މި އަހަރުގެ ތިންވަނަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާގެ މިންވަރު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 13.9 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން ނެރެފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތަފާސްހިސާބު ރިޕޯޓް ދައްކާގޮތުން، 2026ވަނަ އަހަރުގެ ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގައި ޖުމްލަ 29,856,552 (އޮނަތިރީސް މިލިއަން އަށްލައްކަ ފަންސާސް ހަހާސް ފަސްސަތޭކަ ފަންސާސް ދޭއް) ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ޒަކާތުގެ ގޮތުގައި ލިބުނު 26,217,898.70 ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 3.64 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
ޒަކާތު ހައުސްއިން ބުނީ، މި މުއްދަތުގެ ތެރޭގައި ޒަކާތް ހައްޤުވާ އެކި ބައިތަކަށް ޖުމްލަ 15,306,546.64 (ފަނަރަ މިލިއަން ތިންލައްކަ ހަހާސް ފަސްސަތޭކަ ސާޅީސް ހައެއް) ރުފިޔާ އެހީގެ ގޮތުގައި ބަހާފައިވާ ކަމަށެވެ.
މި އެހީތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ފީސަބީލިﷲ ގެ ބަޔަށެވެ. އެގޮތުން އެ ބަޔަށް 9.08 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ފަޤީރުންނާއި މިސްކީނުންގެ ބަޔަށް 5.46 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ.
ޒަކާތު ހައުސްއިން އިތުރަށް ފާހަގަކުރި ގޮތުގައި މި ތަފާސްހިސާބުތަކަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގެ އެސްއޭޕީ ސިސްޓަމުގައިވާ ރެކޯޑުތަކަށް ބިނާކޮށް އެކުލަވާލާފައިވާ ހިސާބުތަކެކެވެ. އެހެންކަމުން، ފަހުން ގެނެވޭ ބަދަލުތަކަކާ ގުޅިގެން ނުވަތަ އިތުރު ޕޯސްޓިންގތަކާ ގުޅިގެން މި އަދަދުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.