ޓީމުގަ ފިޓްނަސް ކޯޗެއްވެސް ނެތް، ބައެއް ކުޅުންތެރިން ޓީމާ ގުޅުނީ ކުޅެވޭނެކަމުގެ ޔަގީންކަމެއްވެސް ނެތި

ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ގައުމީ ކޯޗު އިސްތަވާން އުރުބާނީ އާއެކު އެސިސްޓަންޓް ކޯޗު ސޮބާ-- ފޮޓޯ: އެމްއެމް ސްޕޯޓްސް

ގައުމީ ޓީމަށް ފިޓްނަސް ކޯޗެއް ހޯދުމަށް އެދުނު ނަމަވެސް އެކަން އެޕްރޫވްވެފައި ނުވާތީ މިވަގުތު ޓީމުގައި ފިޓްނަސް ކޯޗެއްވެސް ނެތްކަމަށާއި ބައެއް ކުޅުންތެރިން އެންމެ ފަހު ވަގުތު ޓީމާ ގުޅިފައިވަނީ ކުޅެވޭނެކަމުގެ ޔަގީންކަންވެސް ނެތިކަމަށް ގައުމީ ޓީމުގެ ކޯޗު، އިސްތަވާން އުރުބާނީ ބުނެފިއެވެ.

ސާފް ޗެމްޕިއަންޝިޕުގެ ތާރީޚުގައިވެސް ޕާކިސްތާނު އަތުން ރާއްޖެ ބަލިވި ފުރަތަމަ މެޗަށްފަހު މީޑިއާއާ ވާހަކަދައްކަމުން އުރުބާނީ ވަނީ ޓީމުގެ ތައްޔާރީތަކާގުޅޭ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން، މުބާރާތަށް ޓީމު ދިއުމުގެ ކުރިން އިންޑޮނޭޝިއާއަށް ކުރި ދަތުރުގެ އިތުރުން މުބާރާތަށް ބަންގްލަދޭޝަށް ދަތުރުކުރިއިރުވެސް އެންމެ ފަހު ވަގުތާ ޖެހެންވެސް ދަތުރުކުރާ ދުވަސް ޔަގީން ނުވާކަމަށާއި ތިންވަރަކަށް ފަހަރު ފުރަން އޮތް ދުވަސް ބަދަލުކޮށްފައިވާކަމަށް އުރުބާނީ ބުންޏެވެ.

https://sun.mv/230221

މިފަދަ ދަތުރުތައް ރޭވުމުގައި ކުޅުންތެރިންގެ އިތުރުން ކޯޗިން ސްޓާފުންނަށްވެސް ބޭނުންވާ އެހީތެރިކަން، މިދެ ދަތުރުގެ ތެރެއިންވެސް ލިބިފައިނުވާކަން ފާހަގަކޮށް، އުރުބާނީ ބުނެފައިވަނީ މިފަދަ ވާހަކަތައް ދައްކަނީ ޝަކުވާކުރަން ނޫންކަމަށާއި ކަން ހިނގައިދިޔަގޮތް ހަގީގަތަށް ކިޔައިދިނުމަށް ކަމަށެވެ. އަދި މި މުބާރާތަކީ އަހަރުގައި ކުޅޭ އެންމެ މުހިންމު މުބާރާތަށް ވާނަމަ ތައްޔާރީތައް މިހާރަށްވުރެ ހަރުދަނާކުރަންޖެހޭނެ ކަމަށް އުރުބާނީ ބުންޏެވެ.

މުބާރާތަށް ތައްޔާރުވުމުގައި ކުރިމަތިވި އިތުރު ގޮންޖެހުންތަކުގެ ވާހަކަ ފާހަގަކުރަމުން އުރުބާނީ ވަނީ، ގައުމީ ޓީމުގައި މިވަގުތު ފިޓްނަސް ކޯޗެއް ނެތުމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކޮށްފައެވެ. އުރުބާނީ ބުނީ ޓީމާއެކު ފިޓްނަސް ކޯޗެއް ގެންދަން ހުށަހެޅި ކަމަށާއި ނަމަވެސް އެކަމަށް ބޭނުންވާ އެއްބާރުލުން ލިބިފައި ނުވާކަމަށެވެ. މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ބައެއް ކުޅުންތެރިންނަށް ޓީމާ ގުޅެވުނީ އެންމެ ފަހު ވަގުތުގައިކަމުން އެކުޅުންތެރިން އައިސްފައިވަނީ ކުޅެވޭނެކަމާމެދުވެސް ސުވާލުމާކެއް ތެރޭ ތިބެގެން ކަމަށެވެ.

ޓީމާ ފަހުން ގުޅުނު ކުޅުންތެރިންނަށް ފަރިތަކުރުންތަކުގައިވެސް ރަނގަޅަށް ބައިވެރި ނުވެވުނުކަން ފާހަގަކޮށް، އުރުބާނީ ވަނީ މިފަދަ މުބާރާތެއްގައި ކުޅުމުގެ ކުރިން ރަނގަޅަށް މެޗުތަކަށް ފިޓުވުމާއެކު ފަރިތަކުރުންތަކުގައި ބައިވެރި ނުވެވޭނަމަ ކުޅުންތެރިންގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ނުފެންނާނެކަން ފާހަގަކޮށްފައެވެ.

މުބާރާތަށް ކުޑަތަންވެފައި އޮއްވައި ދިވެހި ލީގުގައި ވަރުގަދަ މެޗުތަކެއް ކުޅެންޖެހުމުން އެކަމުގެ ނޭދެވޭ އަސަރުވެސް ކުޅުންތެރިންނަށް ކޮށްފައިވާކަން ފާހަގަކޮށް، އުރުބާނީ ބުނީ ސާފް ޗެމްޕިއަންޝިޕަށް ޓީމު ރަނގަޅަށް ތައްޔާރުކުރަން ބޭނުންވާނަމަ ވަކި ހިސާބަކުން އެކަމަށް ކުޅުންތެރިން ހުސްކުރަންޖެހޭކަމަށެވެ.

comment ކޮމެންޓް