ހއ. ކެލާގެ އަންހެނުންގެ މިސްކިތުގެ އިމާމުގެ މަޤާމުގައި ހުރި މުވައްޒަފަކު ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރި މައްސަލައިގައި، އޭނާއަށް ލިބެންޖެހޭ ޙާޟިރީ އެލަވަންސާއި ޤާނޫނީ ވަކީލުގެ ފީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ 2009 ވަނަ އަހަރުން ފެށިގެން ކެލާގެ އަންހެނުން މިސްކިތުގެ އިމާމުގެ މަޤާމުގައި މަސައްކަތްކުރަމުން ދިޔަ އެ ރަށު ރުއްކަރަ، އާމިނަތު ޢަބްދުލްޤައްޔޫމް 29 އޮކްޓޫބަރު 2025 ގައި ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމުން، އެ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައެކެވެ.
މައްސަލަ ޓްރައިބިއުނަލުގައި ކުރިއަށް ދަނިކޮށް، ސީއެސްސީން ވަނީ އޭނާ ވަޒީފާއިން މުސްކުޅިކުރި ކުރުން ބާޠިލުކޮށް، މިދިޔަ ޖަނަވަރީ 25 އިން ފެށިގެން އަލުން ވަޒީފާ ރުޖޫޢަކޮށްދީފައެވެ. އަދި ވަކިކޮށްފައި ހުރި މުއްދަތުގެ އަސާސީ މުސާރައާއި ބައެއް ޢިނާޔަތްތައް ދީފައިވީ ނަމަވެސް، ޙާޟިރީ އެލަވަންސާއި، ގެއްލުމުގެ ބަދަލާއި ވަކީލު ފީއާ މެދު ދެފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް ނާދެވުނެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރު ޙިކުމާ އަޙްމަދު ނިޒާރު ބެއްލެވި މި މައްސަލައިގެ ނިންމުމުގައި ކަނޑައަޅާފައިވާ މައިގަނޑު ކަންކަމަކީ ހާޒިރީ އެލަވަންސް ދިނުމާއި، ވަކީލު ފީ ނަގައިދިނުމެވެ. ގެއްލުމުގެ ބަދަލަށް އެދުނު ނަމަވެސް ގެއްލުމުގެ ބަދަލު ނަގައި ނުދެއެވެ.
އާމިނަތު ޢަބްދުލްޤައްޔޫމް ވަޒީފާއަށް ޙާޟިރުނުވެވުނީ ސީއެސްސީގެ ޣައިރު ޤާނޫނީ ނިންމުމެއްގެ ސަބަބުން ކަމަށްވާތީ، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާއަށް ރުޖޫޢަކުރި ދުވަހާ ހަމައަށް ވޭތުވި 88 ދުވަހަށް ދުވާލަކަށް 70 ރުފިޔާގެ މަގުން ޖުމްލަ 6,160 (ހަހާސް އެއްސަތޭކަ ފަސްދޮޅަސް) ރުފިޔާ ސީއެސްސީން އޭނާއަށް ދޭންޖެހޭނެ ކަމަށް ނިންމިއެވެ. އަދި ސީއެސްސީން އޭނާ ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ޙައްޤު ހޯދުމަށްޓަކައި ޤާނޫނީ އެހީތެރިކަން ހޯދަން މަޖުބޫރުވިކަން އެނގެން އޮންނާތީ، ވަކީލު ފީގެ ގޮތުގައި ފަހި ލީގަލް ސޮލިއުޝަންސް އެލް.އެލް.ޕީ އަށް އޭނާ ދައްކާފައިވާ 20,000 (ވިހި ހާސް) ރުފިޔާ ސީއެސްސީން އޭނާއަށް ދިނުމަށް ކަނޑައެޅި އެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި ތިން މަހުގެ މުސާރައިގެ ނިސްބަތުން 39,000 ރުފިޔާ ހޯދުމަށް އެދިފައިވީ ނަމަވެސް، ލިބުނު މާލީ އަދި މައުނަވީ ގެއްލުންތައް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާތީ އެ ފައިސާ ނަގައިދެވެން ނެތް ކަމަށް ނިންމިއެވެ.
ޓްރައިބިއުނަލުން ވަނީ ޙާޟިރީ އެލަވަންސާއި ވަކީލު ފީ ހިމެނޭހެން ޖުމްލަ 26,160 ރުފިޔާ، ރަސްމީ ބަންދުނޫން 30 ދުވަހުގެ ތެރޭގައި އާމިނަތު ޢަބްދުލްޤައްޔޫމަށް ދިނުމަށް ސީއެސްސީއަށް އަމުރުކޮށް، އެކަން ތަންފީޒުކުރުމަށްފަހު ތިން ދުވަހުގެ ތެރޭގައި ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް އަންގާފައެވެ.