އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވަސީލަތްތައް ކުރިއެރުވުމަށް ކުރާ ހޭދަތައް އިތުރުކުރުމާއި ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، މައިކްރޯސޮފްޓް ކުންފުނީގެ 60،000 އެއްހާ މުވައްޒަފުންނަށް އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ޕެކޭޖް ހުށަހަޅައިފިއެވެ. މިއީ އެ ކުންފުނީގެ މުޅި މުވައްޒަފުންގެ ގާތްގަނޑަކަށް 27 އިންސައްތައެވެ.
މައިކްރޯސޮފްޓުން މަޢުލޫމާތު ދޭ ގޮތުގައި މި ހުށަހެޅުން އަމާޒުކޮށްފައިވަނީ އެމެރިކާ، ކެނެޑާ، އިންޑިއާ އަދި އިނގިރޭސިވިލާތުގައި މަސައްކަތްކުރާ ވައިސް ޕްރެޒިޑެންޓް ފެންވަރާއި އޭގެ ދަށުގެ ވަކި ޓީމުތަކެއްގެ މުވައްޒަފުންނަށެވެ. ތަނުގެ ޑޭޓާ ސެންޓަރުތަކާއި، ސޭލްސް އަދި މާކެޓިން ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން މި ޕެކޭޖުން އިސްތިސްނާކުރެވިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނީގެ އެކްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އަދި ޗީފް ޕީޕަލް އޮފިސަރު އެމީ ކޯލްމަން މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މި ހުށަހެޅުމަކީ ކުންފުންޏަށް އަންނަ ބަދަލުތަކާ އެކު މުވައްޒަފުންގެ ކުރިމަގު ބައްޓަންކުރުމަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ.
މިއީ މި އަހަރުގެ ތެރޭގައި މައިކްރޯސޮފްޓުން މުވައްޒަފުންނަށް ވަޒީފާއިން ވަކިވުމުގެ ޕެކޭޖެއް ހުށަހެޅި ދެވަނަ ފަހަރެވެ. މީގެ ކުރިން ފާއިތުވި އޭޕްރީލް މަހުވެސް އެމެރިކާގެ މުވައްޒަފުންގެ ހަތް އިންސައްތައަށް އަވަހަށް ރިޓަޔާވުމުގެ ފުރުޞަތު ހުށަހެޅިއިރު، އެ ފުރުޞަތު ލިބުނު މުވައްޒަފުންގެ ތެރެއިން 30 އިންސައްތަ މުވައްޒަފުން ވަނީ އެ ޕެކޭޖް ގަބޫލުކޮށްފައެވެ.
ކުންފުނީގެ ހިސާބުތަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް މައިކްރޯސޮފްޓްގައި 228،000 މުވައްޒަފުން ތިބިއިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ އަދަދު ވަނީ 223،000 އަށް ދަށްވެފައެވެ.
ފަހަކަށް އައިސް ޓެކްނޮލޮޖީ ދާއިރާގެ ބޮޑެތި ކުންފުނިތަކުން އޭއައި ވަސީލަތްތައް ތަރައްގީކުރުމަށް އެތައް ބިލިއަން ޑޮލަރެއް ހޭދަކުރަމުންދާއިރު، އެ ދާއިރާގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށްޓަކައި ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އަންނަނީ ވަރުގަދަކުރަމުންނެވެ. އެގޮތުން މައިކްރޯސޮފްޓްގެ އިތުރުން ގޫގުލް، މެޓާ އަދި އެމެޒޯން ފަދަ ބޮޑެތި ޓެކް ކުންފުނިތަކުން ވެސް ވަނީ އޭއައި ރޭހުގައި ކުރިއެރުން ހޯދުމަށް އިސްކަންދީ، ކުންފުނިތަކުގެ އޮގަނައިޒޭޝަނަލް އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެތައް ހާސް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައެވެ.