ރާއްޖޭން ބަންގަލޭޝަށް ދިޔަ ދެ މީހެއްގެ ފުރަގަސްފަރާތުގައި ފޮރުވާފައި ހުރި ފަސް މިލިއަނެއްހާ ރުފިޔާގެ ރަން އަތުލައިގެންފި

ބަންގްލަދޭޝަށް ދިޔަ ދެ މީހުންގެ ފުރަގަސްފަރާތުގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ރަންތައް --- ފޮޓޯ/ އެންބީއާރު

ރާއްޖޭން ބަންގަލްދޭޝަށް ދިޔަ، އެ ގައުމަށް ނިސްބަތްވާ ދެ މީހެއްގެ ފުރަގަސްފަރާތުގައި ފޮރުވާފައި ހުރި ފަސް މިލިއަނެއްހާ ރުފިޔާގެ ރަން އަތުލައިގެންފިއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ 'ނިއު އޭޖް'ގައި ރިޕޯޓުކޮށްފައިވާ ގޮތުން، މި މައްސަލައިގައި ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައި ވަނީ، މުހައްމަދު ސުލައިމާން އާއި ޖޮބައިދު އަހުމަދު ކިޔާ ދެ މީހުންނެވެ.

އެ ނޫހުގައިވާ ގޮތުގައި، މި ތަކެތި އަތުލައިގަތީ ބަންގްލަދޭޝްގެ ކަސްޓަމްސް އިންޓެލިޖެންސް އެންޑް އިންވެސްޓިގޭޝަން ޑައިރެކްޓްރޭޓް (ސީއައިއައިޑީ) މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު ހިންގި އޮޕަރޭޝަނެއްގައެވެ.

އެ ދުވަހުގެ ހަވީރު 06:15ގައި ރާއްޖޭން ޔޫއެސް-ބަންގްލާ އެއާލައިންސްގެ ބީއެސް338 ފްލައިޓުން ދިޔަ މި ދެ ފަސިންޖަރުން ކަސްޓަމްސްއިން ވަނީ ބަލައިފާސްކޮށްފައެވެ.

ހަޒްރަތު ޝާހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓު --- ފޮޓޯ/ ދަ ބަންގަދޭޝް މޮނިޓާ

އެ މީހުން ބަލައިފާސްކުރުމުގެ ތެރޭގައި ހަށިގަނޑުގައި ފޮރުވާފައި ހުރި 2.73 ކިލޯގެ ރަން ފެނިފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. އެ ނޫހުގައި ބުނެފައިވާ ގޮތުން، ބިހުގެ ބައްޓަމަށް ހުރި އެ ރަންތައް ފޮރުވާފައި ހުރީ އެ މީހުންގެ ފުރަގަސްފަރާތުގައެވެ.

އެ ގައުމުގެ ކަސްޓަމްސް އޮފިޝަލުން ބުނި ގޮތުގައި، ކޮންމެ މީހެއްގެ ހަށިގަނޑުން ތިން ރަންގަނޑު ވަނީ ފެނިފައެވެ. އެ ތަކެތީގެ މަގުމަތީ އަގު ހަތަރު ކްރޯޑް ޓާކާ ނުވަތަ 4.9 މިލިއަން ރުފިޔާއަށް އަރައެވެ.

ކަސްޓަމްސްއިން ބުނީ، އަތުލައިގަތް ރަން މިހާރު ވަނީ ރައްކާތެރިކަމާއެކު ބަހައްޓައިފައެވެ. އަދި މި ދެ ފަސިންޖަރުން ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް ދައުވާ އުފުލުމުގެ މަރުހަލާ ފަށާފައި ކަމަށް އެ އޮފިޝަލުންނާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ބަންގްލަދޭޝްގެ ނޫސްތަކުގައިވާ ގޮތުން އެ ދެ މީހުން ހައްޔަރުކުރި ދުވަހު، ޝާހް އަމާނަތު އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ ބަންގަލްދޭޝް މީހެއްގެ އަތުން ވެސް ވަނީ ރަންތަކެއް އަތުލައިގެންފައެވެ. އެ ތަކެތި ފޮރުވާފައި ހުރީ، ކައްކަން ގެންގުޅޭ ތަވައަކާއި ތަރުކާރީ ގާނަން ބޭނުންކުރާ އެއްޗެއްގައެވެ.

comment ކޮމެންޓް