އެންމެ ފަހުގެ އިނގިރޭސި ޗެމްޕިއަން، އާސެނަލްއަށް ކުޅެމުން އަންނަ ސްޕެއިންގެ ކީޕަރު ޑޭވިޑް ރާޔާގެ ކޮންޓްރެކްޓު އައުކުރުމުގެ މަސައްކަތް އެ ކުލަބުން ފަށައިފިއެވެ.
ހުސްވި ސީޒަނުގައި މޮޅަށް ކުޅެ، 22 އަހަރު ފަހުން އާސެނަލްއަށް އިނގިރޭސި ލީގު ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ކީޕަރުގެ މިހާރުގެ ކޮންޓްރެކްޓުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް އޭނާގެ ކޮންޓްރެކްޓް އާކުރަން އާސެނަލްއިން މަސައްކަތް ފެށީ މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓު އާނުކޮށްފިނަމަ ކުޑަ އަގަކަށް ކުޅުންތެރިޔާ ވިއްކާލަން ޖެހިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
އުމުރުން 31 އަހަރުގެ ސްޕެއިންގެ ބަދަލު ކީޕަރަކީ ދުނިޔޭގެ ގިނަ ކުލަބުތަކުން ބޭނުންވާ ފެންވަރުގެ މޮޅު ކީޕަރެކެވެ.
ޑޭވިޑް ރާޔާ، ޕްރެމިއާ ލީގު ޓްރޮފީއާއެކު--ރާޔާގެ ކޮންޓްރެކްޓު އައުކުރުމުގެ ކަންކަމާގުޅޭގޮތުން އާސެނަލްއިން ބުނީ މިހާރު ވަނީ ކުޅުންތެރިޔާއާ ވެސް ވާހަކަ ދެކެވި އެއްބަސްވުމަކަށް އާދެވިފައި ކަމަށެވެ. އެހެންކަމުން ދެން އޮންނާނީ ދެ ފަރާތުން ކުރަންޖެހޭ ކަރުދާހުގެ މަސައްކަތް ނިންމާލުންކަމަށް ކުލަބުން ބުނެއެވެ.
ރާޔާގެ ކުރިން އާސެނަލްއިން ވަނީ މި މަހުގެ ތެރޭގައި ހޫލިއަން ޓިމްބާ އާއި ޑެކްލައިން ރައިސްގެ ކޮންޓްރެކްޓް އައުކުރުމަށް ނިންމައިފައެވެ.
ރާޔާ އަކީ 2023 ވަނަ އަހަރު އާސެނަލްއަށް ތިން މިލިއަން ޕައުންޑަށް ލޯނު އުސޫލުން ގަތް ކީޕަރެކެވެ. އޭނާގެ ކޮންޓްރެކްޓް އާސެނަލްއިން ދާއިމީކޮށްފައިވަނީ ޖެހިގެން އައި އަހަރު ބްރެންޓްފޯޑަށް 27 މިލިއަން ޕައުންޑް ދީފައެވެ. ރާޔާ ކުލަބާ ގުޅުނުއިރު އާސެނަލްގެ ކީޕަރަކަށް ހުރީ އާރޮން ރަމްސްޑޭލްއެވެ. ނަމަވެސް އޭނާ ވަނީ ކޯޗު، މިކޭލް އާޓެޓާގެ އެއްނަންބަރު ކީޕަރުގެ މަޤާމު، ކުރު މުއްދަތެއްގެ ތެރޭ ހޯދާފައެވެ. މީގެ އިތުރުން ނިމިދިޔަ ސީޒަނުގެ އިނގިރޭސި ލީގުގެ އެއްވަނަ ކީޕަރުކަން ހޯދާފައިވަނީވެސް ރާޔާއެވެ.
އާސެނަލްއިން ހުސްވި ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބުކުރުމުގެ އިތުރަށް ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެފައިވާތީވެ މި ސީޒަނުގައި އެއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދަން މުހިންމު ކުޅުންތެރިން ޓީމުގައި ބޭތިއްބުމަށް އެކުލަބުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.