މިނިވަން އަދި ހުޅުވިފައިވާ ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް އެއްބާރުލުން ދީ، ވިޔަފާރީގެ ހުރަސްތައް ނައްތާލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ މިއަދު ގޮވާލައްވައިފިއެވެ.
ޗައިނާގެ ޝެންޒެންގައި ކުރިއަށްދާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސީއީއޯ ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝީ ވިދާޅުވީ، ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން - ޑަބްލިއުޓީއޯ) އިސްވެ އޮންނަ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ވިޔަފާރީގެ ނިޒާމު ދަމަހައްޓައި، ސަޕްލައި ޗެއިންތަކުގެ ހަމަޖެހުން ގާއިމުކުރަންޖެހޭ ކަމަށެވެ. އަދި އަމިއްލަ އުފެއްދުންތައް ހިމާޔަތްކުރުމުގެ ސިޔާސަތުތަކާ ދެކޮޅަށް ތެދުވެ، ޓެރިފްތައް ދަށްކޮށް ޗައިނާގެ ބާޒާރުތައް އިތުރަށް ހުޅުވާލައްވާނެ ކަމަށާއި، ސައިންސާއި ޓެކްނޮލޮޖީ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން ގުޅުން ބަދަހިކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޝީ މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ، އެންވީޑިއާ ފަދަ ކުންފުނިތަކުގެ ޒަމާނީ އޭއައި ޗިޕްތައް ޗައިނާއަށް ލިބުން ހުއްޓުވުމަށް އެމެރިކާގެ ސަރުކާރުން ހޯމަ ދުވަހު އާ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށެވެ. އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ނެރުނު ގަވާއިދުގެ ދަށުން، ޗައިނާއަށް ޗިޕްތައް ފޯރުކޮށްދިނުމުގެ ހިރާސް ބޮޑު ގައުމުތަކަށް އޭއައި ޗިޕް ވިއްކުމުގެ ކުރިން ހާއްސަ ހުއްދައެއް ނަގަންޖެހެއެވެ.
މި ފިޔަވަޅުތަކާ ގުޅިގެން ރައްދު ދޭނެ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ. ދި އޭޝިއާ ގްރޫޕްގެ ޑިޖިޓަލް ޕްރެކްޓިސްގެ ޗެއާ ޖޯޖް ޗެން ވިދާޅުވި ގޮތުގައި، ޝީގެ މި މެސެޖަކީ އެމެރިކާގެ ޓެކްނޮލޮޖީ ސިޔާސަތާ ޗައިނާގެ ސިޔާސަތު ތަފާތުކަން ދެއްކުމަށް ކުރާ މަސައްކަތަށް ލިބޭ ބާރެކެވެ.
މި ސަމިޓުގެ ތެރެއިން ޝީއާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން މާދަމާ މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ޕޫޓިން ރޭ ޝެންޒެންއަށް ވަޑައިގެންފައިވާއިރު، ޓްރަމްޕް މިއަދުގެ ފަހުގެ ވަގުތެއްގައި އެ ސިޓީއަށް ވަޑައިގަންނަވާނެއެވެ. މި ތިން ލީޑަރުންގެ ބައްދަލުވުމުގައި ޔޫކްރެއިނާއި އީރާނުގެ ހަނގުރާމައިގެ އިތުރުން ވިޔަފާރިއާއި، އޭއައި އަދި ނިއުކްލިއާ ހަތިޔާރުގެ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. މީގެ އިތުރުން، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންއާ ބައްދަލުކުރައްވައިފާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ކުރައްވާފައިވީ ނަމަވެސް، އެކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.
މި ތިން ގައުމުގެ ބައްދަލުވުން 1945 ވަނަ އަހަރުގެ ޔާލްޓާ ކޮންފަރެންސާ އެއްގޮތް ކަމަށް ބުނެ، ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ހިމެނޭހެން ޔޫރަޕާއި އޭޝިއާގެ ކުދި ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ގައުމުތަކުގެ ސަލާމަތީ މަސްލަހަތުތަކަށް ބެލުމެއް ނެތި ބޮޑެތި ބާރުތަކުން އެއްބަސްވުމަކަށް އަތުވެދާނެތީ ކުދި ގައުމުތަކުން ޖެހިލުންވާއިރު، ރަޝިޔާގެ މަތިންދާބޯޓުތައް ޖަޕާނާއި ޓައިވާނުގެ ވައިގެ ސަރަހައްދަށް އިއްޔެ ވަދެފައިވާ ކަމަށް އެ ދެ ގައުމުން ވަނީ ބުނެފައެވެ.