ޖޭމްސް ބޮންޑްގެ އައު ފިލްމުގެ ވިލަންގެ ރޯލަށް ބްރެޑް ޕިޓް ޝައުގުވެރިކަން ފާޅުކޮށްފި

ހޮލީވުޑްގެ ތަރިން ކަމަށްވާ ރޮބަޓް ޕެޓިންސަން އަދި ބްރެޑް ޕިޓް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މަޝްހޫރު ޖޭމްސް ބޮންޑް ފިލްމު ސިލްސިލާގެ އައު ބޮންޑަކީ ރޮބަޓް ޕެޓިންސަން ކަން އިއުލާންކުރުމާއެކު އެ ފްރެންޗައިޒްގެ ކުރިއަށް އޮތް ފިލްމުގެ ވިލަން ނުވަތަ ނުބައިބައި ރޯލުން ފެނިލުމަށް ހޮލީވުޑްގެ މަޝްހޫރު ތަރި ބްރެޑް ޕިޓް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ފަސް ފިލްމަށްފަހު ޑެނިއަލް ކްރެއިގް ޖޭމްސް ބޮންޑުގެ ރޯލުން ވަކިވުމުން އެ މަޤާމަށް އަންނާނެ ތަރިއަކާ މެދު ދެކެވެމުން އައި އިންތިޒާރީ ވާހަކަތަކަށް ނިމުމެއް ގެނެސް އައު 007ގެ ގޮތުގައި ޕެޓިންސަން ހަމަޖެއްސިކަން ރަސްމީކޮށް އިއުލާންކުރީ މިދިޔަ ހޯމަ ދުވަހުއެވެ. މި ނިންމުމަށް މަރުހަބާ ކިޔަމުން ބްރެޑް ޕިޓް ބުނެފައިވަނީ ޕެޓިންސަން އަކީ އެ ރޯލަށް އެންމެ އެކަށީގެންވާ ފުރިހަމަ ހޮވުމެއް ކަމަށެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު "ދަ ފާދަ މިސްއެޑްވެންޗާސް އޮފް ކްލިފް ބޫތު" ޕްރޮމޯޓްކުރުމަށް "ކޮމްޕްލެކްސް"އަށް ދިން އިންޓަވިއުއެއްގައި ޕިޓް ފާހަގަކުރި ގޮތުގައި ފަހަކަށް އައިސް ތަފާތު ޝައުގުވެރި ފިލްމުތަކެއް ކުޅެމުން އަންނަ ޕެޓިންސަން މިފަދަ ބޮޑު ކޮމާޝަލް ރޯލަކާއެކު އޭނާގެ ކެރިއަރު ބެލެންސްކޮށްލުމަކީ ވަރަށް ރަނގަޅު ނިންމުމެކެވެ.

އިންޓަވިއުގެ ތެރެއިން ކުރިއަށް އޮތް ބޮންޑް ފިލްމުގެ ބަތަލާ ނުވަތަ "ބޮންޑް ގާލް"ގެ ރޯލަށް އެންމެ ކަމުދާނީ ކޮން ތަރިއެއްތޯ ސުވާލުކުރުމުން ޕިޓް ވަނީ ސީދާ ފިލްމުގެ ޑިރެކްޓަރު ޑެނިސް ވިލެނުއޭވްއަށް އަމާޒުކޮށް ޝައުގުވެރި މެސެޖެއް ދީފައެވެ. އެގޮތުން ބޮންޑް ގާލްއަކަށް ވާނެ ތަރިއެއް ބުނަން ނޭނގޭ ކަމަށާއި ނަމަވެސް ވިލަންގެ ރޯލަށް އޭނާ ހަމަޖައްސައިދިނުމަށް އެދި ވިލެނުއޭވްއަށް ވަގުތުން ގުޅައިދިނުމަށް ޕިޓް ވަނީ ސަމާސާ ރާގަކަށް އެދިފައެވެ.

ރޮބަޓް ޕެޓިންސްސަން ފިލްމު "ހެރީ ޕޮޓާ"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ޖޭމްސް ބޮންޑުގެ ރޯލަށް ކުރިމަތިލި ތަރިންގެ ލިސްޓާ ޕެޓިންސަން ގުޅުނީ ވަރަށް ފަހުން ނަމަވެސް ޖެކް ލޯޑެން އާއި ކެލަމް ޓާނާ އާއި ޖޯޝް އޮކޯނާގެ އިތުރުން ނިކޮލަސް ހޯލްޓް އަދި އާރޮން ޓޭލާ ޖޯންސަން އާއި ތިއޯ ޖޭމްސް ފަދަ ހުނަރުވެރި ތަރިން ފަހަތަށް ޖައްސާލުމަށްފަހު އޭނާ ވަނީ މި ޝަރަފުވެރި ރޯލު ކާމިޔާބުކޮށްފައެވެ. އައު ބޮންޑުގެ ގޮތުގައި ޕެޓިންސަން ހަމަޖެއްސުމާއެކު ސަޕޯޓަރުން ދަނީ އޭނާ މީގެ ކުރިން ފެނިގެންދިޔަ "ހެރީ ޕޮޓާ" އާއި "ޓްވައިލައިޓް" އަދި "ބެޓްމޭން" ފަދަ މަޝްހޫރު ފިލްމު ސިލްސިލާތަކުގެ ރޯލުތަކާ ގުޅުވައިގެން ތަފާތު މަޖާ މީމްތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް އުފާފާޅުކުރަމުންނެވެ.

ބޮންޑް ފިލްމަކުން ފެނިލުމުގެ ޝައުގުވެރިކަން ބްރެޑް ޕިޓް ފާޅުކޮށްފައި މިވަނީ ކުއެންޓިން ޓެރެންޓީނޯގެ 2019 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "ވަންސް އަޕޮން އަ ޓައިމް އިން ހޮލީވުޑް"ގެ ސީކުއަލް "ދަ ފާދަ މިސްއެޑްވެންޗާސް އޮފް ކްލިފް ބޫތު" ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މި ފިލްމުގައިވެސް ޕިޓް ފެނިގެންދާނީ އޭނާއަށް ބޮޑު މަޤުބޫލުކަމެއް ހޯދައިދިން ކްލިފް ބޫތުގެ ރޯލުންނެވެ.

ޓެރެންޓީނޯގެ ސްކްރިޕްޓަކަށް ބިނާކޮށް ޑޭވިޑް ފިންޗާ ޑައިރެކްޓްކުރާ މި ފިލްމު އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އައިމެކްސް ސިނަމާތަކުގައި ދައްކަން ފަށާއިރު ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ނެޓްފްލިކްސް މެދުވެރިކޮށް ބެލުންތެރިންނަށް ސްޓްރީމްކޮށްލެވޭނެއެވެ.

comment ކޮމެންޓް