އަނަންޔާގެ 'ކޯލް މީ ބޭ'ގެ ދެވަނަ ސީޒަން އަންނަ މަހު ޕްރީމިއަކުރަނީ

ބޮލީވުޑްގެ ބަތަލާ އަނަންޔާ ޕާންޑޭ--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑްގެ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ މުހިންމު ރޯލަކުން ފެނިގެންދާ ކާމިޔާބު ވެބް ސީރީޒް "ކޯލް މީ ބޭ"ގެ ދެވަނަ ސީޒަން އަންނަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ޕްރައިމް ވީޑިއޯގައި ޕްރިމިއާ ކުރާނެކަން އެ ޕްލެޓްފޯމުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. ކޮލިން ޑިކުންހާ ޑައިރެކްޓްކޮށްފައިވާ 8 އެޕިސޯޑުގެ މި ޑްރާމާ ސީރީޒަކީ ދަރްމެޓިކް އެންޓަޓެއިންމަންޓްގެ ދަށުން ކަރަން ޖޯހަރް، އާދާރް ޕޫނާވާލާ އަދި އަޕޫރްވާ މެހެތާ ޕްރޮޑިއުސްކޮށްފައިވާ އުފެއްދުމެކެވެ.

މުއްސަނދި އާއިލާއަކަށް ނިސްބަތްވާ އަންހެން ކުއްޖަކު ކުއްލިއަކަށް އަތްމަތި ހުސްވުމުން، ނޫސްވެރިކަމުގެ ދާއިރާއަށް ނުކުމެ އަމިއްލަ ފައިމައްޗަށް ތެދުވާން ކުރާ މަސައްކަތް މި ސީރީޒްގެ ފުރަތަމަ ބައިގައި ދައްކުވައިދީފައިވެއެވެ. އަލަށް ނެރޭ ދެވަނަ ސީޒަންގައި ވާހަކަ އިތުރަށް ފުޅާވެގެންދާއިރު، 'ބޭ' ގެ ލޯބީގެ ހަޔާތަށް ބޮޑެތި އޮޅުންބޮޅުންތަކެއް ކުރިމަތިވެ، އޭނާގެ ހިތަށާއި އެކުވެރިންގެ މެދުގައި އޮންނަ "ބެހެން ކޯޑް"އަށް ވަރުގަދަ އިމްތިހާނުތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.

"ކޯލް މީ ބޭ"ގެ ދެވަނަ ސީޒަންގެ މަންޒަރެއްގައި އަނަންޔާ އަދި ޝްރޫތީ--ފޮޓޯ/ފިލްމުފެއަ

އިޝިތާ މޮއިތުރާ އުފައްދައި، ސްކްރީންޕްލޭ ލިޔުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މި ސީރީޒްގެ ލިޔުންތެރިންގެ ޓީމުގައި ސަމީނާ މޮޓްލެކަރް، ރޯހިތު ނައިރް އަދި ނިއްތަލް ޗަންދަރާނާ ވެސް ހިމެނެއެވެ. ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ސޯމެން މިޝްރާ އަދި ޑައިރެކްޓަރު ޑިކުންހާ މަސައްކަތް ކޮށްފައިވާއިރު، އަނަންޔާއާއެކު މި ސީޒަންގައި ވެސް ވީރް ދާސް، ގުރްފަތޭ ޕިރްޒާދާ، ވަރުން ސޫދު، ވިހާން ސަމަތު، މުސްކާން ޖަފެރީ، ނިހާރިކާ ލައިރާ ދަތު، ލީސާ މިޝްރާ އަދި މިނީ މާތޫރް ފަދަ ތަރިން މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން، މި ސީޒަނާ އަލަށް ގުޅޭ ތަރިންގެ ތެރޭގައި ޝްރޫތީ ކަމަލް ހަސަން ހިމެނޭކަން ފާހަގަކޮށްލެވެއެވެ.

ސީރީޒްގެ ފުރަތަމަ ސީޒަނަށް ލިބުނު ބޮޑު ތަރުހީބާ ގުޅޭގޮތުން ވާހަކަދައްކަމުން ކަރަން ޖޯހަރް ބުނީ، އެ ކާމިޔާބީން ހާމަވެގެންދިޔައީ ބޭގެ ހަލަބޮލި ދިރިއުޅުމާއި، އެއްވެސް ޖެހިލުމެއް ނެތި އޭނާ ކަންކަމާ ކުރިމަތިލާ ގޮތް ބެލުންތެރިން ބަލައިގެންފައިވާ މިންވަރު ކަމަށެވެ. އެހެންކަމުން، ދެވަނަ ސީޒަން ތައްޔާރުކޮށްފައިވަނީ ބެލުންތެރިން އެންމެ ލޯބިކުރި މަޖާކަމާއި ޖަޒުބާތީ ސިފަތައް ދަމަހައްޓަމުން، ބޭގެ ދިރިއުޅުމުގެ އާ އުސްމިންތަކެއް ދައްކުވައިދޭ ގޮތަށް ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ޕްރައިމް ވީޑިއޯއާ އަލުން ގުޅިގެން، ހެއްވާ މަޖާ ކަންތައްތަކާއި ހަލަބޮލިކަމުން ފުރިގެންވާ އާ ބާބެއް ބެލުންތެރިންނާ ހަމައަށް ގެނެސްދެވޭތީ ނުހަނު އުފާކުރާ ކަމަށް ވެސް ކަރަން ބުންޏެވެ.

ޕްރައިމް ވީޑިއޯ އަދި އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސް އިންޑިއާގެ އޮރިޖިނަލްސް ޑައިރެކްޓަރު އަދި ހެޑް ނިކިލް މަދޯކް ވިދާޅުވި ގޮތުގައި "ކޯލް މީ ބޭ" އަކީ ހަމައެކަނި ވެބް ސީރީޒަކަށް ވުރެ މާ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އުފެއްދުމެކެވެ. ޚާއްޞަކޮށް މި ސީރީޒްގައި ދައްކުވައިދޭ އަންހެނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫހު ރަމްޒުކޮށްދޭ "ބެހެން ކޯޑް" އަކީ ސީރީޒުން ބޭރުގައި ވެސް އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަޤުބޫލުވި ސަގާފީ ކަމަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދަރްމެޓިކް އެންޓަޓެއިންމަންޓާއެކު އޮތް ގާތް ގުޅުމުގެ ތެރެއިން ތާޒާ އަދި ޝައުގުވެރި ވާހަކަތައް ބެލުންތެރިންނަށް ގެނެސްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވަމުން ނިކިލް ވިދާޅުވީ، މި ސީރީޒްގެ ދެވަނަ ސީޒަނަށް ބެލުންތެރިންނަށް މަރުހަބާ ކިޔުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

comment ކޮމެންޓް