'ރިވެލި ބީޗު'ގެ ބިން އެޗްޑީސީއަށް ނެގުން ހުއްޓުވަން ނެރުނު އަމުރު ބާޠިލުކޮށްފި

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ރިވެލި ރެސްޓޯރެންޓް: އެތަނަށް ދައްކަންޖެހޭ ކުލި ނުދެއްކުމުން އެ ބިން އެޗްޑީސީއިން ނަގައިފި --- ފޮޓޯ: ރިވެލި ބީޗް ކުލަބު

ހުޅުމާލޭގައި ހިންގަމުން އަންނަ "ރިވެލި ބީޗު ކްލަބް އެންޑް ރެސްޓޯރެންޓް" ހިންގާ ބިމުގެ ކުލި ނުދައްކާތީ، އެ ތަން އަތުލުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ސިވިލް ކޯޓުން ކުރިން ނެރުނު ވަގުތީ އަމުރު އެ ކޯޓުން މިއަދު ބާޠިލުކޮށްފިއެވެ.

ހުޅުމާލެ ރުއްގަނޑު އެކެއް ސަރަޙައްދުގައި ހުންނަ ލޮޓް ނަންބަރު 10877 ގައި ރެސްޓޯރެންޓް ހިންގުމަށް ޙަވާލުކޮށްފައިވަނީ ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އެ ބިމުގައި އެއްވެސް ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ދިނުން މަނާކޮށް، އެޗްޑީސީން އެންގީ މި މަހުގެ ދެ ވަނަ ދުވަހުއެވެ.

އެ އެންގުމަކީ އެއްބަސްވުމާ ޚިލާފު ނިންމުމެއް ކަމަށް ބުނެ ސޮލާރިސް އިން ކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ފުރަތަމަ ވަގުތީ އަމުރެއް ނެރެދިނީ އެޗްޑީސީގެ ޣައިރު ޙާޟިރުގައެވެ.

އެ އަމުރު މުރާޖަޢާކުރުމަށް އެޗްޑީސީން ކޯޓަށް ހުށަހެޅުމާ ގުޅިގެން ނެރުނު ނިންމުމުގައި ކޯޓުން ބުނެފައިވަނީ، އެޗްޑީސީގެ ޣައިރު ޙާޟިރުގައި ނެރުނު އަމުރު އެގޮތުގައި ދަމަހައްޓައިފިނަމަ އެ ކުންފުންޏަށް ޙައްޤު ނޫން ބުރައެއް އުފުލަންޖެހޭނެ ކަމަށެވެ. އަދި މައި މައްސަލައާމެދު ގޮތެއް ނިންމާއިރު އެޗްޑީސީއަށް މިންނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ފެންނާތީ، އެ އަމުރު ދެމެހެއްޓުމަކީ އިންޞާފުވެރި ގޮތެއް ނޫން ކަމަށްވެސް ކޯޓުން ކަނޑައެޅިއެވެ.

އެނގިފައިވާ ގޮތުގައި އެ ބިމަށް ގަވާއިދުން ކުލި ނުދައްކާތާ މިހާރު ތިން އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެގޮތުން މަހަކު ގާތްގަނޑަކަށް 141،000 ރުފިޔާގެ މަގުން ނުދައްކާ ހުރި ކުލީގެ ޖުމްލަ 5.4 މިލިއަން ރުފިޔާއަށް އަރާއިރު، ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާއާ އެކު އެ ކުންފުނިން އެޗްޑީސީއަށް ދައްކަންޖެހޭ ޢަދަދު ގާތްގަނޑަކަށް 7.8 މިލިއަން ރުފިޔާއަށް އަރައެވެ.

ކޯޓުން ވަގުތީ އަމުރު ބާޠިލުކުރުމާ ގުޅިގެން، އެ ބިން އަނބުރާ ހޯދުމަށް އެޗްޑީސީން އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް ގެންދިއުމުގެ ހުރަހެއް މިހާރު ނެތެވެ.

comment ކޮމެންޓް