ފިލްމު 'ސައްޔާރާ' އަށްފަހު އަހާން ރޮމޭންޓިކް އެކްޝަން ފިލްމަކަށް ތައްޔާރުވަނީ

ބޮލީވުޑްގެ ޒުވާން ފިލްމީ ތަރިން ކަމަށްވާ އަހާން ޕާންޑޭ އަދި ޝަރުވަރީ ވާގް--ފޮޓޯ/ފިލްމުފެއަ

ޔަޝް ރާޖް ފިލްމްސް (ވައިއާރްއެފް)އިން އުފައްދާ އުންމީދީ ރޮމޭންޓިކް އެކްޝަން ޑްރާމާގެ ނަމަކީ "ބޭޕަރްވާ"ކަން ރަސްމީކޮށް ހާމަކޮށް، ފިލްމުގެ ފުރަތަމަ ޓީޒާ ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ބޮލީވުޑްގެ އެންމެ އުއްމީދީ ތަރިންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ދެ ފިލްމީ ތަރިން ކަމަށްވާ އަހާން ޕާންޑޭ އަދި ޝަރުވަރީ ވާގް މުހިންމު ރޯލުތަކުން ފެންނަ މި ފިލްމުގެ ޕޯސްޓަރުގައި ހިމަނާފައިވާ "ލޯބީގައި ބިރެއްނެތި..." މި ޓެގްލައިނުން ފިލްމުގައި ހިމެނޭ ޖަޒުބާތީ އަދި ނުފޫޒުގަދަ މާހައުލު ވަރަށް ފުރިހަމައަށް ސިފަކޮށްދެއެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ، އަންނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުއެވެ. ފިލްމު ސިނަމާތަކަށް ދޫކޮށްލާ ދުވަސްވަރަކީ ދިގު ބަންދަކާ ދިމާވާ ތާރީޚަކަށް ވާތީ، މިއީ ބަންދު ދުވަސްވަރު ސިނަމާތަކަށް އޮންނަ ތަރުހީބުގެ ފައިދާ އެންމެ ފުރިހަމައަށް ނެގުމަށް ވައިއާރްއެފްއިން އެޅި ވިޔަފާރީގެ މުހިންމު ފިޔަވަޅެކެވެ.

ފިލްމުގެ ޓީޒާ ޕޯސްޓަރުން ފެންނަނީ ލޯތްބާއި ހަމަނުޖެހުން އެއް ތަނަކުން ދައްކުވައިދޭ ތަފާތު އަސަރުގަދަ މަންޒަރެކެވެ. އެގޮތުން ޒަޚަމްވެފައިވާ ހާލު ހަތިޔާރު އަޅައިގެން ހުރި އަހާން ފެންނައިރު، ޝަރުވަރީ ފެންނަނީ ގިޓާއެއް ހިފައިގެން ހުންނަ ތަނެވެ. އެއް ފްރޭމަކުން ފެންނަ މި ފުށުއެރުންތަކަކީ "ބޭޕަރްވާ" ނުވަތަ ފަރުވާލެއް ނެތުމުގެ މާނަ ދޭހަވާ ނަމާ ނުހަނު ގުޅޭ މަންޒަރެކެވެ.

އަހާން އާއި ޝަރުވަރީގެ އާ ފިލްމު "ބޭޕަރްވާ"ގެ ޕޯސްޓަރު--ފޮޓޯ/ވެރައިޓީ

މިއީ މި ދެ ތަރިން އެކުގައި ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރަށް ވާއިރު، އަހާން ވަނީ އޭނާގެ ފުރަތަމަ ފިލްމު "ސައްޔާރާ"އިން ބޮޑު މަގުބޫލުކަމެއް ހޯދައި، ބެލުންތެރިންގެ ލޯތްބާއި އިތުބާރު ވެސް ހޯދާފައެވެ. ހަމައެއާއެކު، ބަތަލާ ޝަރުވަރީ ވެސް ދަނީ "ބަންޓީ އައުރް ބަބްލީ 2"އިން ފެށިގެން "މުންޖްޔާ" އަދި އާލިއާ ބަޓް އާއެކު ކުޅުނު "އަލްފާ"ގެ ކާމިޔާބީއާއެކު އޭނާގެ ހުނަރު ބެލުންތެރިންނަށް ސާބިތުކޮށްދެމުންނެވެ.

ފުރަތަމަ ފިލްމުގެ ކާމިޔާބީއަށްފަހު ދެވަނަ ފިލްމަކީ ކޮންމެ އެކްޓަރެއްގެ ވެސް ޙަގީގީ ފެންވަރު ވަޒަންކުރެވޭ ބޮޑު އިމްތިޙާނަކަށް ވާތީ، އަހާން މި އިމްތިޙާނުން ފާސްކޮށްދިނުމަށް ވައިއާރްއެފްއިން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ މަގުބޫލު "ސުލްތާން" އަދި "ޓައިގާ ޒިންދާ ހޭ" ފަދަ މެގަ-ހިޓް ފިލްމުތައް ގެނެސްދިން އަލީ އައްބާސް ޒަފަރްއެވެ. މިއީ ޒަފަރު އަލުން ވައިއާރްއެފް އާ ގުޅި ޕްރޮޑިއުސަރު އަދިތުޔާ ޗޯޕްޅާއާ ގުޅިގެން އޭނާ މަސައްކަތްކުރާ ފަސްވަނަ ފިލްމެވެ. މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ވެސް އަދިތުޔާ އާއި ޒަފަރު ގުޅިގެންނެވެ.

ގިނަ މަންޒަރުތައް ޔޫކޭގައި ނަގާފައިވާ މި ފިލްމުގެ ކާސްޓުން އިތުރު ވަރުގަދަ ތަރިން ވެސް ފެންނާނެއެވެ. އެގޮތުން "އަލްފާ" އަށްފަހު އަނެއްކާވެސް ޝަރުވަރީއާއެކު ބޮބީ ޑިއޯލް ފެންނައިރު، ފިލްމުގެ މައި ވިލަންގެ ރޯލު ކުޅެނީ އައިޝްވަރީ ތާކްރޭއެވެ. އަލީ އައްބާސް ޒަފަރަކީ އަބަދުވެސް ބޮޑު ކެންވަހެއްގައި ބޮޑެތި ފިލްމުތައް ގެނެސްދޭ ޑައިރެކްޓަރަކަށް ވެފައި، މި ފިލްމުގައި ހިމެނޭ ތާޒާ ޖޯޑާއި ލޯތްބާއި ހަމަނުޖެހުމުގެ ފުރިހަމަ ފޯމިއުލާއަށް ބަލާއިރު، އަންނަ އަހަރު މި ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

comment ކޮމެންޓް