އަންނަ އަހަރުން ފެށިގެން ޔުއެފާގެ ކްލަބް މުބާރާތްތަކަށް ބޯޅަ ފޯރުކޮށްދޭނީ ނައިކީ އިން ކަމަށް ޔުއެފާ އެންޑް ޔޫރޮޕިއަން ފުޓްބޯލް ކްލަބްސް (ޔޫސީ) އިން ބުނެފިއެވެ.
ޔުއެފާ އާއި ޔޫރަޕްގެ ކްލަބްތައް ގުޅިގެން އުފައްދާފައިވާ ވިޔަފާރީގެ މުއާމަލާތްތައްކުރާ މި މުއައްސަސާއިން ބުނެފައިވާގޮތުން ވާދަވެރި, ދެފުށް ފެންނަ މަރުހަލާއަކަށްފަހު އަންނަ 2027 ވަނަ އަހަރުން ފެށިގެން ބޯޅަ ސަޕްލައިކުރުން ވަނީ ނައިކީއާ ހަވާލުކޮށްފައެވެ.
އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2027 ން 2031 ގެ ނިޔަލަށް ޔުއެފާގެ ކުލަބް މުބާރާތްތަކުގެ ތެރެއިންވެސް ފިރިހެން ޑިވިޝަންގެ މުބާރާތްތަކަށް ބޯޅަ ފޯރުކޮށްދިނުމެވެ.
ވާދަވެރި އެޑިޑާސް ކުންފުނީގެ މައްޗަށް ނައިކީ އިން ކުރި ހޯދީ މާޗު މަހު ފެށި ބިޑު މަރުހަލާއަކަށް ފަހު ގުޅުންހުރި ފުޓްބޯޅަ ޕާޓްނަރުންގެ ވެސް ބައިވެރިވުމާއެކު ކަމަށް ޔޫސީ އިން ބުންޏެވެ.
އެ މުއްދަތުގައި ނައިކީ އިން މެޗު ބޯޅަ ސަޕްލައި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ޗެމްޕިއަންސް ލީގާއި, ޔޫރޮޕާ ލީގާއި, ކޮންފަރެސް ލީގުގެ މެޗުތަކުގެ އިތުރުން ސުޕަ ކަޕާއި, ޔުއެފާ ޔޫތު ލީގާއި, ޔުއެފާ ފުޓްސަލް ޗެމްޕިއަންސް ލީގުގެ މެޗު ބޯޅަތަކެވެ.
މިއީ ޔުއެފާގެ ފިރިހެން ޑިވިޝަންގެ ތިން މުބާރާތުގެ މެޗު ބޯޅަ އެއް ކުންފުންޏަކުން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.
މި އެއްބަސްވުމުގެ އަގަކީ އަހަރަކު 45 މިލިއަން ޑޮލަރެވެ. މިއީ އެމެރިކާގެ ކުންފުނި ނައިކީގެ ވިޔަފާރީގެ އަގު އުފުލިގެންދާނެ އެއްބަސްވުމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އެއްބަސްވުމާމެދު ނައިކީ އިން ބުނީ، ވިއްސަކަށް އަހަރަށްފަހު އަލުން ޔުއެފާ ޗެމްޕިއަންސް ލީގަށް އެނބުރި އާދެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޔުއެފާގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގަށް މެޗު ބޯޅަ ފޯރުކޮށްދިނުމުގެ ފުރުސަތު ލިބުން އެކުންފުނިން ވަރަށް ބޮޑަށް ފާހަގަކުރިއެވެ.