ސީރިއާ އާރާސްތު ކުރުމަށް ސައުދީން 403 މިލިއަން ޑޮލަރުގެ ލުއި ލޯނު ދެނީ

ސައުދީއާއި ސީރިއާއިން އެއްބަސްވުމުގައި ސޮއިކުރުން: ސީރިއާއަށް 403 މިލިއަން ޑޮލަރުގެ ލޯނު ދިނުމުގެ ހަ އެއްބަސްވުމެއްގައި އެސްއެފްޑީން ސޮއިކޮށްފައިވޭ -- ފޮޓޯ/ ސައުދީ ގެޒެޓް

އެތައް އަހަރަކަށް ދިގުދެމިގެން ގޮސްފައިވާ ހަނގުރާމަތަކުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ސީރިއާ އާރާސްތު ކުރުމަށް ސައުދީ އަރަބިއްޔާއިން 403 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއްގެ ލުއި ލޯނުތައް ދޭން ނިންމައިފިއެވެ.

ސައުދީ ގެޒެޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސީރިއާއަށް ލޯނުުތައް ދިނުމަށް ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ)އާއި ސީރިއާއާ ދެމެދު ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ، ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ސީރިއާގެ ރައީސް އަހުމަދު އަލްޝަރާގެ ހާޒިރުގައި، އެސްއެފްޑީގެ ސީއީއޯ ސުލްތާން އަލްމަރްޝަދާއި ސީރިއާގެ މާލީ ވަޒީރު މުހައްމަދު ޔިސްރު ބަރްނިޔާއެވެ.

މި އެއްބަސްވުންތަކުގެ ދަށުން ހަކަތައާއި، ފެނާއި، ސިއްހަތާއި، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާއިން ހަ މަޝްރޫއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި 90 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަލަބު ތާމަލް ޕަވާ ޕްލާންޓުގެ ޖެނެރޭޓިން ޔުނިޓުތައް މަރާމާތުކުރުމުގެ މަޝްރޫއު ހިމެނެއެވެ. ގާތްގަނޑަކަށް ފަސް މިލިއަނެއްހާ މީހުންނަށް މަންފާކުރާނެ މި މަޝްރޫއުގެ އަމާޒަކީ ކަރަންޓު އުފައްދާ މިންވަރު އިޔާދަކޮށް، އާންމުންނާއި އިގުތިސާދީ އަދި ސިނާއީ މަސައްކަތްތަކަށް މެދުނުކެނޑި ކަރަންޓު ފޯރުކޮށްދީ، ގައުމީ ކަރަންޓު ވިއުގަ ހަރުދަނާކުރުމެވެ.

މީގެ އިތުރުން، 30 މިލިއަން ޑޮލަރުގެ މަޝްރޫއެއްގެ ދަށުން ތިން ލައްކަ ސްމާޓް ފެން މީޓަރު ހަރުކޮށް، ބޯފެނުގެ ނިޒާމު ޒަމާނީކޮށްގެން 1.5 މިލިއަނެއްހާ މީހުންނަށް ފައިދާވާނެ ގޮތަށް ފެނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ނިންމައިފައިވެއެވެ.

އުމްރާނީ އަދި އިޖުތިމާއީ ދާއިރާގެ އެއްބަސްވުމުގެ ދަށުން، ކުއްލި ހާލަތްތަކާއި ކާރިސާތަކުގައި އިޖާބަދިނުމާއި އިމާރާތްތަކުގެ ބައިތައް ސާފުކުރުމުގެ ގާބިލުކަން އިތުރުކުރުމަށް 105 މިލިއަން ޑޮލަރުގެ ދަށުން 25 ސިވިލް ޑިފެންސް ސެންޓަރު އިމާރާތްކޮށް، މަރާމާތުކޮށް އާލާތްތައް ފޯރުކޮށްދޭން ނިންމައިފައިވެއެވެ. މި މަޝްރޫއުން ހަތް މިލިއަނަށް ވުރެ ގިނަ މީހުންނަށް މަންފާކުރާނެ ކަމަށް ސައުދީ ގެޒެޓުގައި ރިޕޯޓުކޮށްފައިވެއެވެ.

ހަމައެއާއެކު، 60 މިލިއަން ޑޮލަރުގެ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހަލާކުވެފައިވާ 10،000 ހައުސިން ޔުނިޓު މަރާމާތުކުރާއިރު، ސިއްހީ ދާއިރާއަށް ކަނޑައެޅި 100 މިލިއަން ޑޮލަރުން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ބިނާކޮށް، އަސާސީ އަދި ޚާއްސަ ފަރުވާގެ ޚިދުމަތްތައް ފުޅާކުރަން ވަނީ ނިންމައިފައެވެ. މީގެ އިތުރުން، ސީރިއާގެ މާލީ ވުޒާރާގެ ހިދުމަތްތައް ޑިޖިޓަލްކޮށް ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް 18 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ކަނޑައަޅާފައެވެ.

މިއީ އެސްއެފްޑީ މެދުވެރިކޮށް ސީރިއާގެ އަސާސީ ޚިދުމަތްތައް އަލުން ގާއިމުކުރުމަށް ސައޫދީ އަރަބިއްޔާއިން ފޯރުކޮށްދޭ އެހީތެރިކަމުގެ ބައެކެވެ. މިދިޔަ އަހަރުގެ ސެޕްޓެންބަރުގައި ވެސް، އެ ފަންޑު މެދުވެރިކޮށް ސީރިއާއަށް ސާފުނުކުރާ ތެޔޮ ފޯރުކޮށްދިނުމަށާއި، ސަރުކާރު މުވައްޒަފުންގެ ތިން މަސްދުވަހުގެ މުސާރައިގެ ބައެއް ހަމަޖެއްސުމަށް ހިލޭ އެހީގެ ދެ އެއްބަސްވުމެއްގެ ދަށުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

comment ކޮމެންޓް