ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ކަސްރަތަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ވީނަމަވެސް، ދިގު މުއްދަތެއްގެ މެދުކެނޑުމަކަށް ނުވަތަ އަނިޔާއަކަށްފަހު އަލުން ކަސްރަތު ފަށައިގަންނައިރު އިންތިހާއަށް ސަމާލުވާންޖެހޭ ކަމަށް ކަމާބެހޭ މާހިރުން ހާމަކުރައްވައިފިއެވެ.
ކަސްރަތު ކުރިން ކުރަމުންދިޔަ ބާރުމިނާއި ޖޯޝުގައި ކުއްލިއަކަށް ފަށައިގަތުމަކީ ހަށިގަނޑުގެ ހުޅުތަކަށް، ޚާއްޞަކޮށް ކަކުލަށް ނުތަކާވަރުގެ ބާރު ބޮޑުވެ އަލުން ބޮޑު އަނިޔާއެއް ލިބުމަށް މަގުފަހިވާނެ ކަމެކެވެ. އެހެންކަމުން އަލުން ކަސްރަތު ފަށާއިރު ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށްއަޅައި، ހަށިގަނޑުން ދައްކާ އިންޒާރުގެ ނިޝާންތަކަށް ފާރަވެރިވުން ނުހަނު މުހިންމެވެ.
މިކަމާ ގުޅޭގޮތުން އިންޑިއާގެ ހައިދަރުއާބާދުގެ ކިމްސް ހޮސްޕިޓަލުގެ ޗީފް އާތްރޯސްކޮޕިކް ސާޖަން އަދި ސްޕޯޓްސް މެޑިސިން ޚާއްޞަ ޑޮކްޓަރު، ޑރ. ނިތިން ކުމާރު ބެޖާންކީ ވިދާޅުވީ އަލުން ކަސްރަތަށް ނުކުންނައިރު ހަށިގަނޑުގެ ހަރަކާތްތަކަށް ޚާއްޞަ ލޮލަކުން ބަލަންޖެހޭ ކަމަށެވެ.
އަލުން ކަސްރަތު ފަށާއިރު މަސްތަކުގައި ކޮންމެވެސް ވަރަކަށް ރިއްސުމަކީ އާދައިގެ ކަމެއް ނަމަވެސް، ދުވަސްތަކެއް ވާއިރުވެސް ތަދު ކެނޑިގެން ނުދާނަމަ އެއީ ހުޅަށް ނުވަތަ މަސްގަނޑަށް ލިބިފައިވާ ފުން އަނިޔާއެއްގެ ނިޝާނެކެވެ. ހަމައެއާއެކު، ކަސްރަތުކޮށް ނިމޭތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ކަކުލުހުޅު ދުޅަވެ، ގަނޑުފެން އަޅައި ފައި މައްޗަށް ނަގައިގެން އޮތުމުންވެސް އެ ދުޅަ ތިރިނުވާނަމަ އެއީ ޞިއްޙީ އަވަސް ފަރުވާއަށް އެދެންޖެހޭ ސަބަބެކެވެ.
މީގެ އިތުރުން ހިނގާއިރު ނުވަތަ ކޮޅަށް ހުންނައިރު ކަކުލުން ވަރުދޫވެ، ބާރުނުހިފެހެއްޓޭހެން ހީވާނަމަ އިތުރަށް ބުރަކޮށް މަސައްކަތްކުރުން ވަގުތުން ހުއްޓާލަންޖެހެއެވެ. އަދި ހަރަކާތްތެރިވާ ވަގުތު ކަކުލުހުޅުން އެއްޗެއް ކެނޑިގެންދާ ފަދަ އަޑެއް އިވި، ބާރު ރިހުމަކާއެކު ކުއްލިއަކަށް ތަދުވާން ފަށައިފިނަމަ، އެއީ ލިގަމެންޓަކަށް ސީރިއަސް އަނިޔާއެއް ލިބުމުގެ ސާފު އަލާމާތެކެވެ.
ހަށިގަނޑަށް އަރާމުދޭ ދުވަސްތައް ތާވަލުގައި ހިމަނައި، މަސްތައް އަލުން އާރާސްތުވުމަށް ފުރުސަތު ދިނުމަކީ ދިގު މުއްދަތަކަށް ކަސްރަތުގައި ދެމިހުރުމަށް އެޅޭ ބާރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސްކަސްރަތު ފެށުމުގެ ކުރިން މަސްތަކާއި ހުޅުތައް ތައްޔާރުކުރުމަށްޓަކައި ވޯމްއަޕް ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެގޮތުން ފުރަތަމަ ފަށައިގަންނައިރު ހަށިގަނޑަށް ލުއި އަދި ހުޅުތަކަށް ބާރުނުފޯރާ ކަހަލަ ކަސްރަތުތައް އިޚުތިޔާރުކޮށް، މަޑުމަޑުން އޭގެ ވަރުގަދަކަން އިތުރުކުރަމުން ގެންދިއުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. ހަމައެއާއެކު، ހަށިގަނޑަށް އަރާމުދޭ ދުވަސްތައް ތާވަލުގައި ހިމަނައި، މަސްތައް އަލުން އާރާސްތުވުމަށް ފުރުސަތު ދިނުމަކީ ދިގު މުއްދަތަކަށް ކަސްރަތުގައި ދެމިހުރުމަށް އެޅޭ ބާރެކެވެ. އަދި ކަސްރަތުކުރާ އެއްވެސް ވަގުތެއްގައި ކަކުލުން އިހުސާސްވާ ތަދަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކި ދޫކޮށްނުލުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
ކަކުލަށް ލިބޭ އާދައިގެ ކުދި އަނިޔާތަކަކީ އެކަށީގެންވާ އަރާމުދީ، ގަނޑުފެން އަޅައި އަދި ފިޒިއޮތެރަޕީގެ އެހީގައި ފަސޭހަކުރެވިދާނެ ކަންކަމެވެ. އެހެންނަމަވެސް ބޮޑެތި އަނިޔާތަކަށް އިތުރު ފަރުވާ ބޭނުންވާނެކަން ފާހަގަކުރައްވަމުން ޑރ. ބެޖާންކީ ވިދާޅުވީ، ކަކުލުގެ އެތެރެއަށް ލިބިފައިވާ ގެއްލުން ބަލައި ފަރުވާދިނުމަށްޓަކައި ކުޑަކޮށް ފަޅާލައިގެން ހަދާ އާތްރޯސްކޮޕީ ސާޖަރީ ހަދަންޖެހިދާނެ ކަމަށެވެ. މި އޮޕަރޭޝަންގެ އެހީގައި ބައެއް ކަހަލަ ގެއްލުންތައް ރަނގަޅުކުރެވުނު ނަމަވެސް، އޭސީއެލް ފަދަ މުހިންމު ލިގަމެންޓްތައް އިރައިގެން ދިއުން ފަދަ ނުރައްކާތެރި ހާލަތްތަކުގައި އެ ބައި އަލުން ހަރުކުރުމަށް ރީކޮންސްޓްރަކްޓިވް ސާޖަރީއެއް ހެދުމަކީ މަޖުބޫރު ކަމެކެވެ.