ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިންޑޮނޭޝިއާއަށް ދިޔައީ ޓްރެއިނިން ކޭމްޕަކު ނޫން ކަމަށާއި އެއީ ''ގެޓް ޓުގެދާ" އެއް ކަމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑު ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އިސްތަވާން އުރުބާނީ ބުނެފިއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނު އަތުން 3-0 އިން ބަލިވި ލަދުވެތި މެޗަށްފަހު ދިވެހި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން އުރުބާނީ ވަނީ ޓީމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އަނިޔާގެ މައްސަލަތަކުގެ އިތުރުން ރެފްރީންގެ ނިންމުންތަކުގައި ކަންބޮޑުވުން ހުރިކަން ފާހަގަކޮށްފައެވެ.
ގައުމީ ޓީމު ވަނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިންޑޮނޭޝިއާގައި ހަތް ވަރަކަށް ދުވަހުގެ ކޭމްޕެއް ފުރިހަމަކޮށްފައެވެ. މި ކޭމްޕުގެ ތެރެއިން އިންޑޮނޭޝިއާގެ ތިންވަނަ ޑިވިޝަނުގެ ޓީމުތަކާއެކު ވަނީ އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. އެ ދެ މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ.
މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން އުރުބާނީ ވަނީ ރާއްޖޭގެ ތައްޔާރީތަކާމެދު ހިތްހަމަނުޖެހޭ ކަމަށްބުނެ، މެޗުގެ ރެފްރީގެ ނިންމުންތަކަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އުރުބާނީގެ އިތުރުން ލަންކާގެ ކޯޗު އަލް މުތައިރީވެސް ވަނީ ހަމަ މިމޭރުމުން ރެފްރީންނާ ފާޑުކިޔާފައެވެ.
ޕާކިސްތާނުން ރާއްޖެ ބަލިކުރީ ފުރަތަމަ ހާފުގެ ލަނޑުތަކުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ 8 މިނެޓުގެ ތެރޭގައި ދެ ލަނޑު ޖެހިއެވެ. އޭގެތެރެއިން ފުރަތަމަ ލަނޑަކީ ޕެނަލްޓީއެކެވެ. އުރުބާނީ ވަނީ މި ހާލަތުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ ބޭނުން ރެފްރީ ނުހިފުމުން އެކަން ފާހަގަކޮށްފައެވެ. އަދި ފަސް ވަރަކަށް މިނެޓުވަންދެން ވީއޭއާރު ބަލަންޖެހޭ ކަމަށްވެސް އުރުބާނީ ބުންޏެވެ. އަދި ތިންވަނަ ގޯލަކީ ފައުލެއް ދޭންޖެހޭނެ ހާލަތެއް ކަމަށްވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން އުރުބާނީ ވަނީ އޭނާއަށް ފިޓްނަސް ކޯޗެއް ލިބިފައި ނެތުމުންވެސް އެކަން ފާހަގަކޮށްފައެވެ. އަދި އެކަން ނުވީ އެކަމަށް ސަޕޯޓު ނޫނީ ހުއްދަ ނެތުމުން ކަމަށްވެސް އުރުބާނީ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި އަންނަ ބުދަދުވަހު ބައްދަލުކުރާނީ އިންޑިއާއާއެވެ. މެޗުން ބަލިވެއްޖެ ނަމަ ރާއްޖެ މުބާރާތުން ކަޓާނެއެވެ.