އަންނަ ހަފުތާގައި ހަތަރު ދުވަހުގެ ދިގު ބަންދެއް ލިބޭއިރު، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.
އަންނަ ބުދަ ދުވަހު ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅިގެން ސަރުކާރުން ވަނީ، ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ވެސް ބަންދުކޮށްފައެވެ. އެހެންވެ، އަންނަ ހަފުތާގައި ޖުމުލަ ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
'ސަން'އިން ސުވާލުކުރުމުން މެޓް އޮފީހުން މިއަދު ބުނީ، އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
އެކަމަކު، އެ ދުވަސްވަރު ވައި ގަދަނުވާނެ ކަމަށާއި އާންމުކޮށް ވައި ޖެހޭނީ ގަޑިއަކު ފަސްމޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓުން ބުންޏެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަަދަވުން އެކަށީގެންވާ ކަމަށް މެޓުން ލަފާކުރިއެވެ.
އެ އިދާރާއިން ބުނި ގޮތުގައި، ކުރިއަށް އޮތް ފަސް ދުވަހު އާންމުކޮށް ކަނޑުތައް މަޑުވާނެއެވެ. ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސް ކަމަށް ލަފާކުރިއިރު، ލިބޭ ޗުއްޓީގައި ގިނަ ބަޔަކު ދަތުރުތައް ކުރާނެއެވެ. އެހެންވެ، މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.