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވެސް މަންފާ ކުރާނެ ކަމެކެވެ.