ތަހުގީގުތައް އަވަސްކޮށް، މައުލޫމާތު ގަވާއިދުން ހިއްސާކުރުމުން އިތުބާރު ދެމެހެއްޓޭނެ: ސީޕީ

ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި މައްސަލަ ހުށަހަޅާ ފަރާތްތަކަށް ތަހުގީގުގައި ކުރިއަށްދާ މަރުހަލާތަކުގެ މައުލޫމާތު ގަވާއިދުން ހިއްސާކުރުމަކީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ އިސް އޮފިސަރުންނާއެކު ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި މައްސަލަތައް ތަހުގީގުކުރަމުންދާއިރު އެ މައްސަލަތަކުގެ އަޕްޑޭޓް ކަމާބެހޭ ފަރާތްތަކަށް ލިބުމަކީ ނިޒާމާމެދު ރައްޔިތުންގެ ހިތްތަކުގައި ޔަގީންކަމާއި އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ.

ޚާއްސަކޮށް އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށާއި، ތަހުގީގުތައް ހިންގުމުގައި ދެފުށް ފެންނަ އުސޫލުތައް ހިފެހެއްޓުމަށް މިއީ ނުހަނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، ތަހުގީގުގެ ހުރިހާ މަރުހަލާއެއްގައި ވެސް އަނިޔާ ލިބޭ ފަރާތްތަކާ މުއާމަލާތްކުރުމުގައި އޯގާތެރިކަމާއި، އިހުތިރާމާއި އަދި ޕްރޮފެޝަނަލިޒަމް އިސްކުރުމަށް ސީޕީ އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން، ތަހުގީގުގެ މިންގަނޑުތަކަށާއި ހެކީގެ ރައްކާތެރިކަމަށް އެއްވެސް އުނިކަމެއް ނާންނާނެހެން، އަވަސް އަދި ފުރިހަމަ ތަހުގީގުތަކެއް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވައި، ލަސްވުންތައް ކުޑަކޮށް ނުނިމި ހުރި މައްސަލަތައް މަދުކުރުމަށް ސީޕީ ވަނީ އިރުޝާދު ދެއްވާފައެވެ.

މީގެއިތުރުން ޒަމާނީ ކުށްތަކަށް އަންނަ ބަދަލުތަކާއެކު ކޮމްޕްލެކްސް މައްސަލަތައް ތަހުގީގުކުރުމަށްޓަކައި، އިންވެސްޓިގޭޝަން އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމާއެކު، ޒަމާނީ ޓެކްނޮލޮޖީއާއި، އިންޓެލިޖެންސް އަދި ފައިނޭންޝަލް އެނަލިޓިކްސްގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

ސީޕީ އަޙްމަދު މުޙައްމަދު އިތުރަށް ވިދާޅުވީ، ތަހުގީގުތައް ކުރިއަށްދާ ގޮތް ގާތުން ބަލައި އިންވެސްޓިގޭޝަން އޮފިސަރުންނަށް ބޭނުންވާ އިރުޝާދު ދިނުމާއެކު، ކޮންމެ ފަންތިއެއްގައި ވެސް ޖަވާބުދާރީވުމާއި، ސުލޫކީ އަދި އަޚުލާގީ މަތީ މިންގަނޑުތައް ހިފެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑަކީ ޖިނާއީ ބޮޑެތި ކުށްތަކާއި ޚާއްސަ މައްސަލަތައް ތަހުގީގުކުރުމުގެ ޒިންމާ އުފުލާ މައި ބަހާއެވެ.

އެގޮތުން ފައިނޭންޝަލް އެނަލިޓިކްސް، ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން، ޑްރަގް އެންފޯސްމަންޓް، ގޭންގް ކްރައިމް އެންފޯސްމަންޓް، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން، މޭޖަ ކްރައިމް އިންވެސްޓިގޭޝަންސް، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް އަދި ސްޕެޝަލިސްޓް އިންވެސްޓިގޭޝަން ސަޕޯޓުގެ މަސައްކަތްތައް ކުރިއަށްގެންދަނީ މި ކޮމާންޑުގެ ދަށުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް