ތާޑް-ޕާޓީ އެޕްލިކޭޝަންތަކަށް ޑުއަލް ސިމްގެ ފީޗާތައް އިތުރަށް ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް އެޕަލްއިން މަސައްކަތް ފަށައިފިއެވެ.
އައިފޯނުގައި ބޭނުންކުރާ ތާޑް-ޕާޓީ ކޯލިން އަދި ކޮންޓެކްޓް އެޕްލިކޭޝަންތަކުގައި ވަކިން އޮފީސް ނަންބަރާއި އަމިއްލަ ނަންބަރު ބޭނުންކުރުން ފަސޭހަކޮށްދިނުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެޕަލްއިން ކުރިއަށް ގެންދަން ނިންމައިފައިވާއިރު، އެ ކުންފުނިން މި މަސައްކަތް ފަށާފައިވަނީ މި ހަފްތާގެ ތެރޭގައި އެކަމާ ގުޅޭ ހުށަހެޅުމެއް ޑިވެލޮޕްމަންޓް މަރުހަލާއަށް ބަދަލުކުރުމަށްފަހުއެވެ.
މި ބަދަލުތައް ގެނައުމަށް އެދި ހުށަހެޅުން ހުށަހަޅާފައިވަނީ އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު ޑިވެލޮޕަރެއް ކަމަށްވާ އައިރެލެކް ކްލައިމާގެ ފަރާތުންނެވެ. މި ހުށަހެޅުމުގެ މަގުސަދަކީ އައިފޯނުގައި ބޭނުންކުރާ ދެ ސިމް ކާޑާ ގުޅޭގޮތުން އައިއޯއެސްގައި ރައްކާކޮށްފައި ހުންނަ އިތުރު މައުލޫމާތުތައް ތާޑް-ޕާޓީ އެޕްތަކަށް ބޭނުންކުރެވޭނެ ގޮތް ހެދުމެވެ.
މިހާރު އޮންނަ ގޮތުން، ބޭނުންކުރާ މީހުން އެމީހުންގެ ދެ ނަންބަރަށް ދީފައިވާ "ވޯކް" އަދި "ޕާސަނަލް" ފަދަ ނަންތައް ދެނެގަތުމުގެ ގާބިލުކަމެއް ތާޑް-ޕާޓީ އެޕްތަކަކަށް ނުވަތަ ކޮންމެ ކޮންޓެކްޓަކަށް ކަނޑައަޅާފައިވާ ޕްރިފާޑް ލައިން ބެލުމާއި ބަދަލުކުރުމުގެ ފުރުސަތެއް އެ އެޕްތަކަކަށް ލިބިފައެއް ނުވެއެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ ބަދަލުތަކާއެކު، ޝަރުތު ހަމަވާ އެޕްތަކަށް މި މައުލޫމާތުތައް ފަސޭހައިން ލިބޭނެ ގޮތް ވެގެންދާނެއެވެ.
މި ބަދަލުގެ ސަބަބުން، ތާޑް-ޕާޓީ ކޮންޓެކްޓް އެޕެއް ބޭނުންކޮށްގެން އޮފީސް މުވައްޒަފަކަށް ގުޅުމަށްޓަކައި އޮފީސް ނަންބަރު އިހުތިޔާރު ކުރުމުން، އެޕަލްގެ އަމިއްލަ ކޮންޓެކްޓްސް އަދި ފޯން އެޕްގައިވެސް އެ ބަދަލު އަޕްޑޭޓްވެގެންދާނެއެވެ. މީގެ އިތުރުން، ބޭނުންކުރާ މީހާ ދީފައިވާ "ވޯކް" އަދި "ޕާސަނަލް" ލޭބަލްތައް ތާޑް-ޕާޓީ އެޕްތަކުން ފެންނަން ހުރުމުން، ދެ ނަންބަރު ވަކިކުރަން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.
މިބަދަލާއެކު އެޕަލްގެ އަމިއްލަ ކޮންޓެކްޓްސް އަދި ފޯން އެޕްގައިވެސް އެ ބަދަލު އަޕްޑޭޓްވެގެންދާނެ ---މި ހުށަހެޅުމުގައި ޑިވެލޮޕަރު އިތުރަށް އެދިފައިވަނީ ކޯލް ހިސްޓްރީން، ކޯލް ކޮށްފައިވަނީ ނުވަތަ ކޯލް އައިސްފައިވަނީ ކޮން ނަންބަރަކުންކަން އެޕްތަކަށް ދެނެގަނެވޭނެ ގޮތް ހެދުމަށެވެ. މިކަމުގެ ސަބަބުން އެޕަލްގެ ފޯން އެޕްގެ ބަދަލުގައި ބޭނުންކުރާ އެހެން ކޯލިން އެޕްތަކުންވެސް، ފޯނަށް އަންނަ ކޯލަކީ އޮފީސް ނަންބަރަށް އައި ކޯލެއްތޯ ނުވަތަ އަމިއްލަ ނަންބަރަށް އައި ކޯލެއްތޯ ދައްކައިދެވޭނެއެވެ.
މި ހުށަހެޅުމުގައި ސިމް ކާޑުގެ ސެންސިޓިވް އައިޑެންޓިފައިޔާތަކަށް ނުވަތަ ސަބްސްކްރިޕްޝަން ކްރެޑެންޝަލްތަކަށް އެކްސެސް ހޯދުމަކަށް އެދިފައެއް ނުވެއެވެ. ޑިވެލޮޕަރު ބުނެފައިވާ ގޮތުގައި އެޕްތަކަށް ބޭނުންވާނީ ހަމައެކަނި ލައިނުގެ ލޭބަލާއި، އެއް ސެލިއުލާ ހިދުމަތް އަނެއް ހިދުމަތާ ވަކިކޮށްދޭނެ އައިޑެންޓިފައިޔާއެއް އެކަންޏެވެ.
މި ހުށަހެޅުން ހުށަހަޅާފައިވަނީ ޔޫރަޕިއަން ޔޫނިއަންގެ ޑިޖިޓަލް މާކެޓްސް އެކްޓްގެ ދަށުން އެޕަލްއިން ފުރިހަމަކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ހިންގާ އީޔޫ އިންޓައޮޕަރެބިލިޓީ ޕްރޮސެސްގެ ތެރެއިންނެވެ. މި ނިޒާމުގެ ދަށުން، އެޕަލްގެ އަމިއްލަ އެޕްތަކަށާއި ހާޑްވެއާއަށް ލިބޭ އައިފޯނާއި އައިޕެޑްގެ ފީޗާތައް ބޭނުންކުރުމުގެ ހުއްދައަށް ޑިވެލޮޕަރުންނަށް އެދެވޭނެއެވެ.
އީޔޫގެ ގާނޫނު ލާޒިމުކުރާ ގޮތުން، ވާދަވެރި އުފެއްދުންތަކަށްވެސް އެޕަލްގެ ޕްލެޓްފޯމުގައި އެއްވެސް ހުރަހެއް ނެތި މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، އެޕަލްގެ އަމިއްލަ ހިދުމަތްތަކަށް ލިބޭ އޮޕަރޭޓިން ސިސްޓަމްގެ ފީޗާތައް ތާޑް-ޕާޓީ ފަރާތްތަކަށްވެސް ދޭންޖެހެއެވެ. މި ހުށަހެޅުމަކީ އީޔޫގެ ޕްރޮސެސްގެ ތެރެއިން ހުށަހެޅުނު ކަމަކަށް ވީނަމަވެސް، މި ބަދަލުތައް ދުނިޔޭގެ އެހެން ސަރަހައްދުތަކަށްވެސް ތައާރަފުކުރުމުގެ ފުރުސަތު އެބައޮތެވެ.
އެޕަލްއިން މިހާރު ވަނީ މި ހުށަހެޅުން އެސެސްމަންޓް އަދި ޕްރޮޖެކްޓް ޕްލޭނިން މަރުހަލާ ނިންމުމަށްފަހު، ހައްލެއް ތަރައްގީކޮށް އާންމުކުރުމުގެ މަރުހަލާ ކަމަށްވާ "ފޭސް 3" އަށް ބަދަލުކޮށްފައެވެ. ނަމަވެސް އެޕަލްއިން މިކަމަށް ހައްލެއް ގެންނާނެ ސީދާ ގޮތެއް ނުވަތަ ވަގުތެއް އަދި ހުށަހަޅާފައިވާ ތިން ފީޗާވެސް އެއްކޮށް ހިމަނާނެކަމެއް އަދި ކަށަވަރެއް ނުވެއެވެ.