މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާނީ ނޮވެންބަރު 19ގައި

ރައީސް މުއިއްޒު ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، އަންނަ މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، މި ޖަލްސާ އޮންނާނީ އެރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.

މީގެއިތުރުން، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ދެއްވާ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުންވެސް މި ޖަލްސާގައި އޮންނާނެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްވާ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި، އިޚްލާސްތެރިކަމާއެކު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމެކެވެ.

މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި ހަނދާނީ ލިޔުމެކެވެ. މި އިނާމަށް ބޭފުޅުން ހޮއްވަވަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންކަމަށް ރައީސް އޮފީހުން ބުނެއެވެ.

މީގެ އިތުރުން، ޢިލްމާއި ހުނަރާއި އުފެއްދުންތެރިކަމުގެ ރޮނގުން ހިތްވަރާއެކު ހޯދާ ކާމިޔާބީ، ގައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ ޚާއްސަ އިނާމު ލިބޭ ފަރާތްތަކަށް ވެސް މި ޖަލްސާގައި އިނާމު ދެއްވާނެއެވެ.

ޚާއްސަ އިނާމާބެހޭ ކޮމިޓީން ފަރާތްތައް ހޮއްވަވާ މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމުކުރެވުނު ތާރީޚީ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 11 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަހަކީ ދިވެހިންގެ މިނިވަންކަމާއި، ޑިމޮކްރެޓިކް ހަމަތަކާއި، އަދި ގައުމީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ދުވަހެކެވެ.

comment ކޮމެންޓް