"ދުނިޔެއަކީ އިމްތިނާހުގެ ގޮވަތްޗެކެވެ. ދިމާވާ ބޮޑެތި މުސީބާތްތަކާއި ހިތާމަތަކަށް ނަމާދައި ޒިކުރުން ހިތްވަރު ހޯދާށެވެ."

***

މިލްހާ ނިކަން ހަމަޖެހިލާފައި ސީދާ ސިފްރާންގެ ލޮލަށް ބަލަން އިރުކޮޅެއްވަންދެން ހުއްޓެވެ. ހީވަނީ ހަމަ ރަކިކުރަން ބަލަން ހުރީހެންނެވެ. ސިފްރާން ކުޑަކޮށް ބުމަ އަރުވައިލިއެވެ."ސިފްރާން ކުރިން ކައިވެންޏެއް ކުރިންތަ؟"

"ވަޓް އެބައުޓް އިޓް؟" ސިފްރާންގެ ލޯ ކުޑަކޮށްލާފައި ކުއްލިއަކަށް ހިމޭންވެގެންދިޔައެވެ. އެކުޑަ ބަދަލުވެސް އޭނައަށް ފާހަގަކުރެވުނެވެ. މި ރޭ ދެމީހުންގެ ދޭތެރޭ ބަދަލުކުރެވުނު ވާހަކަތަކުން މިލްހާ ބުނި އެއްޗަކަށް ސިފްރާން މުޅިން ތައްޔާރުނުވެ ހުރިހެން ހީވި ފުރަތަމަ ވަގުތުކޮޅެކެވެ.

"ތީގެ މާނައަކީ ކޮބާ؟ސިފްރާން ކުރިންވެސް ކައިވެންޏެއް ކުރީއޭތަ؟" މިލްހާ ދެލޯ ބޮޑުކޮށްގެން ބަލަން ހުރީ ސިފްރާން އަލަށް ފެނިގެން ބަލާފަދަ ނަޒަރަކުންނެވެ.

"އާނ....." ސިފްރާން ދުރަށް ބަލަން ފެށިއެވެ.

މިލްހާ އިންތިޒާރުކުރިއެވެ. އިތުރަށް ތަފްސީލް ދޭނެކަމަށެވެ. އަންހެނުންނާއި ބެހޭގޮތުން އެންމެ ޖުމްލައެއްވެސް ބުނެލާނެކަމުގައެވެ. ނަމަވެސް ސިފްރާން އިތުރު އެއްވެސް ވާހަކައެއް ނުދެއްކިއެވެ. އެވާހަކަތަކުން އުދަގޫވީކަން ނޭގެއެވެ. މާޒީގެ ދޮރު ހުޅުވައިލަދެވުނީއެވެ. ސިފްރާންގެ މިސްރާބު ހުރީ އަނެއްކާވެސް ކުރިން ތިބި ދިމާލަށެވެ. މިއުޒިކްގެ އަޑުން ވާހަކަދައްކަން އުދަގޫވާނެތީކަމަށް ވެދާނެއެވެ. މިލްހާ ބޭނުން ސުވާލެއްކުރަން ފުރުސަތުދޭން ނިންމީކަމެއް ނޭގުނެވެ. ދޮރު ހުޅުވައިލުމާއެކު ގަނޑުފެނުގެ އަސަރު އެކުލެވޭ ވައިރޯޅިތަކުން މިލްހާގެ ވުޖޫދުވެސް ރޫރޫއަޅައިގަތްފަދައެވެ. ނަމަވެސް އޭނަ ހުރީ އެވަގުތު ފިންޏާއި ހަނގުރާމަކުރަންވެސް ތައްޔާރަށެވެ.

"ކުރިންވެސް ކައިވެންޏެއް ކުރީއޭ......" އޭނަ އެ ޖުމްލަ ތަކުރާރުކޮށްލީ އެ ހަގީގަތް އަމިއްލަ ނަފުސަށް ޔަގީންކުރުވަން މަސައްކަތްކުރާފަދަ ރާގަކަށެވެ. "އަހަންނަކީ ސިފްރާންގެ ދެވަނަ އަނބިމީހާ. އަދި އެހާ މުހިއްމު ހަގީގަތެއް އަހަރެން ގާތު ބުނާނެ އެކަކުވެސް ނުވި؟"

"އެކަން ކުރިން އެނގުނަސް ވަކި ތަފާތެއް އަންނާނެތަ؟" ސިފްރާން ހަށަން ބަދެލިއެވެ. އޭނަ ހުއްޓުނީ ރެއިލިން ކައިރީގައެވެ. މިލްހާއާއި ދިމާލަށް އެނބުރިގެންނެވެ.

އަހަންނަށް ތިއެއް ބުނާކަށް ނޭނގެ. އެނގޭހާ އެއްޗަކީ އަމިއްލައަށް ގޮތެއް ނިންމުމުގެ ފުރުސަތު ލިބެންޖެހޭނެ ކަން...."

ސިފްރާން މޫނުމަތިން އެއްވެސް އިޙްސާސެއް ދައްކުވައިނުދީ އިރުކޮޅަކު މިލްހާގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. މިނިޓްކޮޅުވެސް މިލްހާއަށް ގަރުނެއްހެން ހީވިއެވެ. އޭނަގެ ސިކުނޑިވެސް ހުސްކަމުގެ ތެރެއަށް ވެއްޓުނެވެ. ޔަގީނުންވެސް ބޮލަކަށް އެއްވެސް އެއްޗެއް އެވަގުތު ނުވަނެވެ. ފާޑަކަށް ގަބުވީއެވެ.

އޭނަ އިރުކޮޅެއްފަހުން ބޯ ހަލުވައިލުމަށްފަހު ސިފްރާންއާއި ހަތަރުކަޅި ހަމަކުރިއެވެ. އެފަދަ ހަގީގަތެއް ގެ ސަބަބުން ލޮޅުމެއް އެރިޔަސް ހަމަޖެހެން މަސައްކަތްކުރިއެވެ.

"އޭނާ ކޮބާ؟ ފުރަތަމަ އަނބިމީހާ؟" އޭނަ ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް އަހައިލިއެވެ.

"އޭނާ ދުނިޔެއަކު ނެތް....." ސިފްރާންގެ ކޮލުގެ ކަށިގަނޑަށް ކުޑަކޮށް ބާރުވެގެން ދިޔައެވެ.

އޭނަ ފަހަރެއްގައިވެސް އެފަދަ ޖަވާބަކަށް އުންމީދެއް ނުކުރެއެވެ. އޭނަ އިސްޖަހައިލުމަށްފަހު ބޭރަށް ބަލަން ހުރީ ބުނަންވީ އެއްޗެއް ނޭގިފައެވެ."ކޮން އިރަކު؟"

"އެކަން އެނގެން މުހިއްމުތަ މިލްހާ؟" ސިފްރާން އަހައިލިއެވެ. އެއީ އޭނާއާ ބެހޭ ކަމެއް ނޫންކަން އަނެއްކާވެސް ހަނދާންކޮށްދެމުންނެވެ. ސިފްރާން އަނެއް ފަރާތަށް އެނބުރި ތިރިކޮށް ހުރި ރެއިލިންގައި އަތް ޖައްސައިލިއެވެ.

އޭނަ ދެން ކުރަން ބޭނުންވީ ސުވާލު ދިރުވާލިއެވެ. ސިފްރާންގެ އަންހެނުން ނިޔާވީި ސަބަބު އޮޅުން ފިލުވަން ބޭނުންވިއެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާއިހެދި އެސުވާލުކުރަން ފަސްޖެހުނެވެ. ފަހަރެއްގައި އެ ސުވާލުކުރަންވީ ސިފްރާންއާއި ނޫންކަމަށް ވެދާނެއެވެ. ޔަގީނުންވެސް މިވަގުތަކު ނޫނެވެ.

މިލްހާގެ ސިކުނޑީގައި ޚިޔާލުތައް އެނބުރެން ފެށިއެވެ. އޭނާ ސިފްރާނާ ކައިވެނިކުރަން އެއްބަސްވިިއިރު އެނގުނީ ވަރަށް ކުޑަކުޑަ މިންވަރެކެވެ. ސިފްރާންއަކީ ރަގަޅު އާއިލާއެއްގެ ހުރި އެންމެ ފިރިހެން ދަރިފުޅެވެ. އަޚުލާގު ރަގަޅު ހަރުދަނާ ޒުވާނެކެވެ. ތައުލީމީ ރީތި ފިރިހެނެކެވެ. ދިރިއުޅެނީ ސްކޮޓްލޭންޑްގައެވެ. ރަފާއާއެކު ރެސްޓޯރެންޓަށް ގޮސް ދިމާވުމާއެކު ގިނަ އަންހެންކުދިން ހިތް އެދޭނެފަދަ ބައިވެރިއެއްގެ ސިފަތައް ހުރިކަން އެނގުނެވެ. ނޭގުނީ ކުރިން ސިފްރާންގެ ލޯބިވާ އަންބަކު ހުރިކަމެވެ. ވީއިރު އޭނާއަށް ނޭނގި އިތުރަށް ހުރީ ކޮން ސިއްރެއްހެއްޔެވެ؟

އޭނާއަށް އެނގުނު މިންވަރަށް ބަލާއިރު ސިފްރާންގެ ދިރިއުޅުމުގައި އެހެން އަންހެން ކުދިން ތިބުމަކީ އެކަށީގެންވާ ކަމެކެވެ. އޭނާއަށް އެކަން ޔަގީންވާނީ ކިހިނެއްހެއްޔެވެ؟ އޭނާ މި ކައިވެނިކުރީ ހަގީގަތުގައި ސިފްރާންގެ މާޒީއާއި މިޒާޖާއި ދިރިއުޅުމާއި ބެހޭގޮތުން އެއްވެސް ވަރަކަށް ނޭގިހުރެއެވެ. އޭނާއަށް އެނގެންޖެހޭ ކަންކަން ސާފުކޮށްދޭނެކަމުގެ އިތުބާރު އޮތެވެ. ހަޔާތުގެ އެހާ މުހިއްމު ނިންމުމެއްގައި އޭނައަށް ވިސްނައިނުލެވުނީއެވެ. ބުއްދީގެ ބޭނުން ނުހިފުނީއެވެ. ނަމަވެސް މިހާރު އެކަމާ މެދު ވިސްނައިގެން ލިބޭނީ ކޮން ފައިދާއެއްހެއްޔެވެ؟ އޭނާއަކަށް މާޒީއަށް އެނބުރިގޮސް އޭރު ކުރަންޖެހޭ ސުވާލުތަކެއް ނުކުރެވޭނެއެވެ. "އެހެން ވިނަމަ "އަކުން އަމިއްލަ ނަފްސަށް އަދާބުދިނުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ވީކަމެއް އޮތީ ވެފައެވެ. އޭނަ އަށް ޖެހޭނީ މި ކަމުގެ ތެރެއިން އަމިއްލައަށް މަގު ހޯދައިގެން އަނދިރީގެ ތެރެއިން ނުކުތުމެވެ.

މިލްހާވެސް ކައިިރިއަށް ގޮސް ހުއްޓުނެވެ. އިތުރު އެއްޗެއް އަހަން ތައްޔާރުވެގެންނެވެ. ނަމަވެސް އެ ލަފުޒުތައް އަރުތެރޭގައި ތާށިވިއެވެ. ސިފްރާންގެ އޭނާގެ ނަޒަރު ހުރީ ބަގީޗާއާ ދިމާލަށް ހުއްޓިފައެވެ. ސްނޯގެ އެކި ބައްޓަމުގެ އެތިކޮޅުތައް އުދުހެމުންއައިސް ސޫޓުގެ ކޮނޑުމަތީގަޔާއި އިސްތަށިގަނޑުގައި ހަރުލަމުން ދިޔައެވެ. އެކަން އިހުސާސްވާހެނެއް ހިޔެއްނުވެއެވެ. އެނަޒަރުވަނީ ކޮންމެވެސް އެއް ދިމާލަކަށް ހުއްޓިފައެވެ. އޭނާއަށް އެއިން އެއްވެސް އެއްޗެއް ފެންނަހެނެއް ހިޔެއްނުވެއެވެ. އާންމުކޮށް އޭނާގެ މޫނުމަތިން ފެންނަ ތޫނުކަން ވަނީ މަޑުމޮޅިކަމަށް ބަދަލުވެފައެވެ. އެވަގުތު ސިފްރާންވަނީ އެހެން ދުނިޔެއަކަށް ގެއްލިފައެވެ.

މިލްހާގެ ނަޒަރުވެސް ހުއްޓުނީ ސިފްރާން ބަލަން ހުރި ދިމާލަށެވެ. ގަސްތަކުގެ އަނދިރި ހިޔަނިތަކާއި ބިންމައްޗަށް ޖަމާވަމުންދިޔަ ސްނޯ ފިޔަވައި އެތަނަކު އެހެން އެއްވެސް އެއްޗެއް ނެތެވެ. އޭނަގެ ހަނދާނަށް އައީ އެ ފޮޓޯގަނޑެވެ. އެ އަންހެންކުއްޖާ ކައިރީގައި ހުރި ޒުވާނާ ހުރީ ހިނިތުންވެލައިގެންނެވެ. އެއީ މެހުމާނުންނަށްޓަކައި ސިފްރާން ދައްކާލާ ފަދަ އިހުތިރާމް އެކުލެވޭ ހިނިތުންވުމެއް ނޫނެވެ. ނަމަވެސް އެއީ އިޚުލާސްތެރި، ފުޅާ، އަދި ފޮރުވުމެއްނެތް އުފާވެރި ހިނިތުންވުމެކެވެ. އޭނާއަށް އެއީ ސިފްރާންކަން ދެނެގަންނަންވެސް އުނދަގޫވިއެވެ. އޭނާ މިހާރުގެ ސިފްރާނަށް ބަލައިލިއެވެ. މުޅިންހެން ބަދަލުވެއްޖެއެވެ. ކުރިން ސިފްރާންއަކީ ފޮޓޯއިން އެފެނުނު އުފާވެރި ޒުވާނާއެވެ.

އެ ޚިޔާލުން އޭނާގެ ހިތް ނުތަނަވަސްކުރުވިއެވެ.

ސިފްރާން އެފަދައިން ހިނިތުންވިތަނެއް އޭނަ އަދި ދެކެފައެއްނުވެއެވެ. ޔަގީނުންވެސް އެ ގެއަށް އައިފަހުން އެންމެ ފަހަރަކުވެސް ހިނިތުންވެލިތަނެއް ނުދެކެއެވެ. އޭނާގެ ބައްޕަގެ އުފަންދުވަހުގެ ހަފްލާގައިވެސް އޭނާއާއި ވާހަކަދައްކަން ބޭނުންވެފައި ތިބި މީހުންގެ ތެރޭގައި ހުރިއިރުވެސް އެހާ ބީރައްޓެއްސެވެ. އޭނާ ހީކުރީ އެއީ ސިފްރާންގެ ތަބީއަތުކަމުގައެވެ. އުދަގޫ ފިނި މިޒާޖެއްގެ އަދި އަބަދު ނުރުހިފައި ހުންނަ ޒުވާނެއްކަމަށެވެ. ހަގީގަތް އެނގުނުއިރު އެ ހުރިހާ ސިފަތަކެއްގެ ފަހަތުގައިވަނީ މާޒީގެ ހިތާމައެވެ. އޭނާގެ އަނބިމީހާ ނިޔާވީއެވެ. ސިފްރާންގެ މޫނަށް ބަލައިލުމުން އަންހެނުން ވަކިވުމުގެ ހިތާމައިން ދުވަހަކުވެސް އަރައިގަނެވޭނެބާވައޭ މިލްހާގެ ހިތަށްއެރިއެވެ. ކުދި ސްނޯކޮޅުތައް އޭނާގެ އިސްތަށިގަނޑުގައި ހަރުލަމުން ދިޔައިރު ފޮހެލަން އެއްވެސް މަސައްކަތެއް ނުކުރެއެވެ.

ކުޑަ ވަގުތުކޮޅަކަށް، ދެމީހުންކުރެ އެކަކުވެސް އެއްޗެއް ނުބުނެއެވެ. ދެން ސިފްރާން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލާހެން ހީވިއެވެ. އޭނާ ކޮނޑުގައި ހުރި ސްނޯ ފޮހެލުމަށްފަހު ގެއާއި ދިމާލަށް ބަލައިލިއެވެ. "މިލްހާ...މި ވާހަކަ ބުނަން ހަދާން ނެތުނީ... ފޯނު މިހާރު ވަނީ މަރާމާތުކޮށްފަ....."

މިލްހާ ހުޅުވިފައިވާ ދޮރާއި ދިމާލަށް ބަލައިލިއެވެ. މެހުމާނުން ތިބޭނީ ޗަންދަލިއާތަކުގެ ދަށުގައި އުފާފައުޅުކުރުމުގައެވެ. އޭނާ އެތަނަށް އެނބުރިގޮސް ސިފްރާންގެ ކައިރީގައި ހުރެވިދާނެއެވެ. އެެންމެން އޭނައަށް ސިއްރުކުރަން ނޫނީ ބުނެދޭން ނުވިސްނާ ހުރި ސިފްރާންގެ މާޒީގެ ބޮޑު ބައެއް އޭނާއަށް އަދިކިރިޔާ އެނގުނުކަން ނޭނގޭ ކަމަށް ހަދައިގެން އެ ރޭގެ ބާކީބައި ހޭދަކުރެވިދާނެއެވެ. އަނެއް ގޮތަކީ އޭނާގެ އާއިލާއަށް ވާހަކަދައްކަން ދިޔުމެވެ.

"އަހަރެން ހީވަނީ މަންމަމެންނަށް ގުޅަން ދާންވީހެން..." މިލްހާ ގަނޑުވެފައި ހުރި އަތްތިލަ އުނގުޅުމުންވެސް އިހުސާސް ކެނޑިފައިވާހެން ހީވިއެވެ.

"ބޭނުންގޮތެއް......"ސިފްރާން އޭނައަށް އިންތިޒާރުކުރުމެއްނެތި ދޮރު ލައްޕާލާފައި ދާން ހިނގައިގަތެވެ.

***

މިލްހާ ސިފްރާންގެ އޮފީހަށް ވަނުމާއެކު އަރާމު ހޫނުކަމެއް އިހުސާސްވިއެވެ. ރޭގަނޑުގެ ފިންޏަށް ނުކުމެވުމުން މުޅި ޖިސްމު ގަޑުވިހެން ހީވިއެވެ. ކޯޓުލައިގެން ނޫނީ އެ ފިނީގެ ތެރޭގައި ސަކަރާތް ޖަހައިލެވޭވަރެއް ނުވާނެއެވެ. މިލްހާ ގެ ނަޒަރުގައި އަޅައިގަތީ ފޯނެވެ. އެއީ އާ ފޯނެކެވެ. އޭނާ ނަންބަރު ޖެހުމަށްފަހު އިންތިޒާރުކުރިއެވެ. ފޯނު ރިންގުވާން ފެށިއެވެ. ފުރަތަމަ ފަހަރަށެވެ. ދެވަނަ ފަހަރަށެވެ. ތިންވަނަ ފަހަރަށެވެ. އެއްވެސް މީހަކު ފޯނަށް ޖަވާބެއް ނުދިނެވެ. މިލްހާ ބުމަގާތްކޮށްލުމަށްފަހު ފޯނު ބާއްވަން އުޅެފައިވެސް ކުޑަކޮށް މަޑުކޮށްލިއެވެ މި ދެގައުމުގައި ގަޑީގެ ތަފާތު ހުންނާނެއެވެ. ސްކޮޓްލޭންޑަށް ރޭގަނޑު އަށްގަޑި ބައިވީއެވެ. އޭނާ ފަސް ގަޑިއިރުގެ ފަރަގު ހަނދާންނެތުނީއެވެ. ރާއްޖެއަށް ދަންވަރު އެކެއް ޖަހާ ބޮޑުވެދާނެއެވެ.

އޭނާ ބޭނުންވީ މަދު މިނެޓުކޮޅަކަށް ނަމަވެސް، އޭނާ ދެނެ ފަރިތަ އަޑެއް އަހައިލުމަށެވެ. އޭނާ އަނެއްކާވެސް މަސައްކަތްކޮށްލިއެވެ.

މިފަހަރު ކޮންމެވެސް މީހަކު ފޯނުނެގިއެވެ. "ހެލޯ؟"

މިލްހާ ގެ ހިތަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބުނެވެ. "ހާރިސް؟"

ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމެއް ވެރިވިއެވެ.

"މިލްހާ؟"ހާރިސްގެ އަޑު ބާރުވިއެވެ. ރާގުގައިވީ ހައިރާންކަމެވެ. "ސީރިޔަސްކޮށް..ނިދަން އޮތްވާ ފެންނަ ހުވަފެނެއްކަމަށް ހީކުރީ....."

އޭނަގެ ތުންފަތަށް ވެރިވި ހިނިތުންވުން ފުޅާވިއެވެ. "ލައްބަ..... މިި ފޯނު ރަނގަޅުވަންދެން އިންތިޒާރުގައި ހުރީ... މިއަދު މީތި މަސައްކަތްކުރަން ފެށީ."

"ދޮންތަ ކިޔާ އެއްޗެއް ނުވިސްނުނު...ތިގޭގައި އެންމެ ފޯނެއްތަ އޮތީ؟"

އޭނަ ނޭވާ ހިފަހައްޓައިގެން ހުރެވުނުކަންވެސް ނޭނގި ފުން ނޭވާއެއް ދޫކޮށްލިއެވެ. "އެއްވެސް މީހަކު ފޯނުނުނަގާނެ ކަމަށް ހީކުރީ... ގަޑީގެ ފަރަގު މުޅިން ހަނދާންނެތުނީ."

"ގަޑީގެ ތަފާތޭ؟" ހާރިސް ގާތްގަނޑަކަށް ހަޅޭއްލަވައިގަތެވެ. "ދޮންތާ.....އެނގޭތަ އަހަރެމެން ދޮންތަ ގުޅާނެ ކަމުގެ އިންތިޒާރުގައި ތިބާތާ ކިތައް ގަރުނުވެއްޖެކަން؟"

އޭނާ ކަންފަތަށް ތަދުވުމުން ކުޑަކޮށް ދުރުކޮށްލިއެވެ." ސާބަހޭ ހާރިސް.. ހަޅޭއްނުލަވާ........"

"އަހަރެން ހަޅޭއްލަވަނީއެއްނޫން....ވާހަކަދައްކަނީ.."

"އެކަމެއް ނޭގޭ...ކަންފަތުގެ ތޫރިވެސް ފަޅާލައިފި......"

"އޯކޭ، އޯކޭ. ފޯނު ނުބާއްވާތި..."ހާރިސްގެ އަޑު އަނެއްކާވެސް ބާރުވިއެވެ. "މަންމާ...މަންމާ.....މިލްހާ ގުޅަނީ....."

މިލްހާ ކަންފަތުގައި އަތް އަޅަމުން ފޯނު ދުރުކޮށްލިއެވެ. "ހާރިސް.... މިއީ ދަންވަރު ވަގުތެއް....އަވަށްޓެރިންވެސް ހޭލަފާނެ...ތަނެއްގައި ރޯވީކަމަށް ހީކޮށް..."

"މަންމާ...." ހާރިސް އަނެއްކާވެސް ހަޅޭއްލަވައިގަތެވެ. ދަންވަރުކަމަާއި ތިމާ ހަޅޭއްލަވަނީކަމަށް ބެލުމެއްވެސް ނެތިއެވެ. "މަންމާ ހޭލަބަލަ.... މިލްހާ ގުޅަައިގެން......."

މަޑުމަޑުން ދޮރު ހުޅުވުނު އަޑު ކަންފަތުގައި ޖެހުނެވެ. އަވަސްއަވަހަށް ހިނގާފައި އަންނަ އަޑާއި ފަހަތުން ކޮންމެވެސް ވާހަކަތަކެއް ދެއްކިހެންވެސް ހީވިއެވެ. އޮޅުމެއް ނުފިލިއެވެ.

ކުޑަ ހިނދުކޮޅަކަށްފަހު ފޯނުން މަންމަގެ އަޑު އިވުނެވެ. "އައްސަލާމް އަލައިކުމް.....މިލްހާ؟"

"މަންމަގެ މިލްހާ..."މަންމަގެ އަޑު ހުރީ ނިންޖާއި ހައިރާންކަމުން ބަރުވެފައެވެ. "ތިއީ ހަމަ މިލްހާތަ؟"

"އާނ.... މަންމާ. މިއީ އަހަރެން. މަންމަ ރަގަޅުތަ؟"

"މަންމަ އިރާދަކުރެއްވީތީ ހެޔޮ ހާލުގައި ހަމަ....މިލްހާ ދަރިފުޅު ކިހިނެއްތަ؟ކީއްވެ މިހާ ދަންވަރު ގުޅީ؟ ކަމެއް ދިމާވީތަ؟"

"މަންމާ މިތާ ގަޑިން މިހާރު ރޭގަނޑު އަށްގަޑިބައިވީ..........." މަންމަގެ އަޑުއިވުމާއެކު މިލްހާގެ އަޑު މަޑުވިއެވެ. އޭނާ މަންމަމެންދެކެ އިންތިހާއަށް ލޯބިވެއެވެ. މަންމަގެ އަޑު ކަންފަތުގައި ޖެހުމާއެކު ހިތަށް ތަފާތު އަސަރުތަކެއްކޮށް ފެންކަޅިވާގޮތްވިއެވެ. މަންމަމެން ގާތަށް ވަގުތުން ދާން ހިތް އެދުނެވެ. އޭނަގެ ހުރިހާވެސް އުފަލަކީ އެކުޑަ އާއިލާއެވެ. މިހުރިހާ ދުވަހު ވަކިން އުޅެވުނީ ކިހިނެއްހެއްޔެވެ؟ މަންމަމެން އޭނައަށް ދިން އިސްލާމީ ތަރުބިއްޔަތުގެ ފުރިހަމަކަން ނޫން ކޮންކަމެއްހެއްޔެވެ؟ ބީރައްޓެހި ސިއްރުން ފުރިފައިވާ މާހައުލެއްގައި އޭނަ ވަކީލުކުރަނީ ހަމައެކަނި ﷲ ތައާލާއަށެވެ. ހިތަށް ހަމަޖެހުން ހޯދީ ނަމާދާއި ޒިކުރުންނެވެ.

މިލްހާ މަންމައަށް ފޯނުގެ ހާލަތު އަނެއްކާވެސް ކިޔައިދިނެވެ.

"ދަރިފުޅު ކިހިނެއްތަ؟ ރަނގަޅަށް ކައިބޮއި ހަދަންތަ؟ އެމީހުން މިލްހާއަށް ހެޔޮތަ؟ އަޅާލާ ދޯ..... ސިފްރާން ކޮބާ؟"

ހާރިސް މަންމަގެ މޫނާއި މޫނު ޖެހޭހާ ކައިރީގައި ހުރެ ސުވާލުކޮށްލިއެވެ. "އަހާބަލަ ސްނޯ ފެނުނުހެއްޔޭ؟"

"އާނ...މިހާރުވެސް ސްނޯ ފައިބަނީ.. ދެންމެ ސްނޯ ފައިބާ މަންޒަރު ބަލަން ހުރެފައި ގެއަށް މިވަނީ... އެއީ އަޖައިބުވާހާ ހިތްގައިމު ހުވަފެނީ މަންޒަރެއް. ދުވަހަކުވެސް މިފަދަ ކަމެއް ނުދެކެން. މިއީ ހަމަ ދުނިޔެމަތީގެ ސުވަރުގެ.މަންމަމެންނަށް ވެސް އާދެވޭނެނަމަ....."

"އަލްޙަމްދުﷲ. މިލްހާ ޔަގީނުންވެސް އުފާވާނެ ކޮންމެވެސް ކަމެއް ތި ތަނުން ފެނިއްޖެ...މަންމަމެންވެސް ދާނީ ﷲ އިރާދަކުރެއްވިއްޔާ..."

ހާރިސްގެ އަޑު އަނެއްކާވެސް ގާތުން އިވުނެވެ. "މަންމާ....ފޯނު ދީފާނަންތަ؟ އަދި ރަނގަޅަށް ދޮންތައާއި ވާހަކަ ނުދެއްކޭ..."

ތިންމީހުން އެކަކު އަނެކަކަށް ވާހަކަދައްކަމުން ދިޔައެވެ. ކުދި ކުދި ކަންތައްވެސް މުހިއްމުވިއެވެ. ހާރިސް ސުވާލުކުރީ ސްކޮޓްލޭންޑްއާއި ގެއާއި ބެހޭގޮތުންނެވެ. އޭނާ ހީކުރިވަރަށް ފިނިތަނެއްހެއްޔެވެ؟ ހަދީދުގެ އުފަން ދުވަހުގެ ހަފްލާގައި އޮތީ ކޮންކަމެއް ތޯ އެހިއެވެ. މިލްހާ ރަގަޅަށް ކެއިތޯވެސް އޮޅުން ފިލުވިއެވެ. މިލްހާވެސް އާއިލާއާއި އެކުވެރިންނާއ އަވަށްޓެރިންގެ ޚަބަރު އޮޅުން ފިލުވިއެވެ. މާދަން ރަފާއަށް ގުޅާނެވާހަކަ ބުނަން ހާރިސް ގާތުގައި އެދުނެވެ.

އެ ހުނުމަށް ހުރަސްއެޅުނީ ބަރު އަޑެއް އިވުމުންނެވެ. "ފޯނު އަވަހަށް ގެނޭ ހާރިސް. އަޑު ހަރުކަމުން މުޅި ރަށް ހޭލައްވާލައިފި..."

"ބައްޕާ..މިލްހާ ގުޅީއޭ.."

ކޮންމެވެސްވަރަކަށް ކައިރިވެ ފޯނުގައި އަތް ޖެހުނު އަޑު އިވުނެވެ.

"މިލްހާ؟"

އޭނާގެ ހިނިތުންވުން ފުޅާވިއެވެ.

"ލައްބަ ބައްޕާ...ހާލު ކިހިނެއް؟"

ބައްޕަގެ އަޑުގައި އޯގާތެރިކަމާއި އަޅައިލުން ވިއެވެ." ބައްޕަ ހީކުރީ މިލްހާ ތިކޮޅަށް ދިޔައީމަ ބައްޕަމެން މަތިން ހަނދާން ނައްތާލީކަމަށް..."

"ތިތަނުގައި އެއްވެސް ދަތިކަމެއް އެބައޮތްތަ؟ އެއްވެސް މީހަކު އެއްޗެކޭ ބުނިތަ؟ އެއްވެސް މައްސަލައެއް އުޅެންޏާ އެމީހުން ކައިރީ ބުނޭ މިލްހާ ބައްޕަމެން ކައިރިއަށް ފޮނުވާލާށޭ...." މިލްހާ އެމީހުންނަށް ގުޅަން އެތައް ދުވަހެއް ނެގުމުން އާއިލާއާއިމެދު ހިތްހަމަނުޖެހިފައި ހުރިކަން ދައްކަމުން ހަސަން ތަންކޮޅެއް ބާރަށް ވާހަކަދެއްކިއެވެ.

މިލްހާގެ ފިރިމީހާގެ އާއިލާއާ ބެހޭގޮތުން ނޭދެވޭ އެއްޗެއް ނުބުނުމަށް މަންމަ ބައްޕަ ކައިރީގައި ސިއްރުސިއްރުން ބުނާ އަޑު މިލްހާއަށް އިވުނެވެ.

"ކަމަކުން އުނދަގޫވާނަމަ ބައްޕަމެންނަށް ސިއްރުނުކޮށް އަންގާތި...ދުރުގައި ހުރީތީ ހުރިހާ ކަމެއް އަމިއްލައަށް ކުރަންޖެހޭނެ ކަމަށް ނުދެކޭތި...ބައްޕަމެން އަދި ދުނިޔޭގައި އެބަތިބި...."

މިލްހާގެ އިނގިލިތަކުން ފޯނުގެ ރިސީވަރަށް ބާރުކޮށްލެވުނެވެ.

"ފުރުސަތު ލިބުނުހާ އަވަހަކަށް ޒިޔާރަތްކުރަން އަންނާތި....." ހަސަން އިތުރުކޮށްލިއެވެ. "އަމިއްލަ ނަފްސަށް ރައްކާތެރިވާތި. ދަރިފުޅު ރަނގަޅަށް ކައިބޮއި ފިނި ހެދުން ލައިގެން ހުންނާތި...ކޮންމެވެސް މީހަކު ބުނި ވިލާތަށް ވަރަށް ފިނި ފައިބާ ދުވަސްކޮޅެކޭ... ގުޅަން ފަސްނުޖެހޭތި..ދަންވަރު ވިޔަސް ހެޔޮ..."

"އާނ ބައްޕާ....ގުޅާނަން."

"ﷲ ހުރިހާކަމެއް ފަސޭހަކޮށްދެއްވާށި."

"އާމީން....." މިލްހާގެ ލޮލުގައި އެއްވަމުން ދިޔަ ކަރުނަ ކޯތާފަތުން ތިރިއަށް ފައިބަންފެށިއެވެ.

އޭނާ އިރުކޮޅެއްވާންދެން ބައްޕައާއިވެސް ވާހަކަދެއްކިއެވެ. ދަތުރާއި، ކާނާއާއި، ސިފްރާންގެ އާއިލާ ގެ މީހުންނާއި ބެހޭގޮތުން ސުވާލުކުރިއެވެ. ހާރިސްވެސް ދޭތެރެއަކުން އެހެން ސުވާލެއް ކޮށްލައެވެ. ކުދި ކުދި ކަންތައްތަކާއި ބެހޭގޮތުންނެވެ. މަންމަ ހަނދާންކޮށްދިނީ ނަމާދު ގާއިމުކުރުމަށެވެ. ގުރުއާން ކިޔަވާ ޒިކުރުކުރުމަށެވެ. ދިރިއުޅުމުގައި އިމްތިހާނުތައް ކުރިމަތިވިޔަސް ކެތްތެރިވުމަށް އެދުނެވެ.

އެންމެ ފަހުން ސަލާމްކޮށްފައި ފޯނު ބޭއްވިއިރު މިލްހާ ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލިއެވެ. އެތައް ދުވަހެއްފަހުން މަންމަމެންނާއި ވާހަކަދެއްކުމުން ހުރިހާ ހިތާމައާއި ނުތަނަވަސްކަމެއް ފިލާ ރޫހަށްވެސް ފިނިކަމެއް ލިބުނެވެ. އޭނާ ފޯނު އަނބުރާ އޭގެ މަގާމުގައި ބޭއްވުމަށްފަހު ކުޑަވަގުތުކޮޅަކަށް އެތަނުގައި މަޑުކޮށްލިއެވެ. އަދި ސިފްރާން ހިފަހައްޓާ ތަދުކޮށްލި އިނގިލީގައި ފިރުމައިލިއެވެ. އެއީ ގަސްތުގައި ކުރި އަނިޔާއެއް ހެއްޔެވެ؟ އަނެއްކާ އެއީ ކާކުގެ އަނގޮޓިއެއް ހެއްޔެވެ؟ އަނެއްކާ އަންހެނުންގެ އެއްޗެއް ހެއްޔެވެ؟ ސުބުހާނަﷲ..ސިފްރާންގެ ރުޅިއާއި ނުރުހުމުގެ ސަބަބު އިހުސާސް ކުރެވުމާއެކު ހިތަށް ލައްކިއެއް ޖެހިހެން ހީވިއެވެ.

"މިއީ ވެސް އިމްތިހާނެއްކަން ޔަގީން....އާއިލާގެ މީހެއްކައިރީ އަދި އެކުވެރިއެއްގެ ގާތުވެސް ބުނަން ފަސޭހައެއްނޫން...މަންމަމެންނަށް އެނގިއްޖެއްޔާ ހިތް ހަލާކުވާނެ..ރަފާ ހުރިނަމަ.....އޭރުން ފަހަރެއްގައި ރަގަޅު ޚިޔާލެއް ދީފާނެ.."

ޔާﷲ..މިއަޅާއަށް ކެތްތެރިކަން ދެއްވާދޭވެ. އަވަހަށް މަންމަމެން ގާތަށް ދެވޭނެގޮތް މެދުވެރިކުރައްވާދޭވެ.

އޭނަގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ޓިޝޫއަކުން ފޮހެލާފައި ވަށިގަނޑަށް ވައްޓައިލިއެވެ. އެވަށިގަނޑުން ކުރީދުވަހު ފެނުނު ސިޓީވެސް ހަނދާނަށް އައެވެ. އެހުރިހާ ވާހަކަތައް މަންމަމެންނަށް ކިޔާދިންނަމަ މަންމަމެންނަށް އޭނައަށްވުރެ ބޮޑަށް އަސަރުކުރާނެއެވެ. އޭނަ ސިފްރާން ކުރިން ކައިވެނިކުރިކަން ސިއްރުކުރިއެވެ. ސިފްރާންގެ ބީރައްޓެހިކަމާއި ގެއިން ފެންނަ އާދަޔާ ޚިލާފު ކަންތައްތަކުގެ ވާހަކަވެސް ހިތުގައި ބޭއްވީއެވެ. އޭނަ ބޭނުންވަނީ މަންމަމެން އުފަލުގައި ތިބުމެވެ.

***

މިލްހާ ހެދުމުގެ ޖީބަށް އަތް ޖެހުމާއެކު އިނގިލިތައް ބީހިލީ ފޮޓޯގަނޑުގައެވެ. އޭނާ އެ ނަގައި މޭޒު މަތީގައި ހުރި ބައްތީގެ އަލިކަމުގެ ދަށުގައި ހިފަހައްޓާލައިގެން ހުރެ ފަރުވާތެރިކަމާއެކު ބެލިއެވެ. ސިފްރާން އެހާ ޒުވާންވެފައި އުފާވެރި ހިނިތުންވުމެއްގައި ހުރި މަންޒަރު ފެނި ހާސްވިވަރުން އޭނާ އެންމެ ކުރިން އެ ފޮޓޯގަނޑަށް ބަލައިލީ ކުޑަކޮށެވެ. އޭނާގެ ކައިރީގައި ހުރި އަންހެންކުއްޖާގެ މޫނަށްވެސް ބަލައިނުލެވުނެވެ.

މިލްހާ އެކުއްޖާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. މިއީ ސިފްރާން ކައިވެނިކުރި އަންހެންކުއްޖާއެވެ. ސިފްރާންގެ ފުރަތަމަ ލޯތްބެވެ. މިލްހާ ދުވަހަކު ނުދެކޭފަދަ ހިނިތުންވުމެއް ހަދިޔާކުރި އަންހެންކުއްޖާއެވެ. އަދިވެސް ސިފްރާންގެ ހިތް ހަދިޔާކުރެވިފައިވާ ފަރާތްކަން ޔަގީނެވެ.

އެ އަންހެންކުއްޖާގެ މޫނުން ފާހަގަ ވީކަމަކުން އޭނަ ސިހޭގޮތްވިއެވެ. އޭނާ އިތުރަށް މޫނު ކައިރިކޮށްލިއެވެ. އެކުއްޖާގެ މޫނުގެ ބައްޓަމެވެ. އޭނާގެ ދެލޮލެވެ. ކުޑަކޮށް މައްޗަށް އަރާފައިވާ ބުމައެވެ. މިލްހާ ބުމަގާތްކޮށްލަމުން ފޮޓޯގަނޑު ބައްތިއާ އަދިވެސް ގާތަށް ގެނައެވެ. ނޫނެކެވެ. އޭނާ އަނެއްކާވެސް ޔަގީންކޮށްލަން ބަލައިލިއެވެ.

އޭނާ މަޑުމަޑުން މޭޒު ކައިރީގައި ހުރި ގޮނޑިއަށް ތިރިވިއިރު މެޔަށް އާދަޔާ ޚިލާފުގޮތެއްވާން ފެށިއެވެ.

މި އަންހެންކުއްޖާގެ މޫނުން މުޅިން ބީރައްޓެހި ނޫން ދެނެ ފަރިތަ ސިފައެއް ފެންނަން ހުއްޓެވެ. އެއީ އެއްވައްތަރެއްގެ އިސްތަށިގަނޑެއް ނުވަތަ ކުލައެއް ހުންނަ ދެ ބީރައްޓެހިންގެ ކިބައިން ފެންނަ އާދައިގެ ވައްތަރުކަމެއް ނޫނެވެ. އެއީ ސިފަތައް އެތުރިފައިވާ ގޮތުންނާއި އަންހެންކުއްޖާގެ މޫނުމަތީގެ ކުލަވަރު ވަކި ގޮތަކަށް ހުރުމުންނެވެ. މިލްހާއަށް އެ މޫނު އެނގެއެވެ. އޭނާ މަޑުމަޑުން އަތް ހިއްލާ ކޯތާފަތުގައި ޖައްސާލުމަށްފަހު އަނެއްކާވެސް ފޮޓޯގަނޑަށް ބަލައިލިއެވެ. އެއީ އޭނާގެ އަމިއްލަ މޫނެވެ.

އޭނާ ފޮޓޯގަނޑުން ނަޒަރު ވަކިކޮށް އަނދިރި ކުޑަދޮރާއި ދިމާލަށް ބަލައިލިއެވެ. އެތަނުން އޭނާގެ އަމިއްލަ ސޫރަ އޭނާއަށް ފެނުނެވެ. އަނެއްކާވެސް ފޮޓޯގަނޑާއި ދިމާލަށް ތިރިއަށް ބަލައިލިއެވެ. ފޮޓޯއިން ފެންނަ އަންހެންކުއްޖާ އާދަޔާޚިލާފަށް އޭނާއާ ވައްތަރެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު