ގަލޮޅު ދަނޑުގެ ފިހާރަތައް ނަގައި، އައު ޕިޗަކާއެކު މަޖީދީމަގު ފުޅާކުރަނީ

ގަލޮޅު ދަނޑު -- ސަން ފޮޓޯ / ފަޔާޒު މޫސާ

ގަލޮޅު ދަނޑުގެ ވިނަގަނޑު އެއްކޮށް ނަގާ، އައު ޕިޗެއް އެޅުމާއެކު ދަނޑުގެ ތިރީގައި ހުރި ފިހާރަތައް ނަގާ، މަޖީދީމަގު ފުޅާކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުޅިވަރުގެ ތަރައްގީއަށް ކުރެވެމުންދާ އެކި ކަންކަމުގެ ތެރެއިން ގަލޮޅު ފުޓުބޯޅަ ދަނޑު ނުވަތަ ރަސްމީ ފުޓުބޯޅަ ދަނޑުގެ ތިރީގައި ހުރި ފިހާރަތައް ނެގުމަށްފަހު މަގު ފުޅާކުރުމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދަނޑުގެ ވިނަގަނޑު އެއްކޮށް ނެގުމަށްފަހު އައު ޕިޗެއް އަޅާނެކަމަށާ އެތަން ތަރައްގީކުރާނީ ފުޓުބޯޅައިގެ އިތުރުން އެހެނިހެން ކުޅިވަރުތަކާއި މުނިފޫހިލުވުމުގެ ކަންކަންވެސް ކުރެވޭނެ ހިތްގައިމު ތަނެއްގެ ގޮތުގައިކަމަށެވެ.

މިވަގުތު ރާއްޖޭގައި ކުޅޭ ގާތްގަނޑަކަށް ހުރިހާ މުބާރާތެއް ބާއްވަމުން އަންނަނީ ގަލޮޅު ދަނޑުގައެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އާބާތުރަ ނުފިލުވައި، އަޅާނުލެވި އޮތުމުގެ ސަބަބުން ދަނޑުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

މިފަހުން ކޮންމެވެސް މިންވަރަކަށް ދަނޑު މަރާމާތުކޮށްފައިވީ ނަމަވެސް ދަނޑަށް ބޭނުންވާ މުހިންމު ކަންކަން ކުރެވިފައެއް ނުވެއެވެ. ވަކިން ހާއްސަކޮށް، ދަނޑަށް ކުޅިބަލަން ވަންނަ މީހުން ތިބޭ ސަރަހައްދުތައް ބައުވެފައިވާއިރު، ބައެއް ހިސާބުތައް ވަނީ އެއްކޮށް ބަންދުކޮށްފައެވެ. މީގެ އިތުރުން ދަނޑުގެ ވިނަގަނޑު ރަނގަޅަށް ބަލަހައްޓާފައި ނެތުމުން ކުޅެން އުނދަގޫވާކަމުގެ ޝަކުވާވެސް ކުޅުންތެރިންގެ ފަރާތުން ލިބެއެވެ.

ކުޅިބަލަން ދަނޑަށް ދިއުމުގައި އެންމެ އުނދަގޫވާ ކަމަކަށް ސަޕޯޓަރުން ފާހަގަކުރާ ކަމަކީ އެ ސަރަހައްދުގައި އެކަށީގެންވާ ޕާކިން އޭރިއާއެއް ނެތުމެވެ. މިކަމުގެ ސަބަބުން މެޗުތައް ކުޅޭ ދުވަސްވަރު މަގުތައް ތޮއްޖެހުމުގެ މައްސަލަތައްވެސް ކުރިމަތިވެއެވެ.

comment ކޮމެންޓް