މެލޭޝިއާއިން އައި ދިވެއްސެއްގެ އަތުން 3.2 ކިލޯގެ ހެރޮއިން ކަސްޓަމްސްއިން އަތުލައިގެންފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯ (3200 ގްރާމް) ގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ އަށްވަނަ ދުވަހު މެލޭޝިއާއިން ރާއްޖެ އައި 32 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ކަމަށެވެ.

އެ އިދާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި ތަކެތި ފެނިފައިވަނީ އެ ފަސިންޖަރުގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

އަދި ބަލައިފާސްކުރިއިރު ފެނުނު ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރިއިރު، އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އެތަކެތި އެތެރެކުރަން އުޅުނު މީހާ މިހާރު ވަނީ އިތުރު ތަހުގީގަށް ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ޓަކައި ގައުމީ ފެންވަރުގައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ކަސްޓަމްސްއިން ދަނީ ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

comment ކޮމެންޓް