ކާމިޔާބު ރިސާޗް ޕްލޭނެއް އެކުލަވައިލާނެ ގޮތުގެ ސެމިނާއެއް ޖޭޑީއެސްއިން ބާއްވަނީ

ޖަޕާން ސަރުކާރުގެ އެހީގައި ދޭ "ޖަޕަނީޒް ގްރާންޓް އެއިޑް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަރޝިޕް" (ޖޭޑީއެސް) އަށް ކުރިމަތިލާ ފަރާތްތަކަށް އަމާޒުކޮށްގެން، ކާމިޔާބު ރިސާޗް ޕްލޭނެއް އެކުލަވައިލާނެ ގޮތުގެ ޚާއްސަ ސެމިނާ އެއް އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކޮލަޝިޕަށް އެދި ހުށަހަޅާއިރު، ފެންވަރު ރަނގަޅު ރިސާޗް ޕްލޭނެއް އެކުލަވައިލުމަކީ ކާމިޔާބީއާ ހަމައަށް ދިއުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅެވެ. މިކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ވިލާ ކޮލެޖުގެ ލެކްޗަރާއަކު އިސްވެ ހުންނަވައިގެން ކުރިއަށްގެންދަވާ މި ސެޝަންގައި، ދިރާސާ ކަރުދާސް ފުރިހަމަކުރާނެ ގޮތުގެ އިރުޝާދާއި ސްކޮލަޝިޕަށް ތައްޔާރުވުމުގެ މުހިންމު މައުލޫމާތުތައް ބައިވެރިންނަށް ހިއްސާކުރެވޭނެއެވެ.

ސެމިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ:

· 22 ނޮވެމްބަރު (އާދީއްތަ): ހަވީރު 4:00 އިން 5:30 އަށް - ޒޫމް މެދުވެރިކޮށް

މި ސެމިނާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

މީގެ އިތުރުން، ޖޭ.ޑީ.އެސް ސްކޮލަރޝިޕާ ގުޅޭ މައުލޫމާތު ދިނުމުގެ އިތުރު ސެޝަނެއް ނޮވެމްބަރު 26 ގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ސެޝަންގައި ސްކޮލަރޝިޕް ޕްރޮގްރާމާއި އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ ތަފްސީލީ މައުލޫމާތު ލިބިގެންދާނެއެވެ.

· 26 ނޮވެމްބަރު (ބުރާސްފަތި): މެންދުރުފަހު 3:00 އިން 4:00 އަށް - ޒޫމް މެދުވެރިކޮށް

މި ސެޝަންގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ޖޭޑީއެސް ސްކޮލަޝިޕަށް އެދި ހުށަހަޅާ ފޯމުތައް، ޑިސެމްބަރު 14 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޖޭޑީއެސް އޮންލައިން އެޕްލިކޭޝަން ސިސްޓަމް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތާއި އަދާހަމަތައް ޖޭ.ޑީ.އެސް މޯލްޑިވްސްގެ ރަސްމީ ވެބްސައިޓާއި ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް