"ސަޕްރައިޒެއްތަ؟" އެހެން ބުނެލާފައި އަޔާދު ސިޓީ އުރަ ހުޅުވައިލާފައި އޭގެ އެތެރޭގައި އޮތް ކަރުދާސްގަނޑު ނެގިއެވެ. އެއީ ތަސާމާގެ މެޑިކަލް ރިޕޯޓެކެވެ. އޭނާއަށް އޭގައި ލިޔެފައިވާ އެއްޗެއް ކިޔައިލެވުމާ އެކު، ތަސާމާއަށް ބަލައިލެވުނެވެ.
"އަސްލުވެސްތަ؟" އަޔާދުގެ ދެލޯ ވިދައިގަތެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ. ތަސާމާ ބޯ ޖަހައިލުމާ އެކު، އަދި ވެސް އެއްފަހަރު ރިޕޯޓަށް ބަލައިލެވުނެވެ. ދެވަނަ ސިކުންތުގައި ތަސާމާ ގެނެސް އޭނާގެ އަތުތެރެއަށް ލަމުން އެ ނިތުގައި ބޮސް ދީފިއެވެ. އޭރު އޭނާގެ ހިތުގައި އުފާވެރިކަން އުތުރި އަރަމުންދިޔައެވެ. އާނއެކެވެ. އެތަކެއް ދުވަހެއްގެ ފޮނި ހުވަފެން ހަޤީޤަތަކަށް ވީއެވެ. ތަސާމާ ބަނޑުބޮޑުވީއެވެ.
"ތެންކިއު... ތެންކިޔު ލޯބީ...." އަޔާދު ބުނެލިއެވެ. ތަސާމާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނީރައިލިއެވެ. އެއީ އޭނާ އަޔާދުގެ ކިބައިން ދެކެން ބޭނުންވި އުފާވެރިކަމެކެވެ. އެތަކެއް ދުވަހެއްގެ ފޮނި އިންތިޒާރެކެވެ. އެތަކެއް ދުވަހަކު، ކޮންމެ ނަމާދެއްގެ ފަހުގައި އެ ދެމަފިރިން ކުރި ދުޢާ މިއަދު އެ ވަނީ، ﷲ ސުބްޙާނަހޫ ވަތަޢާލާ، އިޖާބަކުރައްވައިފައެވެ.
"ކީއްވެ ކުރިން ނުބުނީ؟" އަޔާދު ސުވާލުކޮށްލިއެވެ.
"ކިޓުން ޓެސްޓް ހަދާފަ ޕޮސިޓިން ވީމަ ޤަބޫލެއް ނުކުރެވުނު. ޑޮކްޓަރަށް ދައްކާފަ ބުނަން ވެގެން މަޑުކޮށްލީ. އިތުރު މާޔޫސްކަމެއް އަޔާއަށް ދޭން އަހަރެން ބޭނުން...." ތަސާމާއަށް އެ ހިސާބަށް ބުނެވުނު ތަނާ، އަޔާދު ތަސާމާގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސައިލިއެވެ.
"ޝްޝްޝް." އޭނާ ބުނެލިއެވެ. "އަހަރެމެން އިނީ އެކަކު އަނެކަކުގެ ހިތާމަޔާއި އުދާސްތަކުގައި އެއްކޮށް ބައިވެރިވާކަށްނު. އެކަކު އަނެކަކަށް މާޔޫސްކަމާއި ހިމާތައް ފޮރުވާކަށް ނޫނެއްނު. ތަސޫ ނުޖެހޭނެ އެކަނި އެއްވެސް ކަމެއް ތަޙައްމަލްކުރާކަށް، ކިތަންމެ ބޮޑު އުފަލެއް ލިބުނަސް، އަދި ކިތަންމެ ބޮޑު ދެރައެއް ލިބުނަސް އަހަރެމެން އެކަމަކާ ކުރިމަތިލާނީ ދެމީހުން އެކީ. ލައިފްގަ ކިތަންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނަސް، ދެމީހުން އެކުގައި އެކަމަކާ ކުރިމަތިލާނީ..." އަޔާދު ބުނެލިއެވެ.
"ކީއްވެތަ ތިހާ ރަނގަޅީ؟" ތަސާމާއަށް ބުނެވުނެވެ. އަޔާދު ހީނލިއެވެ. އޭނާ އަނެއްކާ ވެސް ތަސާމާގެ ގައިގައި ބައްދައިލިއެވެ. ނިތުގައި ބޮސް ދިނެވެ. ލޯބިވާވަރު ހާމަކުރިއެވެ.
*****
ޒަރޫން އައިސް ގެއަށް ވަތް އިރު، ޒަލަފް ސޯފާގައި އިނެވެ. ޒަރޫން ފެނުމާ އެކު އޭނާ ފާޑަކަށް ހީނލިއެވެ. އެއީ ލާނެތްކަން އެކުލެވޭ ހިނިތުންވުމެކެވެ. އޭރު ޒައިނަބު އުޅެނީ ބަދިގޭގައެވެ.
"ޒަރޫ. މަންމައަށް ކަމެއް ކޮށްދީބަލަ!" ޒަރޫން ފެނުމާ އެކު ޒައިނަބު ބުނެލިއެވެ.
"ކީއްކޮށްދޭންވީ؟" ޒަރޫން އަހައިލިއެވެ. ޒަލަފް އޭނާއަށް ބަލަހައްޓައިގެން އިނދެފައި ބުމަ އަރުވައިލީ ދިމާކުރާ ޒާތަކަށެވެ.
"މަންމައަށް މި ޕިސްޓާޗިއޯތަކުގެ ތޮށިތައް ނައްޓައިލަދީބަލަ." ޒައިނަބު ބުނެލިއެވެ. "ޒަލަފް ކައިރީގަ ކިޔާ ކިޔާ އަތެއް ނުލި. އެ ފޯނުން އަތް ދިއްކޮށްލައިގެންނެއްނު ކަމެއް ވާނީ!"
"ކީއްވެގެންނޯ މާ ހެވިފަ އެ އިންނަނީ؟" ޒަރޫން ބުނެލިއެވެ. އޭނާ ފުރަތަމަ ކައިރިވީ ސިންކާއެވެ. އަތް ދޮވެލައިގެން ޓިޝޫއަކުން އަތް ފުހެލައިފައި ޑަސްބިނަށް ޓިޝޫ ލައިފައި އޭނާ ބަދަންތައް އަޅައިފައި ހުރި ބިއްލޫރި ތަށި ނެގިއެވެ. އެއަށް ފަހު އިތުރު ބޯ ތައްޓެއް ހިފައިގެން، ގޮސް އިށީނީ ސޯފާގައެވެ. ކުރިމަތީގައި ހުރި މޭޒު މަތީގައި 2 ތަށި ބަހައްޓައިލިއެވެ. އެއަށް ފަހު އޭނާ މަސައްކަތްކުރަން ފެށިއެވެ.
"އުހުން އުހުމް..." ޒަރޫން އަށް ބަލައިލަމުން ޒަލަފް ކަރުކެހިލިއެވެ. ޒަރޫންއަށް ޒަލަފްއަށް ބަލައިލެވުނެވެ. އޭނާ އެއްޗެއް ނުބުނެ އަނެއްކާ ވެސް މަސައްކަތަށް ސަމާލުކަން ދެވޭތޯ ބެލިއެވެ.
"އުހުމް.. އުހުމް..." ދެވަނަ ފަހަރަށް ވެސް ޒަލަފް އެ އަމަލު ތަކުރާރުކުރިއެވެ.
"މޮޔަވީ؟" ޒަރޫން ބުނެލިއެވެ.
"އުހުމް އުހުމް...." ޒަލަފް އެ އަމަލެއް ނުހުއްޓިއެވެ.
"އެހީތެރިކަމެއް ނުވާ ތާނގައި އުނދަގޫކުރަނީ ދޯ އެ." ޒައިނަބު ދެފަރާތަށް ބޯ ހޫރައިލިއެވެ. "އަދި ވެސް އުޅެނީ ފަސް އަހަރުގެ ކުޑަ ކުއްޖެއްހެން."
"މަންމަ އޭނަ ބޭބީކޮށް ގެންގުޅުނީމަ އޭނަ ސްޕްއިލްވެފަ." ޒަރޫން ބުނެލިއެވެ. "ތި ފޯނު ބާއްވާފަ ހެލްޕެއް ވެދީބަލަ! އޭރުން ދޯ އަވަސް ވާނީ!"
ސްޕޮއިލްވެފަ ހުރީ ކާކުތޯ ދައްކައިލަންތަ؟" ޒަލަފް އޭނާގެ ފޯނު ނަގައިފައި އޭގެން ކޮންމެވެސް އެއްޗެއް ހޯދައިލުމަށް ފަހު ޒަރޫންއަށް ދައްކައިލިއެވެ.
"ބަލާބަލަ!" ޒަރޫން މާ ބޮޑު ސަމާލުކަމެއް ނުދިނުމުން އޭނާ ޒަރޫންގެ އަތުގައި ދެފަހަރަކު ޖަހައިލިއެވެ.
"އަޖައިބެއް ކިހިނެއްވީތަ؟ މަންމާ ބަލާބަލަ ޒާލް...." ޒަރޫންގެ ދުލުގައި އޮތް ލަފުޒުތައް އޭނާއަށް ޖެހުނީ ދިރުވައިލާށެވެ. ފޯނުން ފެނުނު ފޮޓޯގަނޑުގެ ސަބަބުންނެވެ.
"މިހާރު ކީއްކުރީ؟" ޒައިނަބު ތަންކޮޅެއް ބާރަށް ބުނެލިއެވެ.
"އޯކޭ މިހާރު މަންމާ!" ޒަރޫން އަވަސްއަވަހަށް ބުނެލިއެވެ. އޭނާ ޒަލަފްއަށް ބަލައިލި އިރު އޭނާ އިނީ ދެބުމަ އަރުވައިލައިގެން ލާނެތް ގޮތަކަށް ހީނގަނެގެންނެވެ.
"ކޮން މަންޖެއެއް ސައިކަލު ފަހަތަށް ލައިގެންތަ އެ ދަނީ؟" ޒަރޫންގެ ކަންފަތް ދޮށުގައި ޒަލަފް ސުވާލުކޮށްލިއެވެ. އެއީ މިއަދު އޭނާ ޔުނިވަރސިޓީގައި އޮތް ކްލާސް ނިންމައިލައިފައި ބޭރު މަގުން ލާފައި އެކުވެރިއަކާ އެކު ސައިކަލުގައި އަންނަނިކޮށް އޭނާއަށް ފެނުނު މަންޒަރެކެވެ. އެ އަންހެން ކުއްޖާ ސައިކަލަށް އެރުމުން އޭނާ ފޮޓޯގަނޑު ފޯނުގައި ރައްކާކޮށްލިއެވެ.
"މަންމަ ކައިރީ ބުނަންވީތަ ސްޕޮއިލްވެފައި ހުރީ ކާކުކަން؟" ޒަލަފް ބުނެލިއެވެ. އޭނާ ހީނގަތެވެ.
"މަންމާ... އެނގޭތަ ދޮންބެ..." ޒަލަފްއަށް އެހެން ބުނެވުމާ އެކު ޒަރޫން ތަށިން ނެގި، ޕިސްޓާޗިއޯ މަދުތަކުގެ ތޮށި މުށެއް ޒަލަފްގެ އަނގަޔަށް ލަވައިދިނެވެ. އެއާއެކު ޒަލަފްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ނުވިސްނާ އިންދާ ދޮންބެ އެކުރި ކަމަކުން އޭނާ ކޮށި ވެސް ނޭރީ ކިރިޔާއެވެ. އޭނާ އުޅުނީ ކޮންމެހެން ބުނާކަށް ވެސް ނޫނެވެ. ދޮންބެއަށް ވާގޮތެއް ބަލައިލާށެވެ.
"ޝީޒް ޖަސްޓް އަ ފްރެންޑް...." ޒަރޫން ޒަލަފްގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ޒަލަފް އޭނާގެ އަތް މައްޗަށް އެ ތޮށިތައް އަޅައިލަމުން ޒަރޫންއަށް ބަލައިލިއެވެ.
"ޖަސްޓް އަ ފްރެންޑެއް ކަމެއް ނޭނގުނު." ޒަލަފް ބުނެލިއެވެ. އޭނާ ތެދުވެގެން ގޮސް ތޮށިތައް ޑަސްބިނަށް އަޅާލާފައި، އަނގަ ދޮވެލައިފައި ފެން ބޯލިއެވެ. ޒަރޫން ޒަލަފްއަށް ބަލަން އިނެވެ. އޭނާގެ ގާތަށް ހިނި އަންނަ ގޮތްވިއެވެ. ޒަލަފް ދިޔައީ މައްޗަށެވެ.
ޒަރޫން ވެސް މަންމަ ބުނި މަސައްކަތް ނިންމައިލާފައި، ހިންދެމިލިއެވެ.
"ނިމުނީ؟" ޒައިނަބު ސުވާލުކޮށްލުމާ އެކު "ޒަރޫން" އާނ ބަސް ދިނެވެ.
"މި އުޅެނީ ކުނާފާ ކޭކެއް އަޅަންވެގެން. އާ އެއްޗެއް ކެފޭއަށް ލާންވެގެން." ޒައިނަބު ބުނެލިއެވެ. އެއަށް ފަހު އެ ތަށި ހިފައިގެން އޭނާ ހިނގައްޖެއެވެ.
ޒަރޫން ޖައްސައިލީ ސޯފާގައެވެ. އޭނާ ފޯނާ ކުޅެން ފެށިތަނާ ޒައިނަބު ޒަރޫންއަށް ގޮވައިލައިފިއެވެ. ޒަރޫން ސަމާލުކަން ވަގުތުން އޭނާގެ މަންމައަށް ހުއްޓައިލިއެވެ.
"ބައްޕަ އެބަ އުޅޭ އަތަށް ތަދުކޮށްލައިގެން. ދަރިފުޅު ކައިރީގައި ބުނިތަ؟" ޒައިނަބު ވާހަކަ ދެއްކިއެވެ.
"ނުބުނޭ... ކިހިނެއް ވީ އަތަށް؟" ޒަރޫން ސުވާލުކޮށްލިއެވެ.
"މިއަދު ގަރާޖުގަ އުޅެނިކޮށް ކޮންމެވެސް އެއްޗެއްގަ އަތް ޖެހުނީއޭ ބުނީ." ޒައިނަބު ބުނެލިއެވެ.
"ޑޮކްޓަރަށް ދައްކާލަން ވާނެ ދޯ! ކަށިގަނޑަށް ވެސް ކަމެއް ވެފަ އިނދެފާނެ." ޒަރޫން ބުނެލިއެވެ.
"ބައްޕަގެ ގޮތް އެނގެއެއްނު. ބޭނުމެއް ނުވާނެ ހޮސްޕިޓަލަށް ދާކަށް." ޒައިނަބު ވާހަކަ ދެއްކި އިރު އޭނާއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ތައިމޫރުލައްވާ ކުރުވަން އެންމެ އުނދަގޫކަމަކީ ޑޮކްޓަރަށް ދެއްކުމެވެ. ކަމެއް ވިޔަސް ގޮވައިގެން ހޮސްޕިޓަލަށް ގިނަ ފަހަރު ދާން ޖެހެނީ ގަދަކަމުންނެވެ. އެންމެ ފަސޭހަކޮށް ދާނީ ޒަރޫން ބުނެގެންނެވެ. "ދަރިފުޅު ބުނެބަލަ ދައްކަން ދާން."
ޒަރޫން ބޯ ޖަހައިލިއެވެ. އެއަށްފަހު އޭނާ ފޭބީ ތިރިއަށެވެ. އޭރު ތައިމޫރު ޖޯލީގައި އޮތެވެ. އޭނާ ގޮސް ޖޯލީގައި އިށީނދެފައި އަތަށް ވީ ގޮތާ ބެހޭގޮތުން ސުވާލުކުރިއެވެ. ތަދުވޭތޯ އެހިއެވެ.
"މިހެން ނެގީމަ ކޮނޑަށް ތަދުވަނީ." ތައިމޫރު ބުނެލިއެވެ. "މާ ބޮޑު ކަމެއް ނޫން!"
"އެހެންވިޔަސް ދައްކާލަން ވާނެ. އެޕޮއިންޓްމެންޓު ހައްދަނީ މި." ޒަރޫން ބުނެލިއެވެ. ތައިމޫރު އެވަރުކަމެއް ނޫނޭ ބުނީ އެއްފަހަރު އެވެ. ޒަރޫން ގޮތް ދޫ ނުކުރާނެކަން ވިސްނުނީ ކަންނޭނގެއެވެ. ދެކޮޅު ހެދުމުގެ ވިސްނުމެއް އޭނާގެ މި ފަހަރަކު ނެތެވެ. ޒަރޫން ހޮސްޕިޓަލަށް ގުޅުމަށް ފަހު ކަށީގެ ޑޮކްޓަރަކަށް އެޕޮއިންޓްމެންޓެއް ލިބޭތޯ ބެލިއެވެ. ނަސީބަކުން ޖެހިގެން އައި ދުވަހަށް އެޕޮއިންޓްމެންޓެއް ހަމަޖެހުނެވެ.
*****
ޖެހިގެން އައި ދުވަހު ހެނދުނު އޮތް އެޕޮއިންޓްމެންޓަށް ޒަރޫން ތައިމޫރު ގޮވައިގެން ދިޔައެވެ. ޑޮކްޓަރަށް ދެއްކުމުން ބުނީ، ބޮޑަށް ހީވަނީ މަސްގަނޑަށް ވެފައި އިން ތަދެއްކަމުގައެވެ. އެހެންނަމަވެސް، ކޮނޑު ޖެހިފައިވާތީ ކަށިގަނޑަށް ކަމެއްވެފައި އިންތޯ ބަލައި ޔަޤީންކޮށްލަން ޖެހޭނެކަމުގައި ބުނެފައި އެކްސްރޭ އެއް ހެދުމަށް ލަފާ ދިނެވެ. ކަށީގެ ޑިޕާރޓްމެންޓާއި، އެތެރެ ހަށީގެ ޑިޕާޓުމެންޓުގެ އޯފީޑީ ހުންނަނީ އެއް ފަންގިފިލާއެއްގައެވެ. ޚިދުމަތް ދޭ ކައުންޓަރު ތައް ވެސް ހުންނަނީ ކައިރީގައެވެ. ޑޮކްޓަރު ބުނީ އެކްސްރޭ މެމޯ ވެސް އެ ކައުންޓަރުން ހެއްދޭނެކަމަށެވެ. މެމޯ ހައްދައިގެން އެކްސްރޭ ނަގައިގެން އެނބުރި ދައްކަން އައުމަށް ބުންޏެވެ. އެހެންކަމުން ބައްޕަ ގޮވައިގެން ގޮނޑި ބަރިކައިރިއަށް ގޮސްފައި އޭނާ ވާހަކަ ދެއްކިއެވެ.
"ބައްޕަ މަޑުކޮށްލާ! މި އަންނަނީ އެކްސްރޭ މެމޯ ހައްދައިގެން." ޒަރޫން ބުނެލިއެވެ. އޭނާގެ އަޑުގައި އޯގާތެރިކަން ވިއެވެ. މެމޯ ހެއްދުމަށްޓަކައި އޭނާ ކައުންޓަރާ ކައިރިވެލިއެވެ. ތައިމޫރުގެ އައިޑީކާޑު އޭނާ ދިއްކޮށްލިއެވެ. ކައުންޓަރުގައި އިން ކުއްޖާ އެ ކާޑުގައި ހިފަމުން މެމޯ ހައްދަން އަވަސްވެގަތެވެ.
"އެކްސް ކިއުޒް... ޑޮކްޓަރު ޝިފާޒް ވިދާޅުވެގެން." އޭނާގެ ސަމާލުކަން އަތުލީ ޖެހިގެން ހުރި ކައުންޓަރު ދޮށަށް ހުއްޓުނު ފިރިހެން މީހާއެވެ. ބަލައިލި އިރު ހުރީ ކަމްރާންއެވެ. ކަމްރާންއަށް ވެސް ޒަރޫން ފެނުނެވެ. ކަމްރާން ހުރި ކައުންޓަރުގައި އިން ކުއްޖާ ނެގީ ބޭސް ސިޓީއެކެވެ. ކަމްރާން އައި ސަބަބު އޭނާއަށް އެނގުނީ ޑރ ޝިފާޒްގެ ކިބައިން ކަމްރާން އަންނާނެކަން އެނގިފައިވާތީއެވެ. އެއީ ކާކުކަން އެ ކުއްޖާއަށް ވެސް އެނގެއެވެ. އެހެންނަމަވެސް، ދިނުމުގެ ކުރިން އާއްމު އުސޫލެއްގެ މަތިން ބޭސް ސިޓީއަށް ބަލައިލަމުން ނަން ޔަޤީންކޮށްލީ އެއީ ކުރަން ޖެހޭ ކަމަކަށް ވާތީއެވެ.
"މުޙައްމަދު ކަމްރާން ދެއްތޯ!" އެ ކުއްޖާ ބުނެލިއެވެ. ކަމްރާން ބޯ ޖަހައިލިއެވެ. އެ ކުއްޖާ ކަމްރާންއަށް ބޭސް ސިޓީ ދިނުމުން އޭނާ އެތަނުން ހިނގައިގަތެވެ. ޒަރޫންއަށް ފަހަށް ބަލައިލެވުނެވެ. ބައެއް ސުވާލުތައް ހިތުގައި އުތުރު އަރައިގަތެވެ. ލިފްޓު ތައް ކައިރިއަށް ހުއްޓުމަށް ފަހު ވެސް ކަމްރާންއަށް ޒަރޫންއަށް ބަލައިލެވުނެވެ. އޭރު މެމޯ ހައްދައިގެން އައިސް ޒަރޫން ވެސް، ތައިމޫރު ގާތުގައި މަޑުކޮށްލަނީއެވެ. އެކްސްރޭ ހެއްދުމަށްޓަކައި ދާން ޖެހެނީ ރޭޑިއޮލޮޖީ ޑިޕާޓުމެންޓަށެވެ. އެތަން ހުންނަނީ ދެ ވަނަ ފަންގިފިލާގައެވެ.
ޒަރޫން ތައިމޫރު ގޮވައިގެން ލިފްޓާ ހިސާބަށް އައި އިރު ވެސް ކަމްރާން ހުއްޓެވެ. ކަމްރާންއަށް ޒަރޫންގެ ކައިރީގައި ހުރި ފިރިހެން މީހާއަށް ވެސް ބަލައިލެވުނެވެ.
"ބައްޕަ އައިޑީ ކާޑު... އަން." ޒަރޫން އޭނާގެ އަތުގައި ތައިމޫރުގެ އައިޑީކާޑު ދިނީ ދެން އެ ބޭނުންނުވާނެތީއެވެ. ކަމްރާން އޭނާގެ ފަޓްލޫނުގެ ޖީބުން ނެގި ވޮލެޓަށް އައިޑީ ކާކު ލިޔެވެ.
"ދެން އެކްސްރޭ ނަގައިގެން އައިސް ދައްކާލަން ޖެހޭނެ އަދި." ޒަރޫން ކިޔައިދިނެވެ. ތައިމޫރު ބޯ ޖަހައިލިއެވެ. އޭރު އިތުރު މީހުން ވެސް ލިފްޓު ކައިރިއަށް އަތުވެއްޖެއެވެ.
"ޑޮކްޓަރު ވެސް އެ ބުނީނު ހީވަނީ މަސްގަނޑަށް ހެންނޭ ތަދުވެފަ އިނީ. ދެން ކީއްކުރަން ނަގާ އެކްސްރޭއެއް." ތައިމޫރަށް ބުނެވުނެވެ.
"ހަމަ ޑޮކްޓަރެއްނު ބުނީ ކަށިގަނޑަށް ކަމެއްވެފަ އިންތޯ ވެސް ބަލާލަން ޖެހޭނެޔޭ. ބައްޕަމެން ތި އުމުރަށް ދިޔައިމަ ހަށިގަނޑަށް ވަރަށް ރަނގަޅަށް ބަލަން ވާނެ." ޒަރޫން ބުނެލިއެވެ. "މާދަން އެއްވެސް މަސައްކަތެއް ބައްޕަ ކުރާނެކަމެއް ނެތް. އަހަރެން މަސައްކަތްތައް ނިންމާލާނަން."
ޒަރޫން ތައިމޫރު ވާހަކަ ދައްކަމުން ދިޔަ އަޑު ކުރީގައި ހުރި ކަމްރާންއަށް ރަނގަޅަށް އިވެއެވެ. އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
*****
އެރޭ ވެސް ޒަރޫން ނަހާ ކެފޭއަށް ގެންގޮސް ދިނެވެ. އޭނާ ނަހާގެ މަސައްކަތް ނިމެންދެން ކެފޭގައި މަޑުކޮށްލައިގެން އިނެވެ. އިރުއިރުކޮޅަކާ ނަހާއަށް ބަލައިލައެވެ. އޭނާ ހީނލައެވެ. ނަހާ ވެސް ހިނިތުންވެލައެވެ. މަސައްކަތް ނިންމައިލައިފައި ނަހާ، އައިސް ޒަރޫންގެ ކައިރީގައި މަޑުކޮށްލިއެވެ.
"ހިނގާ ދާން." ނަހާ ބުނެލިއެވެ. ޒަރޫން ބޯ ޖަހައިލަމުން ތެދުވިއެވެ.
ދެމީހުން އެކުގައި ގޮސް ސައިކަލަށް އަރާ ދުއްވައިލިއެވެ. ގެއާ ހިސާބަށް ދެވެންދެން ވެސް ޒަރޫން އިނީ ފުން ވިސްނުމެއްގައެވެ. އޭނާ މާ މަޑުމަޑުން އިންނާތީ ނަހާއަށް އުނދަގޫވިއެވެ.
"ކިހިނެއްވީ؟ ކަމެއްވީތަ؟" ނަހާ އަހައިލިއެވެ.
"ނޫނޭ. ކުޑަކޮށް ޓަޔަރޑް އީ..." ޒަރޫން ހެދީ ދޮގުކަން ނަހާއަށް އެނގުނެވެ. އޭނާ އިތުރަށް ސުވާލުކުރަން އުޅެފައި ވެސް މަޑުޖެހުނެވެ. ގެއާ ހިސާބަށް އައިސްފައި ސައިކަލުން ފޭބުމަށް ފަހު ނަހާ ޒަރޫންއަށް ފުންކޮށް ބަލައިލިއެވެ. ޒަރޫން އޭނާގެ ގާތުގައި ކޮންމެ ވެސް ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭކަން އޭނާއަށް ފަހުމްވިއެވެ.
"އަރ ޔޫ އޯކޭ؟" ނަހާ ސުވާލުކޮށްލިއެވެ.
"ޔާ. އައެމް ފައިން...." ޒަރޫން ހިނިތުންވެލިއެވެ. "ނަހާ...."
ޒަރޫން ދެން ނަހާއަށް ގޮވައިލި އިރު އެ އަޑުގައިވަނީ ސީރިއަސްކަމެކެވެ.
"ކިހިނެއްވީ؟ ކަމެއްވީތަ؟ ބުނެބަ." ނަހާއަށް އަހައިލެވުނެވެ. ޒަރޫންއަށް ވީ ގޮތެއް އެނގެން އޭނާ ވަނީ ކެތްތެރިކަން ކުޑަވެފައެވެ.
"އަސްލު ނަހާ ގާތު ވާހަކައެއް ބުނަން ބޭނުންވެފަ މި ހުރީ." ޒަރޫން ބުނެލިއެވެ. ނަހާ ބޯ ޖަހައިލިއެވެ. ވާހަކަ ކުރިއަށް ގެންދާށޭ ބުނާ ފަދައަކުންނެވެ.
"ނަހާގެ ބައްޕަ...." ޒަރޫން އެ ހިސާބަށް ބުނެފައި މަޑުޖެހުނީ ނަހާއަށް އަންނަ ބަދަލުތައް ބަލައިލުމުގެ ބޭނުމުގައެވެ. "އަހަންނަށް ހީވަނީ ނަހާގެ ބައްޕަ އުޅެނީ ބަލިވެހެން."
(ނުނިމޭ)