ރިއަލް އެސްޓޭޓް މަޝްރޫއުތައް ފަދަ ކަންކަމުން ދައުލަތުގެ ރިޒާވް ބޮޑުކުރެވި، ޑޮލަރު މައްސަލަ ހައްލުކުރުމަށް ކުރިއެރުން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ރިއަލް އެސްޓޭޓަށް ޚާއްސަ ގާނޫނެއް ހަދަން ބިލެއް ހުށަހަޅައިފައެވެ. އެ ބިލުގައި ރާއްޖޭގައި ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިންގުމަށް ޚާއްސަ އުސޫލުތަކެއް ކަނޑައަޅައިފައިވެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އެ ބިލު ތަފްސީލުކޮށް ވިދާޅުވެދެއްވައިފައެވެ. އެއަށް ފަހު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް އެކި މަރުހަލާތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިގޮތުން، ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ރިއަލް އެސްޓޭޓް ފަދަ މަޝްރޫއުތަކާއި އެހެނިހެން ކަންކަމުގެ ތެރެއިން ކުރެވޭ މަސައްކަތުން ޑޮލަރުގެ މައްސަލަ ހައްލުކުރުމުގައި ކުރިއެރުންތައް ލިބޭނެ ކަން ރައީސް މުއިއްޒު ހާމަކުރެއްވިއެވެ. އޭރުން، ކަޅު ބާޒާރަށް ލުއިތަކެއް އައިސް، ނަތީޖާތައް ފެންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ---- ފޮޓޯ/ ރައީސް އޮފީސް"ބޭރު ފައިސާގެ މައްސަލައަށް، [ރިއަލް އެސްޓޭޓް] އެފަދަ އިންވެސްޓުމަންޓުތައް ރާއްޖެއަށް ގެނެވި، އެ އިންވެސްޓުމަންޓުތައް ހަގީގަތަކަށް ވެގެން ދިޔުމުން ވަރަށް ބޮޑު ފައިދާއެއް ކުރާނެ" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު އެހެން ވިދާޅުވިއިރު، މި ސަރުކާރުން ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެއެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
އެ ގާނޫނާ ޚިލާފުވާ މީހުންނާއި ވިޔަފާރިތަކަށް ވެސް މަރުކަޒީ ބޭންކު، އެމްއެމްއޭއިން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
އޭގެފަހުން އެމްއެމްއޭއިން މިދިޔަ ހަފުތާގައި ވަނީ، ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ރެކޯޑުކޮށް ރިޕޯޓުކުރުން ލުއިފަސޭހަކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށް، އަންނަ މަހުން ފެށިގެން އެ ނިޒާމު ބޭނުންކުރުން މަޖުބޫރުކޮށްފައެވެ.