ރަޖްނީކާންތުގެ 'ޖެއިލާ 2' ޕްރައިމް ވީޑިއޯއަށް

ފިލްމު "ޖެއިލާ 2"ގެ މުހިންމު ތަރިން ދައްކުވައިދޭ ފިލްމުގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ދުނިޔޭގެ ސިނަމާތަކުގައި މިހާރުވެސް ބޮޑު ކާމިޔާބީއަކާއެކު ދައްކަމުން އަންނަ އިންޑިއާގެ ސުޕަސްޓާ ރަޖްނީކާންތުގެ އެކްޝަން ތްރިލާ ފިލްމު "ޖެއިލާ 2"، އަންނަ ބުރާސްފަތި ދުވަހު ޕްރައިމް ވީޑިއޯ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ސްޓްރީމްކުރަން ފަށާނެކަން އެ ޕްލެޓްފޯމުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

މި އުފާވެރި ޚަބަރާއެކު ޕްރައިމް ވީޑިއޯއިން ވަނީ "ޓައިގާ މުތުވޭލް ޕަންޑިޔަން" އެނބުރި އަތުވެއްޖެ ކަމަށް ބުނެ ރަޖްނީކާންތުގެ އިތުރުން ބޮލީވުޑް ތަރިން ކަމަށްވާ ރިތިކް ރޯޝަން އަދި ވިދްޔާ ބާލަން ފެންނަ ހިތްގައިމު ޕޯސްޓަރެއް އިންސްޓަގްރާމްގައި އާންމުކޮށްފައެވެ.

ސަން ޕިކްޗާސްގެ ބެނާގައި ކަލާނިތި މާރަން ޕްރޮޑިއުސްކޮށް، ކުޅަދާނަ ޑައިރެކްޓަރު ނެލްސަން ދިލީޕްކުމާރު ގެނެސްދޭ މި ފިލްމުގައި ރަޖްނީކާންތު ފެނިގެންދަނީ ކުރީގެ ރިޓަޔަޑް ޖެއިލާ، މަގުބޫލު 'ޓައިގާ މުތުވޭލް ޕަންޑިޔަން'ގެ ވަރުގަދަ ކެރެކްޓާއިންނެވެ. މީގެއިތުރުން މި ފިލްމުގައި މޯހަންލާލް، ރިތިކް ރޯޝަން އަދި ވިޖޭ ސެތުޕަތީގެ ޚާއްޞަ ފެނިލުންތަކެއް ހިމެނޭއިރު، އެސްޖޭ ސޫރިޔާ، ޝިވަރާޖްކުމާރު، ސޫރަޖް ވެންޖާރަމޫޑު، މިތުން ޗަކްރަބޯތީ، ވިދްޔާ ބާލަން، ރަމްޔާ ކްރިޝްނަން، ނަމޯ ނާރާޔަނާ އަދި ޔޯގީ ބާބޫ ފަދަ އިންޑިއާ ސިނަމާގެ ފުންނާބުއުސް ގިނަ ތަރިންތަކެއްގެ ފުރިހަމަ އެކްޓިންގް މި ފިލްމުން ފެނިގެންދެއެވެ.

ފިލްމު "ޖެއިލާ 2"ގައި މަގުބޫލު 'ޓައިގާ މުތުވޭލް ޕަންޑިޔަން'ގެ ކެރެކްޓާ ކުޅޭ ރަޖްނީކާންތު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ އިތުރުން ބައިނަލްއަޤުވާމީ ބޮކްސް އޮފީހުގެ ތާރީޚީ ރެކޯޑުތަކެއް މުގުރާލުމަށްފަހު އޮންލައިންކޮށް ގެނެސްދޭ މި ސީކުއަލްގައި ދައްކުވައިދެނީ ފުރަތަމަ ބައި ނިމުނު ހިސާބުން ފެށިގެން ދިމާވާ ހާދިސާތަކެކެވެ. އެގޮތުން، ސިޔާސީ ގޮތުންނާއި ބައިނަލްއަގުވާމީ ފެންވަރުގައި ނުފޫޒުގަދަ ނުރައްކާތެރި ގޭންގަކުން މުތުވޭލްގެ އާއިލާއަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވުމުން، ހަމަހިމޭން ދިރިއުޅުމެއް އުޅެމުންދިޔަ މުތުވޭލްއަށް މަޖުބޫރުވަނީ އަނެއްކާވެސް އަމިއްލަ އުކުޅުތަކާއެކު މައިދާނަށް ނުކުންނާށެވެ. ކުރީގެ ދުޝްމަނުންގެ ބަދަލުހިފުމުގެ ހުޅުގަނޑާއި އައު އިއްތިހާދުތަކުގެ ތެރެއިން އޭނާ ނުކުންނަނީ އާއިލާގެ ދިފާއުގައި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ އަމާންކަން ގާއިމުކުރުމަށެވެ.

ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޑައިރެކްޓަރު ނެލްސަން ބުނީ ފުރަތަމަ ބަޔަށް ލިބުނު އާދަޔާޚިލާފު ތަރުހީބަކީ މި ދަތުރުގެ އެންމެ ބޮޑު ހިތްވަރު ކަމަށެވެ. އަދި ދެވަނަ ބައި އުފެއްދުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ބެލުންތެރިންނާއި މުތުވޭލް ޕަންޑިޔަންއާ ދެމެދު އޮތް ޚާއްސަ ލޯބި ދަމަހައްޓައި، ވާހަކަ އާއި އެކްޝަން އަދި އަސަރުތައް މުޅިން ތަފާތު އުސްމިނަކަށް ގެންދިއުމަށް ކަމަށް އޭނާ ފާހަގަކުރިއެވެ. ހަމައެއާއެކު، ރަޖްނީކާންތު މި ރޯލަށް އެނބުރި އައުމާއި، މޮޅު ކާސްޓެއް އެކުލެވިގެންވުމުގެ އިތުރުން މިއުޒިކް ޑައިރެކްޓަރު އަނިރުދުގެ ޖޯޝުން ފުރިގެންވާ މިއުޒިކާއެކު މި މަސައްކަތް ވެގެންދިޔައީ މުޅި ޓީމަށްވެސް އިންތިހާއަށް ފޯރިގަދަ ތަޖުރިބާއަކަށް ކަމަށް އޭނާ ބުންޏެވެ.

މި ފިލްމު ޑިޖިޓަލް ޕްލެޓްފޯމަށް ދޫކޮށްލަން ތައްޔާރުވަމުންދާއިރު، ބޮކްސް އޮފީހުގައި މި ފިލްމު ހޯދި ކާމިޔާބީއަކީ އާދަޔާޚިލާފު ކާމިޔާބީއެކެވެ. އެގޮތުން ސިނަމާތަކުގައި ދެއްކި މުއްދަތުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ފިލްމަށް މިހާތަނަށް ވަނީ ގާތްގަނޑަކަށް 650 ކްރޯޑް އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 78 މިލިއަން އެމެރިކާ ޑޮލަރު)ގެ ބޮޑު އާމްދަނީއެއް ލިބި، ފަހުގެ ތާރީޚެއްގައި އިންޑިއާ ސިނަމާ ދުށް އެންމެ ކާމިޔާބު އެއް ފިލްމުގެ ގޮތުގައި ތާރީޚުގެ ތެރެއަށް ވަދެފައެވެ.

comment ކޮމެންޓް