ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ އިގްތިސާދީ މަންފާ ދިވެހި އެންމެހައި ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގެ މަގްސަދުގައި، "ދިވެހީންގެ ރިޒޯޓް ހިއްސާ ކޯޕަރޭޝަން (ޑީއާރްއެޗްސީ)" ގެ ނަމުގައި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2026/19 ގެ ދަށުން އުފެއްދެވި ކުންފުންޏެއް ކަމަށެވެ.
މިއީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަޅުތަކާއި ފަޅުރަށްތަކާއި ގުދުރަތީ ވަސީލަތްތަކުގެ އަގު މަތިކޮށް، އަންނަން އޮތް ޖީލުތަކަށް އެއިން އެންމެ އެދެވޭ ދިގުމުއްދަތުގެ ފައިދާ ލިބިދޭނެ އިންވެސްޓްމަންޓް ޕޯޓްފޯލިއޯއެއް ބިނާކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ޑީ.އާރް.އެޗް.ސީ އުފެއްދެވުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުމަށާއި އިއާދަކުރަނިވި ހަކަތައަށް އިސްކަންދީގެން ބައިނަލްއަގްވާމީ ފެންވަރުގެ ރިސޯޓުތައް ތަރައްގީކޮށް ހިންގުން ހިމެނެއެވެ. މީގެއިތުރުން، ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ފަންނީ ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި، ގައުމީ އިގްތިސާދަށް ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމުގެ އިތުރުން، ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ހަރުދަނާ އަދި ވާދަވެރި ވިޔަފާރީގެ ވެއްޓެއް ބިނާކުރުންވެސް މި ކުންފުނީގެ ލަނދުދަނޑިތަކުގެ ތެރޭގައި ހިމެނެއެވެ.
މިފަދަ ކުންފުންޏެއް އުފެއްދެވިއިރު، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ވަކިވަކި ފަރުދުންނަށް ސީދާގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ މަންފާ ލިބޭނެ ޚާއްސަ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރައްވާފައެވެ.
އެ ދުވަހު ދެއްވި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިޔަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓު ތަރައްގީކުރައްވާނެ ކަމަށެވެ. އަދި އެ ރިސޯޓުތަކުން ލިބޭ ފައިދާގެ ބޮޑުބައެއް، އެއްވެސް ރައްޔިތަކު ބާކީނުކޮށް، ކޮންމެ ދިވެއްސެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ހުރިހާ ރިސޯޓެއްގެ ހިއްސާދާރަކީ ކޮންމެ ދިވެހި ރައްޔިތެއް ކަމުގައި ގާނޫނަކުން ކަނޑައަޅުއްވާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.